ރަން ދިހަފަހެއް ނޫޓު ސީރީޒްގެ 20 ރުފިޔާގެ ނޫޓުގެ ސްޓޮކް މަދުވެގެން އަލުން ޗާޕުކޮށްފިއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ބުނީ އެ އޮތޯރިޓީން ނެރެފައިވާ ރަން ދިހަފަހެއް ނޫޓު ސީރީޒްގެ ނޫޓުތަކުގެ ތެރެއިން 20 ރުފިޔާގެ ނޫޓުގެ ސްޓޮކް މަދުވުމުގެ ސަބަބުން އަލުން ޗާޕުކޮށްގެން ބުދަ ދުވަހު ރާއްޖެ ގެނެސްފައިވާ ކަމަށެވެ. އަދި ދައުލަތުގެ ޚަޒާނާގައި ރައްކާކުރެވިފައިވާކަމަށް އެމްއެމްއޭއިން ބުނެފައިވެއެވެ.
ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުމާ ދިމާކޮށް 2016 ވަނަ އަހަރުގެ ޖެނުއަރީގައި ރަންދިހަ ފަހެއްގެ ނަމުގައި ބޭނުން ކުރަން ފެށި އާ ނޫޓުތައް ހަދާފައި ވަނީ ޕޮލިމާ ކަރުދާހުގައި އާ ޑިޒައިނަކަށެވެ. ރަން ދިހަ ފަހެއްގެ ނޫޓު ސީރީޒްގައި ހިމެނެނީ 5، 10، 20، 50، 100، 500 އަދި 1،000ރ. ގެ ނޫޓުތަކެވެ.
އެއަށްފަހު އެތައް ފަހަރެއްގެ މަތިން ސްޓޮކް މަދުވުމުގެ ސަބަބުން ނޫޓު އަލުން ޗާޕުކޮށްފައިވެއެވެ.