ރާއްޖޭގައި ވޮލީބޯޅަ ކުރިއެރުވުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ދުނިޔޭގެ ވޮލީބޯޅައިގެ މައި ޖަމުއިއްޔާ، އެފްއައިވީބީގެ ރައީސް އަރީ ގްރާސާ މަޝްވަރާކުރައްވައިފިއެވެ.
މި މަޝްވަރާ ބައްދަލުކުރެއްވުން ބާއްވާފައި ވަނީ ބުދަ ދުވަހުގެ މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ބައްދަލުކުރެއްވުމުގައި އެފްއައިވީބީގެ ރައީސް ގްރާސާ ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ މާހައުލު އޮތްގޮތުން ރާއްޖޭގެ ދިރިއުޅުމުގެ ވައްޓަފާޅި ބިނާވެފައިވަނީވެސް ބީޗް ވޮލީބޯޅަ ފަދަ ކުޅިވަރުތަކަށް ކުރިއެރުވުމަށް އެންމެ އެކަށީގެންވާ ގޮތަށްކަން ފާހަގަކުރެއްވިއެވެ.
އަދި މި ބައްދަލުކުރެއްވުމުގައި ރައީސް ޞާލިޙް ދެއްކެވި ވާހަކަފުޅުގައި ޒުވާން ކުޅުންތެރިން އެ މީހުންގެ ހުނަރު ކުރިއަރުވައި ބައިނަލްއަގުވާމީ ކުޅިވަރުގެ ހަރަކާތްތަކުގައި ރާއްޖޭގެ ކުޅުންތެރިންގެ ބައިވެރިވުން އިތުރުކުރުމަށް ސަރުކާރުން ކުރާ މަސައްކަތް ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގައި ވޮލީބޯޅަ ކުރިއެރުވުމަށްޓަކައި ރާއްޖޭގައި އެ ދާއިރާއިން ގާއިމުވެފައިވާ ޖަމުއިއްޔާ ޖަމާއަތްތަކާއި އަދި އެނޫންވެސް ފަރާތްތަކަށް ވަސީލަތުގެ ގޮތުންނާއި އެނޫންވެސް ގޮތްގޮތުން އެހީތެރިކަން ބޭނުންވާކަން ފާހަގަކުރެއްވިއެވެ. އެ ގޮތުން ކުޅުންތެރިން ބިނާކުރުމުގެ މަސައްކަތް ދާއިމީ ގޮތެއްގައި ކުރިއަށްގެންދިއުމުގައި ހައި ޕާފޯމަންސް ޓްރެއިނިން ސެންޓަރެއް ރާއްޖޭގައި ގާއިމުވެފައި ހުރުމުގެ މުހިންމުކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ރާއްޖޭގައި ޚާއްސަކޮށް ބީޗްވޮލީ ކުރިއެރުވުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
ރާއްޖޭގައި ވޮލީ ކުރިއަރުވަން ރައީސް ޞާލިޙާއި އެފްއައިވީބިގެ ރައީސް މަޝްވަރާކުރެއްވިއިރު، ރާއްޖޭގައި ބީޗް ވޮލީބޯޅަ ކުރިއެރުވުމަށް އަންގާރަ ދުވަހު އެފްއައިވީބީއާއެކު ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން ރާއްޖޭގައި ބީޗްވޮލީބޯޅަ ކުރިއަރުވަން ދެ އަހަރު ދުވަހުގެ ކޯޗިން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދަން ވަނީ ނިންމާފައެވެ. އަދި ގައުމީ އަންހެން އަދި ފިރިހެން ޓީމުގެ ކުޅުމުގެ ފެންވަރު މަތިކުރުމާއި، ގްރާސްރޫޓުން ފެށިގެން މަތީ ފެންވަރާ ހަމައަށް ބީޗް ވޮލީން ކުޅުންތެރިން ތަމްރީނުކުރުމުގެ މަސައްކަތްތަކަށް ކުރިއެރުން ހޯދުމަށްވެސް ވަނީ އެއްބަސްވެފައެވެ.
އެފްއައިވީބީން ކުރިއަށް އޮތް ތަނުގައި ވޮލީބޯޅައިގެ ބައިނަލްއަގުވާމީ މުބާރާތްތައް ރާއްޖޭގައި ބާއްވާއިރު، ބީޗް ވޮލީބޯޅައަކީ ސްޕޯޓްސް ޓުއަރިޒަމެއްގެ ގޮތުގައި ކުރިއެރުވޭނެ ކުޅިވަރެއް ކަމަށް ގްރާސާ މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.