ފީފާ ވޯލްޑް ކަޕުގެ ދެކުނު އެމެރިކާ ކޮލިފައިންގައި ހުކުރު ދުވަހުގެ ފަތިހު ކުޅުނު މެޗުން އުރުގުއޭ ބަލިކޮށް އަންނަ އަހަރު ގަތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕަށް ކޮލިފައިވުމާ ގާތަށް ބްރެޒިލް ޖެހިލިއިރު، ޕެރޫ ބަލިކޮށް ވޯލްޑް ކަޕުގެ ޖާގައެއް ކަށަވަރުކުރުމުގެ ފުރުސަތު އާޖެންޓީނާއިންވެސް ބޮޑުކޮށްފިއެވެ.
އަމިއްލަ ގައުމުގައި ކުޅުނު މެޗުން ބްރެޒިލް މޮޅުވީ އުރުގުއޭ އަތުން 4-1 ގެ ނަތީޖާއަކުންނެވެ.
ހުކުރު ދުވަހުގެ ފަތިހު ކުޅުނު މެޗު ފަށައިގެން 10 ވަނަ މިނެޓުގައި ނޭމާ ވަނީ ބްރެޒިލަށް ލީޑު ނަގައިދީފައެވެ. އަދި އޭގެ އަށް މިނެޓު ފަހުން ބްރެޒިލަށް ލީޑު ފުޅާކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ ރަފީނިއާއެވެ. އަދި ދެވަނަ ހާފުގެ 14 ވަނަ މިނެޓުގައި ރަފީނިއާ ބްރެޒިލުގެ ތިންވަނަ ލަނޑު ޖެހިއިރު، އެ ޓީމުގެ ހަތަރުވަނަ ލަނޑު މެޗު ނިމެން ހަތް މިނެޓަށް ވެފައި ވަނިކޮށް ކާމިޔާބުކޮށްދިނީ ގަބްރިއެލް ބާބޯސާއެވެ. މި މެޗުގައި އުރުގުއޭގެ ހަމައެކަނި ލަނޑު ހިލޭ ޖެހުމަކުން ކާމިޔާބުކޮށްދިނީ ލުއިސް ސުއަރޭޒެވެ.
މި މޮޅާއެކު ދެކުނު އެމެރިކާ ކޮލިފައިންގެ ތާވަލުގެ އެއްވަނައިގައި ބްރެޒިލް އޮތީ ކުޅުނު 11 މެޗުން ލިބުނު 31 ޕޮއިންޓާއެކުއެވެ. އެ އާއެކު ވޯލްޑް ކަޕަށް ކޮލިފައިވާން ދެން ބްރެޒިލަށް ބޭނުންވަނީ އެންމެ މޮޅެކެވެ.
މީގެ އިތުރުން ވޯލްޑް ކަޕުގެ ޖާގައެއް ކަށަވަރުކުރުމުގެ ފުރުސަތު އާޖެންޓީނާއިން ބޮޑުކުރީ ހުކުރު ދުވަހުގެ ފަތިހު 1-0 ގެ ނަތީޖާއަކުން ޕެރޫ ބަލިކޮށްގެންނެވެ. މި މޮޅާއެކު އާޖެންޓީނާއިން ވަނީ ބަލިނުވެ 25 މެޗު ހަމަކޮށްފައެވެ.
އަމިއްލަ ގައުމުގައި ކުޅުނު މެޗުގައި އާޖެންޓީނާއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު ފެނިގެންގޮސްފައިވަނީ ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ލަޓާރޯ މާޓިނޭޒެވެ.
މި މޮޅާއެކު ކޮލިފައިންގެ ދެވަނައިގައި އާޖެންޓީނާ އޮތީ 11 މެޗުން 25 ޕޮއިންޓާއެކުއެވެ. ތިންވަނައިގައި އޮތީ 12 މެޗުން 17 ޕޮއިންޓް ހޯދާފައިވާ އިކުއެޑޯއެވެ. އަދި ހަތަރުވަނައިގައި އޮތް ކޮލަމްބިއާ އާއި ފަސްވަނައިގައި އޮތް އުރުގުއޭއަށް ވަނީ 12 މެޗުން 16 ޕޮއިންޓް ލިބިފައެވެ. އެހެންކަމުން ވޯލްޑް ކަޕުގެ ޖާގައެއް ހޯދަން އާޖެންޓީނާއަށް ކޮލިފައިންގައި ބާކީ އޮތް ހަތް މެޗުން ބޭނުންވަނީ ފަސް ޕޮއިންޓެވެ.