ދޮންފަނު ރައްޔިތުންނަށް ނިސްބަތްވާ ގޮތައް ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު އިތުރުފުޅު ހެއްދެވި މައްސަލަ ގޯސްވެ، ދޮންފަނުގެ ހައުސް ރީފް ޑައިވިންގ އަދި ސްނޯކްލިންގ އަށް ބަންދު ކުރަން އެ ރަށު ކައުންސިލުން ނިންމައިފިއެވެ.
ދޮންފަނު ކައުންސިލުން ބުރާސްފަތި ދުވަހު އިނގިރޭސިބަހުން ނެރެފައިވާ އެންގުމެއްގައި ބުނެފައިވަނީ، ދޮންފަނުގެ ބިންހިއްކުން ސަރުކާރުން ކުރިއަށް ނުގެންދަން ނިންމުމާ ގުޅިގެން ރައްޔިތުން ކުރަމުންދާ ސުލްހަވެރި މުޒާހަރާތަކާ ގުޅިގެން، ދޮންފަނު ރަށުގެ ހައުސް ރީފުން ފެށިގެން 700 މީޓަރުގެ ސަރަހައްދު ޑައިވިންގ އަދި ސްނޯކްލިންގ އަށް ބަންދު ކުރެވޭނެ ކަމަށެވެ.
ކައުންސިލުގެ އެންގުމުގައި ބުނެފައިވަނީ މި މުޒާހަރާތައް މި ސަރަހައްދުގައި އެކި ބާވަތުގެ އުޅަނދުފަހަރު ބޭނުންކޮށްގެން ދުވާލުގެ އެކި ވަގުތުތަކުގައި ގަވާއިދުން ކުރިއަށް ގެންދެވޭނެ ކަމުގައެވެ. އަދި އެ ސަރަހައްދު ފީނާ މީހުންނަށް ބަންދުކޮށްފައި ބާއްވަނީ ރައްކައުތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށް ވެސް ބުނެފައިވެއެވެ.
ކައުންސިލުގެ އެންގުމުގައި ވާ ގޮތުން، ކައިރީގައިވާ ރިސޯޓުތަކާއި ގެސްޓްހައުސްތަކުގެ ފަތުރުވެރިންނާއި ސަފާރީ އުޅަނދުފަހަރާއި އަމިއްލަ އޮޕަރޭޓަރުން ގެންނަ ފަތުރުވެރިން އެ ސަރައްދަށް ފީނުމަކީ މަނާކަމެކެވެ.
ކައުންސިލުން ބުނީ މި މަނާކުރުން މިހާރުން މިހާރަށް ތަންފީޒު ކުރެވޭނެ ކަމަށާއި އަދި އިތުރު އެންގުމަކާ ހަމައަށް ދެމިއޮންނާނެ ކަމަށެވެ.
އިހުތިޖާޖުކުރާ މުއްދަތުގައި މި މަނާކުރެވިފައިވާ ސަރަހައްދަށް ވަނުމަކީ މެހެމާނުންނަށް ރައްކާތެރި ކަމެއް ނޫން ކަމަށާއި އެ ސަރަހައްދުގައި ޑައިވިންގ ނުވަތަ ސްނޯކްލިންގ ކުރަނިކޮށް ފެނިއްޖެނަމަ، ވަގުތުން ފިޔަވަޅު އެޅުމަށްޓަކައި ކަމާބެހޭ ފަރާތްތަކަށް އެކަން ރިޕޯޓު ކުރެވޭނެ ކަމަށް ވެސް ބުނެފައިވެއެވެ.
މިއީ ދޮންފަނު ރައްޔިތުންގެ ނިންމުމެއް ކަމަށާއި، އެހެން ކަމުން އެންމެންވެސް އެ ނިންމުމަށް ފުރިހަމަ އަށް އިހުތިރާމު ކުރުމަށް އެދޭ ކަމަށް ކައުންސިލުން ބުނެފައިވެއެވެ.
ދޮންފަނުގެ މަސްރަހު ގޯސްވީ، އެ ރަށުގެ ބިން ހިއްކުމާ ގުޅޭ ގޮތުން ރައީސް މުއިއްޒު އެކްސް ގައި ކުރެއްވި ޕޯސްޓަކާ ގުޅިގެންނެވެ.
