Advertisement
ކ. މާލެ
|
5 އޮކްޓޯބަރ 2025 | އާދީއްތަ 14:29
ރައީސް މުއިއްޒު ދަނގެއްޗަށް ވަޑައިގަންނަވާތީ ސާމާނު އެ ރަށަށް ގެންނަނީ
ރައީސް މުއިއްޒު ދަނގެއްޗަށް ވަޑައިގަންނަވާތީ ސާމާނު އެ ރަށަށް ގެންނަނީ
ރާއްޖެއެމްވީ
ދަނގެތި
މުއިއްޒު ވަޑައިގަންނަވާތީ "މުޅި ސަރުކާރު" ދަނގެތީގައި
ރައީސް މުއިއްޒު ހޯމަ ދުވަހު ދަނގެއްޗަށް ވަޑައިގަންނަވާއިރު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު އާއި ފިޓްނެސް ސެންޓަރު އަދި އެހެނިހެން މަޝްރޫއުތަކުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދޭ
2025 ވަނަ އަހަރުގެ ބަޖެޓަކީ ބޯހިޔާވަހިކަމުގެ ބަޖެޓެއްގެ ގޮތުގައި ފާހަގަ ކުރައްވައި، 1.5 ބިލިއަން ރުފިޔާގެ ހައުސިންގ މަޝްރޫއު މުޅި ރާއްޖޭގައި ހިންގުމަށް ރޭވިފައިވާ ކަމަށް އެންމެ ފަހުން ދަނގެއްޗަށް ވަޑައިގެން ވިދާޅުވި
ދަނގެތީގައި އެންމެ އިސްކަމެއް ދެއްވާނީ ބަނދަރު ހެދުމާއި ބިންހިއްކުމުގެ މަޝްރޫއާއި ބޯހިޔާވަހި ކަމަށް ކަމުގައި އޮތީ ވިދާޅުވެފައި

ހޯމަ ދުވަހު ރައީސް މުހައްމަދު މުއިއްޒު ދަނގެއްޗަށް ވަޑައިގަންނަވާތީ، "މުޅި ސަރުކާރު" ދަނގެތީގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނެފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، މުއިއްޒުގެ ދަތުރުފުޅުތަކުގައި ކޮންމެ ރަށެއްގައި ގިނަ މަޝްރޫއުތަކެއް ފަށާ އުސޫލުން ދަނގެތީގައި ވެސް ގިނަ މަޝްރޫއުތަކެއް ދަތުރުފުޅާ ދިމާކޮށް ފެށުމަށް ސަރުކާރުގެ އެޑްވާންސް ޓީމުތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

މައުލޫމާތު ދިން ރަށުގެ ރައްޔިތަކު ބުނީ ހޮނިހިރު ދުވަހުގެ ހަވީރާ ހަމައަށް ގާތްގަނޑަކަށް 150 އެއްހާ މީހުން ކުންފުނިތަކާއި އޮފީސް ތަކުގެ ޓީމުތަކުގައި ރަށަށް އައިސްފައިވާ ކަމަށެވެ.

އޭނާ ބުނި ގޮތުގައި "ހައިމާކާއި، ކެރޭނާއި، ކޮޅުވެއްޓި އާއި ލޮރީ ތަކާއި، ސަޕްލައި ބޯޓު ފަހަރުން ރަށުގެ ބަނދަރުމަތި ހީވަނީ އެހެން ކަމެއް ހެން،" ކަމުގައެވެ.

މުއިއްޒުގެ މި ދަތުރުފުޅުގައި ދަނގެތީގެ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު އާއި، ފިޓްނެސް ސެންޓަރާއި، ޕޮލިސް އިމާރާތާއި، ކައުންސިލް އިމާރާތުގެ މަސައްކަތް ފެށުމުގެ ގޮތުން ބިންގާ އެޅުމުގެ ރަސްމިއްޔާތުތަކަށް އަންނަނީ ތައްޔާރު ވަމުންނެވެ.

ރައީސް މުއިއްޒު އެންމެ ފަހުން ދަނގެއްޗަށް ޒިޔާރަތް ކުރެއްވީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހުއެވެ.

އެ ދަތުރުފުޅުގައި ދަނގެތީގެ ރައްޔިތުންނާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގައި 2024 ވަނަ އަހަރު އެއްވެސް ކަމެއް ކުރިއަށް ނުގެންދެވުނީ އެ އަހަރަށް ފާސްކުރި 49.8 ބިލިއަން ރުފިޔާގެ ބަޖެޓަކީ ކުރީ ސަރުކާރުން ހުށަހަޅައިގެން ފާސް ކޮށްފައި އޮތް ބަޖެޓެއް ކަމަށްވެފައި، ދަނގެތީގައި ވެސް ކުރަން ހުރި ކަންކަން ހިމެނޭހެން، ކުދިކުދި ޢަދަދުތަކުން ނަންބަރުތަކެއް ޖަހާލާފައި ހަދާފައި އޮތް ބަޖެޓަކަށް ވާތީ ކަމުގައެވެ. އެހެން ކަމުން ސަރުކާރުން ބޭނުންވި ވަރަކަށް، ވަޢުދުތައް ފުއްދާކަށް މާގިނަ މަސައްކަތްތަކެއް ނުކުރެވުނީ ކަމަށެވެ.

