ބ.ދޮންފަނުގެ ގޮނޑުދޮށް ހިމާޔަތްކުރުމަށް ކުރިއަށް ގެންދާ މަޝްރޫއާ ގުޅިގެން އެރަށުގެ ކައުންސިލާއި ރައްޔިތުން ކަންބޮޑުވުން ފައުޅުކޮށްފިއެވެ.
ކައުންސިލުން ބުނެފައިވަނީ ރަށުގެ ރައްޔިތުންގެ ޝަކުވާތައް އެކަމުގައި ތަކުރާރުކޮށް ލިބެމުން އަންނައިރުވެސް އެ ޝަކުވާތަކަށް އިޖާބަ ދިނުމެއް ނެތި ޕްލޭނިން މިނިސްޓްރީން އެ މަޝްރޫއު ކުރިއަށްގެންދާ ކަމަށެވެ.
ކައުންސިލުގެ ހަތަރު މެމްބަރުން ސޮއިކޮށް ނެރުނު ބަޔާނުގައި ބުނެފައިވަނީ، ދޮންފަނުގެ ގޮނޑުދޮށް ހިމާޔަތްކުރަން ކުރިޔަށްގެންދާ މަޝްރޫއުގައި ރިވެޓްމެންޓް ޖަހަން ކަނޑައަޅާފައިވާ ސަރަހައްދާއި ގުޅޭ އެ މައްސަލައަކީ ރައްޔިތުންގެ މަސްލަހަތާ ގުޅިފައިވާ ރައްޔިތުންގެ ނުހަނު ކަންބޮޑުވުން ހުރި މަޝްރޫއެއް ކަމަށެވެ.
ދޮންފަނުގެ ގޮނޑުދޮށް ހިމާޔަތްކުރަން ކުރިޔަށް ގެންދާ މަސައްކަތުގައި ރިވެޓްމެންޓް ޖަހާ ގޮތަކީ އެރަށަށް އެންމެ ފައިދާ ހުރި ގޮތް ނޫންކަމުގެ ޝަކުވާ ރައްޔިތުންގެ ފަރާތުން ކެނޑިނޭޅި ލިބެމުންދާ ކަމަށާއި، ރައްޔިތުން އެދޭ ގޮތް ތަކުރާރުކޮށް އެތައް ފަހަރެއްގެ މަތިން މިނިސްޓްރީއާ ހިއްސާކޮށްފައިވާ ކަމަށް ވެސް ކައުންސިލްގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
އެކަމަކު, ރައްޔިތުން އެދޭ ގޮތަށް ރިވެޓްމެންޓް ނުޖެހެނީ ރަށުގެ ފަސްގަނޑު ބޭރުން ރިވެޓްމެންޓް ބޭރަށް ޖައްސައިގެން މަސައްކަތް ކުރިޔަށް ގެންދިޔުމަކީ ރަށުގެ މާހައުލަށް ބަލާ އެފަދަ މަސައްކަތެއް ކުރުމަށް ޓެކްނިކަލީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ވާތީ ކަމަށް ޕްލޭނިން މިނިސްޓްރީގެ ފަރާތުން ދޮންފަނަށް ދިޔަ އޮފިޝަލުންތަކެއް ބުނެފައިވާ ކަމަށްވެސް ބަޔާނުގައިވެއެވެ. އަދި ރަށުގެ ރިވެޓްމެންޓް އިތުރަށް ބޭރަށް ޖެއްސުމަކީ އެންމެ އެދެވިގެންވާ ގޮތް ނޫން ކަމަށް ވެސް އޮފިޝަލުން ބުނެފައިވާ ކަމަށެވެ.
އެހެންނަމަވެސް ރައްޔިތުންގެ އެދުމުގެ މަތިން މިނިސްޓްރީގެ އެ އޮފިޝަލުން ރައްޔިތުންނާއެކު ރިވެޓްމެންޓް ޖަހާ އެ ސަރަހައްދަށް ދިޔުމަށް އެދުމުން އެކަމަށް އިޖާބަދީފައި ނުވާކަން ފާހަގަކޮށް، އެ މަޝްރޫއުގައި ރައްޔިތުންގެ ހުރި ޝަކުވާއަށް ވެސް އިޖާބަނުދީ އެ މަޝްރޫއު ކުރިޔަށް ގެންދަން ނިންމާފައިވާ ނިންމުން ކައުންސިލުން ނެރުނު ބަޔާނުގައި ވަނީ ކުށްވެރިކޮށްފައެވެ.
