Advertisement
ކ. މާލެ
|
17 އޮކްޓޯބަރ 2021 | އާދީއްތަ 12:47
ފުލުހުން ހިންގި އޮޕަރޭޝަންގައި އަތުލައިގަތް 215 ކިލޯގެ މަސްތުވާތަކެތި،
ފުލުހުން ހިންގި އޮޕަރޭޝަންގައި އަތުލައިގަތް 215 ކިލޯގެ މަސްތުވާތަކެތި،
ޓްވިޓަރ
ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަތުން
215 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރު ކުރި ދެމީހުންގެ ބަންދަށް 15 ދުވަސް!
އިތުރު ތަފްސީލެއް ހާމަކޮށްފައިނުވޭ
މިއޮޕަރޭޝަންގައި އެމްއެންޑީއެފް އާއި އިންޑިޔާއިން އެހީތެރިކަން ފޯރުކޮށްދީފައިވޭ

އަތުލައިގަތް 215 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި ދެ މީހުންގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ.

ރާއްޖެއެމްވީއަށް ފުލުހުން ބުނީ އޮޕަރޭޝަންގައި ދެމީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި، ދެ މީހުންގެ ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލް ހާމަކޮށްފައެއް ނުވެއެވެ.

މި އޮޕަރޭޝަންއާ ބެހޭ ގޮތުން ކޮމިޝަނަރ އޮފް ޕޮލިސް (ސީޕީ) މުހައްމަދު ހަމީދު ވިދާޅުވީ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓާއި މެރިން ޕޮލިސް އާއި ފޮރެންސިކްސް އަދި ރ. އަތޮޅު ފުލުހުން ގުޅިގެން އޮކްޓޫބަރު މަހުގެ 13ވީ ބުދަ ދުވަހުން ފެށިގެން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި ގާތްގަނޑަކަށް 215 ކިލޯގެ ހެރޮއިން ހޯދާފައިވާ ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން ސީޕީ ވަނީ އެ އޮޕަރޭޝަނަށް އިންޑިއާ ސަރުކާރާއި އެމްއެންޑީއެފްއިން ވެދިން އެހީއަށް ޝުކުރު އަދާކުރައްވާފައެވެ.

މިއޮޕަރޭޝަންގައި އެމްއެންޑީއެފް އާއި އިންޑިޔާއިން ވެދީފައިވަނީ ކޮން އެހީތެރިކަމެއްކަމާއި އޮޕަރޭޝަންގެ ތަފްސީލެއް އަދި ހާމައެއް ނުކުރެއެވެ.

Advertisement

މަސްތުވާތަކެތި ހޯދުމަށް ކުރިޔަށްގެންދާ އޮޕަރޭޝަންގެ ތެރެއިން 215 ކިލޯގެ މަސްތުވާތަކެތި މިއަތުލައިގަތީ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓާއި ޑްރަގް އިންޓެލިޖެންސާއި މެރިން ޕޮލިސް އަދި ފޮރެންސިކް ޓީމުން ވޭތުވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައި ހިންގި އޮޕަރޭޝަނެއްގައި 100 އެއްހާ ކިލޯގެ ހެރޮއިން އަތުލައިގަތް ފަހުންނެވެ. މި މައްސަލައިގައި 10 މީހަކު ހައްޔަރުކުރިއެވެ. އެގޮތުން ހެރޮއިން އަތުލައިގަތީ ތަފާތު 10 ސަރަހައްދުންކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެފައިވެއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިސަރު އޭރު ވިދާޅުވީ 10 ސަރަހައްދަކުން މަސްތުވާތަކެތި އަތުލައިގަތް ކަމަށެވެ. އެ އޮޕަރޭޝަނުގައި، މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކާއި ބައެއް ފަޅުރަށްތައް ބަލައި ފާސްކޮށްފައިވާއިރު، 100 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ފަޅުރަށެއްގައި ފޮރުވާފައި ހުއްޓައި ފުލުހުންވަނީ ހޯދާފައެވެ.

އެކަމާ ގުޅޭ ފަހުގެ މައުލޫމާތުތައް ހިއްސާކޮށް ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 19 އަހަރުގެ މީހަކާއި 24 އަހަރުގެ ދެ މީހުންނާއި 25 އަހަރު، 26 އަހަރު، 27 އަހަރު، 30 އަހަރު، 34 އަހަރު، 35 އަހަރުގެ މީހަކާ އަދި 61 އަހަރުގެ މީހެއް ކަމަށެވެ. މި މީހުންގެ ތެރޭގައި ހިމެނެނީ 8 ދިވެހިންނާއި ދެ ބިދޭސިންކަން ފާހަގަކޮށް ފުލުހުން ބުނީ މި އެންމެންނަކީ ވެސް ފިރިހެނުން ކަމަށެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ހަތަރު މީހެއްގެ ބަންދަށް 15 ދުވަސް ތިން މީހެއްގެ ބަންދަށް 10 ދުވަސް އަދި އެކަކަށް ފަސް ދުވަހުގެ މުއްދަތު ދީފައިވެއެވެ. އަދި އަނެއް ދެ މީހުން ކޯޓުން ވަނީ ދޫކޮށްލާފައެވެ. އެ ދެ މީހުން ދޫކޮށްލުމުން އިސްތިއުނާފު ކުރުމަށް އެދި މިހާރު ވަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
- ކޮމެންޓް