ކ. މާލެ
|
13 އޮކްޓޯބަރ 2021 | ބުދަ 12:03
ޕޮލިސް އޮފިސަރުންތަކެއް- ފުލުހުންގެ ގާނޫނަށް ގެނައި ބޮޑެތި އިސްލާހުތަކުގެ ތެރެއިން އެއް އިސްލާހަކީ ފުލުހުންގެ ބޯޑެއް އުފެއްދުން
ޕޮލިސް އޮފިސަރުންތަކެއް- ފުލުހުންގެ ގާނޫނަށް ގެނައި ބޮޑެތި އިސްލާހުތަކުގެ ތެރެއިން އެއް އިސްލާހަކީ ފުލުހުންގެ ބޯޑެއް އުފެއްދުން
ޕޮލިސް
ވަކިކުރާ ފުލުސް އޮފިސަރުންގެ މައްސަލަ
ވަކިކުރަން ނިންމި ފުލުހުންގެ މައްސަލަ: ޤައުމީ ސަލާމަތަށް ބަލައި ސިއްރު
 
ސިއްރުކުރީ ދިވެހި ރާއްޖޭގެ ޤައުމީ ސަލާމަތަށް ނުރައްކާވެދާނެކަމަށް ފެންނާތީ
 
އޮފިސަރުންގެ ދުސްތޫރީ އަދި ގާނޫނީ ހައްގުތަކެއް ގެއްލިފައިވާކަން ފާހަގަކުރި
 
އެއްވެސް އޮފިސަރަކަށް އަމިއްލަ ދިފާއުގައި ބަސްބުނުމަށް ފުރުސަތު ލިބިފައިނުވޭ

ޕޮލިސް ބޯޑުން ވަކި ކުރަން ނިންމާފައިވާ ފުލުހުންގެ 7 އޮފިސަރުންގެ ތެރެއިން ފަސް އޮފިސަރުން ސިވިލް ކޯޓަށް ހުށައެޅި މައްސަލަ ސިއްރުކޮށްފިއެވެ.

މައްސަލައިގެ ޚުލާސާއެއް:

ފުލުހުންގެ ގާނޫނަށް ގެނައި ބޮޑެތި އިސްލާހުތަކުގެ ތެރެއިން އެއް އިސްލާހަކީ ފުލުހުންގެ ބޯޑެއް އުފެއްދުމެވެ. މިބޯޑުން ފުލުހުންގެ ލީޑަރޝިޕްގައި ތިއްބަވަނީ ގާބިލް ބައެއްތޯ ކަށަވަރުކުރަންޖެހެއެވެ. އެގޮތުން އެގާނޫނަށް އަމަލުކުރަން ފަށާތާ 4 މަސް ދުވަހުގެ ތެރޭ ފުލުހުންގެ އިދާރާ އިސްލާހުކުރުމުގެ މަސައްކަތް ނިންމުމަށް ގާނޫނުގައި ބުނެފައިވެއެވެ. ގާނޫނުގައިވާ ގޮތުން ކޮމިޝަންޑް އޮފިސަރުންގެ ތެރެއިން ކޮމިޝަނަރ އޮފް ޕޮލިސް ފިޔަވައި، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސްއިން ފެށިގެން މަތީ ރޭންކުގެ ކޮމިޝަންޑް އޮފިސަރުން، ފުލުހަކަށް ވީތީ އެމީހަކަށް ލިބިފައިވާ ގާނޫނީ ބާރާއި އިޚްތިޔާރު ނަހަމަ ގޮތުގައި ބޭނުންކޮށް، ލާއިންސާނީ އަނިޔާވެރި އަމަލެއް ނުވަތަ ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭތޯ ބޯޑުން ބަލަން ޖެހެއެވެ.

އެގޮތަށް އެ ބޯޑުން ކުރި މަސައްކަތުގައި 7 އޮފިސަރަކު މަގާމުން ވަކިކުރުމަށް ނިންމައި, ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދަށް, އެކަން ތަންފީޒުކުރުމަށް ފޮނުވާފައިވަނީ ނިމިގެންދިޔަ އޮގަސްޓްމަހުގެ 9 ވަނަ ދުވަހުއެވެ. މިހާތަނަށް އައިއިރު ސީޕީ ނިންމަވާފައިވަނީ އޭގެތެރެއިން ދެ އޮފިސަރަކު މަގާމުން ވަކިކުރުމަށެވެ. އެއީ އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރ މުޙައްމަދު ޖަމްޝީދާއި އެސިސްޓެންޓް ކޮމިޝަނާ އަޙުމަދު މުހައްމަދު (ޓޫފޯ)އެވެ. އެ ދެ ބޭފުޅުން މަގާމުން ވަކިކުރުމުގެ އިޖުރާއަތްތައް ވަނީ ފަށާފައެވެ.

ފުލުހުންގެ އޮފިސަރުންތަކެއް މަގާމުން ވަކިކުރަން ނިންމުމާއި ގުޅިގެން އެ ދެ ބޭފުޅުން ވެސް ހިމެނޭ ގޮތަށް ސިވިލް ކޯޓަށް 5 އޮފިސަރުންގެ ފަރާތުން ވަނީ މައްސަލަ ހުށަހަޅުއްވާފައެވެ. ދެން މިމައްސަލަ ހުށަހަޅުއްވާފައިވާ ތިން އޮފިސަރުންނަކީ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިސްމާޢީލް ޝަމީމް އާދަމް އާއި ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ޝަރީފް އަދި ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ދާއޫދުއެވެ.

ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުގައި ބާކީ ތިބި ދެ އޮފިސަރުންކަމުގައިވާ އެސިސްޓެންޓް ކޮމިޝަނާ ފަރުހާދު ފިކުރީ އާއި ޗީފް ސުޕްރިންޓެންޑެންޓް އަޙުމަދު ޝުހާދު ބައިވެރިއެއް ނުވެއެވެ.

އެ މައްސަލައާ ގުޅޭ ގޮތުން 5 އޮފިސަރުން ތަމްސީލުކުރާ ދިވެހި ޗެމްބަރސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ, އެ އޮފިސަރުންކުރެ އެއްވެސް އޮފިސަރަކަށް އަމިއްލަ ދިފާއުގައި ބަސްބުނުމަށާއި، ޖަވާބުދާރީވުމުގެ ފުރުސަތު ލިބިފައިނުވާ ކަމަށެވެ.

އެކަމުގެ ސަބަބުން އޮފިސަރުންގެ ދުސްތޫރީ އަދި ގާނޫނީ ހައްގުތަކެއް ގެއްލިފައިވާކަން ބަޔާނުގައި ވަކީލުން ފާހަގަ ކޮށްފައިވެއެވެ. ސިވިލް ކޯޓަށް ހުށަހެޅީ އެ ސަބަބާއި ފިޔަވަޅު އެޅުމުގައި ގާނޫނީ ގޮތުން ބޮޑެތި ފުށުއެރުންތަކެއް އިޖުރާއީ ގޮތުން ވެސް ހުރުމާއެކު ކަމަށް ބަޔާނުގައިވެއެވެ.

މައްސަލަ ސިއްރުކުރީ ޤައުމީ ސަލާމަތަށް ބަލައި:

މި މައްސަލައާ ގުޅިގެން ކޯޓުން ނިންމާފައިވަނީ، އަޑުއެހުންތައް އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ނުގެންދިއުމަށެވެ. ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ މި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުންތައް އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަކީ ދިވެހި މުޖުތަމައުގެ އަމަންއަމާންކަން ގެއްލި، ދިވެހި ރާއްޖޭގެ ޤައުމީ ސަލާމަތަށް ނުރައްކާވެދާނެކަމަށް ފެންނާތީކަން ފާހަގަކޮށްފައިވެއެވެ. އަދި މި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުންތައް އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންގޮސްފިނަމަ މި މައްސަލައިގައި އިންސާފު ޤާއިމު ކުރުމަށް ހުރަސް އެޅިގެން ހިނގައިދާނެކަމަށް މި މައްސަލަ ބައްލަވާ ފަނޑިޔާރުންނަށް ފެނިވަޑައިގަންނަވާކަންވެެސް ފާހަގަކޮށްފައިވެއެވެ.

ފުލުހުންގެ ބޯޑުން އޮފިސަރުންތަކެއް ވަކިކުރަން ނިންމި މައްސަލާގައި ދާދިފަހުން ރައްޔިތުންގެ މަޖިލީހުގައި ހޯމް މިނިސްޓަރާއި ޢިމްރާން ޢަބްދުﷲއާ ކުރެވުނު ސުވާލުތަކަށް ޖަވާބު ދެއްވަމުން ވިދާޅުވެފައިވަނީ ޕޮލިސް ބޯޑުން ކަންކޮށްފައިވަނީ ގާނޫނާއި އެއްގޮތަށް ކަމަށާއި އެކަމުގެ ތެރެއަށް ސިޔާސީ އެއްވެސް ނުފޫޒެއް ފޯރުވާފައިނުވާނެކަމަށެވެ. ފުލުހުންގެ ބޯޑުން ނިންމާ ނިންމުން އަންގަންވީ ފަރާތް ގާނޫނުގައި ބަޔާންކޮށްފައިވާއިރު, ބޯޑުން އެކަން ކޮށްފައިވަނީ އެގޮތަށް ކަމަށާއި، ބޯޑުގެ ނިންމުން މިހާތަނަށް ވެސް މިނިސްޓަރާ ހިއްސާ ކޮށްފައި ނުވާ ކަމަށް ވެސް ވިދާޅުވިއެވެ. ބޯޑުގެ ނިންމުމުގައި މިނިސްޓަރުގެ ދައުރެއް ނެތް ކަމަށް ތަކުރާރުކޮށް ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ދެ ފުލުހަކަށް ވަޅިން ބިރުދައްކާ މާރާމާރީ ހިންގި 3 މީހަކު ހައްޔަރުކޮށްފި
ޓެކްސީ ޑްރައިވަރަކު ދަތުރެއް ނެގުމަށް ފަހު، ދަތުރުވެރިން ބޭލި މައްސަލަ ބަލައި ފިޔަވަޅު އަޅަނީ
މޫސުން ގޯސް: ކޮންސްޓްރަކްޝަން ސައިޓްތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ފުލުހުން އިލްތިމާސްކޮށްފި
ސިނަމާލެ ބްރިޖުމަތީ ހެލްމެޓް ނާޅާ ސައިކަލު ދުއްވި ދެ ޒުވާނުން ޖޫރިމަނާކޮށްފި
އެއަރޕޯޓުގެ މުވައްޒަފުންގެ ބައިވެރިވުމާއެކު ރާއްޖެއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި
ކަނޑުމަތީގައި ހިންގާ ޓެރަރިޒަމްގެ އަމަލުތަކުގައި ފުލުހުން އަމަލުކުރާނެ ގޮތުގެ ތަމްރީނު ޕްރޮގްރާމެއް ހިންގައިފި
ހުޅުމާލޭގައި ވެހިކަލެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު މީހާގެ މަރުގައި ތުހުމަތު ކުރެވޭ ފަދަ އެއްވެސް ކަމެއް ނެތް
މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ފަސް މީހުންގެ ބަންދަށް 15 ދުވަސް ޖަހަައިފި