އަދި ކައުންސިލާއި ރައްޔިތުން ބެލި ބެލުމުން، ފުން ވަޅުގަނޑެއް ހުރި ކަމަށް ބުނެ މިނިސްޓްރީން ރިވެޓްމެންޓް ބޭރަށް ޖައްސަން ދެކޮޅު ހަދާ އެ ސަރަހައްދަކީ ހަގީގަތުގައި އެއަށްވުރެ ތިލަ ހިސާބެއް ކަމަށް ވެސް ކައުންސިލުން ވަނީ ބަޔާނުގައި ފާހަގަކޮށްފައެވެ.
ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ ހޯގާޑުންނެވެ.
ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއާ ގުޅޭގޮތުން ރައްޔިތުންގެ ޝަކުވާ
ދޮންފަނުން ރާއްޖެއެމްވީއާ ވާހަކަދެއްކި މީހަކު ބުނީ، ރަށުގެ އުތުރުފަރާތުގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށް ރިވެޓްމެންޓް ޖަހަނީ ރަށުގެ ފަސްގަނޑުން ބޮޑު ބައެއް ގެއްލޭ ގޮތަށް ކަމަށެވެ. އެކަމުގެ ޝަކުވާ މަސައްކަތް ކުރަމުންދާ ކުންފުޏަށް އަދި ޕްލޭނިންގ މިނިސްޓްރީއަށްވެސް ކައުންސިލް މެދުވެރިކޮށް ހުށަހަޅާފައިވާ ކަމަށެވެ. އެހެންނަމަވެސް އެކަމުގައި ރައްޔިތުންގެ އަޑު އެހުމަށް މިނިސްޓްރީގެ އޮފިޝަލުންވެސް އަދި މަސައްކަތް ކުރަމުންދާ ކުނފުނިންވެސް ދެކޮޅު ހަދާފައިވާ ކަމަށެވެ.
އެކަމުގައި ރައްޔިތުންގެ އެދުމަކީ، ރަށުގެ ފަސްގަނޑުން ގެއްލޭ ގާތްގަނޑަކަށް 18ވަރަކަށް ފޫޓް ނުގެއްލޭ ގޮތަށް އެ މަސައްކަތް ކުރިއަށް ގެންދިޔުން ކަމަށެވެ. އެގޮތަށް އެ މަސައްކަތް ކުރިއަށް ގެންދިޔުމަށް އެދި ކައުންސިލް މެދުވެރިކޮށް މިނިސްޓްރީގައި އެދުމުން މިނިސްޓްރީގެ ޓީމެއް މި މަހުގެ 5ވަނަ ދުވަހު އެރަށަށް ގޮސް ރައްޔިތުންނާ ބައްދަލުކޮށް ރައްޔިތުން ބޭނުންވާ ގޮތަށް މަސައްކަތުގެ ޑިޒައިން ބަދަލު ކުރާނެ ކަމަށް ބުނި ކަމަށް އެ ރަށުން ވާހަކަދެއްކި މީހާ މައުލޫމާތު ދިނެވެ. ނަމަވެސް އޭގެ 2 ގަޑިއިރެއް ފަހުން މަސައްކަތުގެ ކޮންޓްރެކްޓަރާއި މިނިސްޓްރީގެ އޮފިޝަލުންނާއެކު ކުރި މަޝްވަރާތަކަށްފަހު ރަށުގެ އުތުރު ފަރާތުގެ އެ ތަނުގައި ފުން ވަޅުގަނޑެއް ހުރި ކަމަށް ބުނެ، ރައްޔިތުން ބޭނުންވާ ގޮތަށް އެކަން ކުރިއަށް ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެފައިވާ ކަމަށެވެ.
އެހެންނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށް އެމީހާ ބުންޏެވެ. އޭނާ ބުނީ، އެބުނާ ވަޅުގަނޑެއް އެތަނުގައި ނުހުންނާނެ ކަމަށެވެ. އެކަން ސާބިތުކޮށްދިނުމަށް ރައްޔިތުން ތައްޔާރަށް ތިބި ނަމަވެސް އެވާހަކަތައް އަޑު އަހާފައި ނުވާކަމަށް އޭނާ މައުލޫމާތު ދިނެވެ.