ދޮންފަނުގެ ބިން ހިއްކުން ހުއްޓާލަން ސަރުކާރުން ކުއްލި އަކަށް ނިންމި އިރު މިއަހަރުގެ އޯގަސްޓް 13 ވަނަ ދުވަހު، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އަށް 400 މީހުންގެ އާބާދީ އެއް އޮންނަ ދޮންފަނު ގައި ގާތްގަނޑަކަށް 13 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ވަނީ ހަވާލު ކޮށްފައެވެ. މި އެއްބަސްވުމުގައި ސޮއިކުރެވުނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެ ރަށަށް ކުރެއްވި ޒިޔާރަތުގައެވެ.
މި މަޝްރޫއުގައި ސޮއި ކުރުމާއެކު ދޮންފަނާ ޖެހިގެން އޮންނަ ހިމާޔަތް ކޮށްފައިވާ ހަނިފަރު ސަރަހައްދަށް އެ މަޝްރޫއުގެ ސަބަބުން ގެއްލުންވާނެ ކަމުގެ އަޑުތައް ގަދަވެގެން ދިޔަކަން ފާހަގަ ކުރެވެއެވެ. ހަނިފަނު ސަރަހައްދަކީ ފަތުރުވެރިންގެ މެދުގައި ވަރަށް މަގުބޫލު އަދި ދުވާލެއްގެ މައްޗަށް ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތް ކުރާ ރާއްޖޭގެ އެންމެ އަގު ބޮޑު އެއް ގުދުރަތީ ތަރިކަައިގެ ގޮތުގައި ބެލޭ މާހައުލެކެވެ.
ސެޕްޓެމްބަރު 9 ވީ އަންގާރަ ދުވަހުގެ ހެނދުނު އެކްސް (ޓްވިޓަރ) ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުޢިއްޒު ވިދާޅުވީ، ދޮންފަނު ބިން ހިއްކުން ކުރިއަށް ނުގެންދަން ސަރުކާރުން ނިންމީ "ރައްޔިތުން މިހާރު އެކަން ބޭނުން ނުވާ ކަމަށް ރައްޔިތުންގެ ފަރާތުން މައުލޫމާތު ލިބިފައިވާތީ." ކަމުގައެވެ.
ދޮންފަނު ކައުންސިލުގެ ރައީސް އަހުމަދު އިރުޝާދު ރާއްޖެޓީވީ އަށް ދެއްވި ބަސްދީ ގަތުމެއްގައި ވިދާޅުވީ، ދޮންފަނު ރައްޔިތުންގެ ފަރާތުން އެއްވެސް އިރެއްގައި ބިން ހިއްކުން ކުރިއަށް ނުގެންދަން އެދިފައި ނޯންނާނެ ކަމަށާއި، ރައީސް ހެއްދެވީ "އިތުރުފުޅެއް" ކަމުގައެވެ.
ދޮންފަނު ކައުންސިލުގެ ރައީސް ވިދާޅުވީ، ރައީސް މުއިއްޒު ދޮންފަނު ގެ ބިންހިއްކުމުގެ މަޝްރޫއު ކުރިއަށް ނުގެންދަވަން ނިންމެވީ އެ ރަށުގެ ކައުންސިލް އާއި ރައްޔިތުންނާ މަޝްވަރާ ކުރެއްވުމެއް ނެތި ކަމުގައެވެ.
ދޮންފަނު ފަރުގެ ސަރަހައްދު ފަތުރުވެރިންނަށް ބަންދު ކުރަން ނިންމުމުން އެ ސަރަހައްދަށް ފަތުރުވެރިން ގެންދާ ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
ދޮންފަނުގެ ކައުންސިލުގެ އެންގުމުގައިވާ ގޮތުންނަމަ، ދޮންފަނުގެ ފަރުން 700 މީޓަރުގެ ސަރަހައްދެއް ބަންދު ކުރުމުގެ މާނައަކީ ޖެހިގެން އޮތް ހިމާޔަތް ކޮށްފައިވާ ހަނިފަރު ސަރަހައްދަށް ވެސް އެ އެންގުމުގެ އަސަރު ފޯރުންކަން ފާހަގަ ކުރެވެއެވެ.