އދ. ދަނގެތީގައި އަނިޔާވެރި ގޮތަކަށް ވިޔަފާރިވެރިއެއް މަރާލުމާ ގުޅިގެން ދެމީހަކު ހައްޔަރު ކޮށްފިއެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މަޙްމޫދު އަބޫބަކުރުގެ މަރާގުޅިގެން އެރަށުގެ ރައްޔިތުން ދެމީހަކަށް ތުހުމަތު ކުރެއެވެ. އެއީ ރަށަށް ގޮސް އުޅޭ އއ. ތޮއްޑޫ ދެމީހުންނެވެ. މިހާރު އެ ދެމީހުން ތިބީ ދަނގެތީ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައެވެ.
57 އަހަރުގެ މަޙްމޫދު މަރާލާފަައިވަނީ ވަރަށް އަނިޔާވެރިކޮށްށެވެ. އޭނާގެ ބޮލަށާއި ފަޔަށް ގޯއްޏެއް ލައްވައި، ވަޅެއްގައި އެކޮޅުކޮޅުން އޮތީ އެލުވާފައެވެ. އޭނާއަށް ވަރަށް ބޮޑަށް އަނިޔާކޮށްފައިވާ ކަމުގެ ނިޝާންތައް ހަށިގަނޑުގެ ބޭރުފުށުން ފެންނަން ހުރި ކަމަށް މަންޒަރު ދުށް މީހުން ބުނެއެވެ.
އެރަށުގެ ކައުންސިލްގެ ރައީސް މުޢާވިއަތު ރަޝީދު ވިދާޅުވީ, މަޙްމޫދަކީ ވަރަށް ރަނގަޅު މީހެއް ކަމަށާއި އޭނާއަކީ ބޮޑު ވިޔަފާރިވެރިއެއް ކަމަށެވެ. އެންމެންނާވެސް ގުޅިގެން މަސައްކަތްކުރާ މަޙްމޫދާ ޒާތީ އެއްވެސް މައްސަލައެއް އޮތް މީހަކު ނުހުންނާނެ ކަމަށެވެ. އަދި އޭނާގެ 4 ކުދިން ތިބޭ ކަމަށާއި، ކާފަ ކިޔާ ކުދިން ވެސް ތިބި ކަމަށް މުޢާވިއަތު ވިދާޅުވިއެވެ.
މޮނަލާޒް ރެސްޓޯރަންޓް ވެރިޔާ މަޙްމޫދަކީ އެރަށު ރައްޔިތުންނަށް ބޭނުންވާ ގޭހާއި ކާޑުގެ ބާވަތްތައް ރަށަށް ފޯރުކޮށްދޭ މީހާއެވެ. އަދި ބަގީގެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދެމުންދެއެވެ.
ބުދަ ދުވަހުގެ ރޭ މަޙްމޫދު ގެއިން ނުކުތީ ރާއްޖެއާއި އިންޑިއާ ބައްދަލުކުރި މެޗު ބެލުމަށްފަހުއެވެ. ނަމަވެސް އޭނާގެ ޚަބަރެއް ނުވުމުން އާއިލާއިން ކައުންސިލަށް ރިޕޯޓުކޮށްފައިވެއެވެ.
ފުލުހުން ބުނީ ދަނގެތީގައި ގޯންޏަކަށް ލައި އެއްލާލައިފައި އޮތް މީހަކު ފެނިފައިވާ ކަމަށް ބުރާސްފަތި ދުވަހު ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
މަހިބަދޫއިން މިހާރު ފޮރެންސިކް ޓީމެއް ދަނީ ދަނގެތީގައި ހަރަކާތްތެރިވަމުންނެވެ.
މިމަރާ ގުޅިގެން އެރަށުގެ ރައްޔިތުން ތިބީ ބިރުވެރިކަމެއްގެ ތެރޭގައެވެ. މިއީ މުޅި ރަށަށް ވެސް ގެނުވި ވަރަށް ބޮޑު ސިހުމެއްގެ ގޮތުގައި ކައުންސިލުން ސިފަކޮށްފައިވެއެވެ.