މުއިއްޒު މިހެން ވިދާޅުވި ނަމަވެސް ކުރީ ސަރުކާރުގެ ފިނޭންސް މިނިސްޓަރު ވިދާޅުވެފައި ވަނީ 2024 ވަނަ އަހަރުގެ ބަޖެޓް ތައްޔާރު ކޮށްފައި ވާނީ އިންތިގާލީ މަރުހަލާގައި އިންތިޚާބީ ރައީސް ގެ އޮފީހުން ބުނި ހުރިހާ ކަމެއް ބަޖެޓް ގައި ހިމަނަައިގެން ކަމުގައެވެ.

ދަނގަތީ ރައްޔިތުންނާ ބައްދަލު ކުރައްވާ މުއިއްޒު ދެއްކެވި ވާހަކަފުޅުގައި 2025 ވަނަ އަހަރުގެ ބަޖެޓަކީ "ބޯހިޔާވަހި ކަމުގެ ބަޖެޓް" ކަމަށާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި، އެމަނިކުފާނު ވަޢުދުވީ ގާތްގަނޑަކަށް ހުރިހާ ރަށެއްގައިހެން ޢަމަލީ ގޮތުން މަޝްރޫޢުތައް ފެށޭވަރަށް ބަޖެޓުގައި ފައިސާ ހިމަނާފައި ވާނެ ކަމަށެވެ. "1.5 ބިލިއަން ރުފިޔާގެ ހައުސިންގ މަޝްރޫޢު ހިންގަން ބަޖެޓް އެއޮތީ ހަދާފައި،" ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ، ތަރައްޤީގެ މަޝްރޫޢުތަކަށް ބަލާއިރުގައި އެންމެ އިސްކަމެއް ދެއްވަނީ ގެދޮރުވެރިކަމުގެ މަޝްރޫޢުތައް ހިންގަން ކަމަށާއި، އެހެންވީމާ، ގެދޮރުވެރިކަމުގެ ދާއިރާއިން އެމަނިކުފާނު ވެފައި ހުރި ގިނަ ވަޢުދުތައް ފުއްދުމުގެ ޢަމަލީ މަސައްކަތް ފަށަން 2025 ވަނަ އަހަރަށް ބަޖެޓް ހަދާފައި އޮތް ކަމުގައެވެ.

މުއިއްޒު ވިދާޅުވީ ދަނގެތީގައި އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ކުރިއަށް ގެންދަވާނީ ބަނދަރު ކަމަށާއި ދެން ބިން ހިއްކުމާ ގުޅިގެން އަންނަ ކަންތައްތައް ކަމުގައެވެ. "ބަނދަރު ހަދާއިރުގައި، ރަށް ގިރުމާއި، މި ހުރިހާ ކަމެއް ޝާމިލްވާގޮތަށް، އޯލް-އެންކޮމްޕެސިންގ، ހުރިހާ މައްސަލައެއް ޙައްލުވާގޮތަށް ގެންދިޔުން،" އެއީ އަމާޒު ކަމަށް ވިދާޅުވިއެވެ.

މުއިއްޒު ވަނީ ދަނގެތީ ރައްޔިތުންނަށް ކަލްޗަރަލް ސެންޓަރެއް ހައްދަވައިދެއްވާނެ ކަމަށް ވެސް ވައުދުވެފައެވެ.

"އެކަމާ ކަންބޮޑުވެނުލައްވާ. އިރާދަކުރެއްވިއްޔާ އެ މަޝްރޫޢު ކުރިއަށްގެންދާނަން،" ކަލްޗަރަލް ސެންޓަރާ ބެހޭ ގޮތުން ވިދާޅުވެފައިވެއެވެ.

އޭގެ އިތުރުން ކުނި މެނޭޖް ކުރުމުގެ ސެންޓަރެއް ދަނގެތީގައި ހައްދަވައިދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

"އާދެ، އެހެންވީމާ، އަޅުގަނޑު ހިތުން ދަނގެތީގެ ރައްޔިތުންނަށް ބޭނުންވާ ހުރިހާ ކަމެއްގެ ވާހަކަ ޖުމްލަ ގޮތެއްގައި އަޅުގަނޑަށް މި ދެންނެވުނީ. ބަނދަރުގެ މައްސަލަ. ތިޔަބޭފުޅުން އެދިވަޑައިގަންނަވާ، އެއާ ގުޅިފައިވާ ހުރިހާ ކަމަކަށް އެޑްރެސްވާ ގޮތަށް އެ މަޝްރޫޢު ކުރިއަށް ގެންދިޔުމާއި، ބިން ހިއްކުމުގެ މަޝްރޫޢު ކުރިއަށް ގެންދިޔުމާއި، ގޯތިދިނުން، ހައުސިންގ މަޝްރޫޢު ކުރިއަށް ގެންދިޔުން. އަދި އެއާއެކީގައި ދެންހުރި ކަންކަން. ކުޅިވަރު، ތަޢުލީމީ ދާއިރާގައްޔާއި، ޞިއްޙީ ދާއިރާއިން އެދިވަޑައިގަންނަވާ، ތިޔަބޭފުޅުން އެކްސްޕެކްޓް ކުރައްވާ ކަންތައްތަކެއް އެބަހުރި،" ދަނގެތީ ރައްޔިތުންނަށް މުއިއްޒު ވިދާޅުވެފައިވެއެވެ.

- ކޮމެންޓް