ރައީސް މުޢިއްޒު ދީނާއި ޤައުމުދެކެ ލޯބިވާންޖެހޭ ވަރާ ގާތަށްވެސް ލޯބިވާނަމަ އަޑި ނޭނގޭ ބޭރު މީހުނައް ދިވެހި ބިން ވިއްކައި، ސިޓިޒަންޝިޕް ދިނުމުގެ މަސައްކަތް ނުކުރެއްވީސް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން ވިދާޅުވެއްޖެ އެވެ.
އިމްރާން އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް މުއިއްޒު ކިތަންމެ ގިނައިން ދީނާއި ޤައުމިއްޔަތުގެ ވާކަފުޅު ދެއްކެވި ނަމަވެސް، ދީނާއި ޤައުމުދެކެ ލޯބިވާން ޖެހޭވަރާ ގާތަށްވެސް ލޯބިވާނަމަ، އެއްގޮތުން ނުވިއްޔާ އަނެއްގޮތަކުން ވިޔަސް އަޑި ނޭންގޭ ބޭރުމީހުނަށް ދިވެހި ބިން ވިއްކާ، ސިޓިޒަންޝިޕް ދިނުމުގެ މަސައްކަތް ނުކުރެއްވީސް ކަމަށެވެ.
ރައީސް މުއިއްޒު ކިތަންމެ ގިނައިން ދީނާއި ޤައުމިއްޔަތުގެ ވާކަފުޅު ދެއްކެވި ނަމަވެސް، ދީނާއި ޤައުމުދެކެ ލޯބިވާން ޖެހޭވަރާ ގާތަށްވެސް ލޯބިވާނަމަ،އެއްގޮތުން ނުވިއްޔާ އަނެއްގޮތަކުން ވިޔަސް އަޑި ނޭންގޭ ބޭރުމީހުނައް ދިވެހި ބިން ވިއްކާ،ސިޓިޒަންޝިޕް ދިނުމުގެ މަސައްކަތް ނުކުރެއްވީހެވެ.
— Imran Abdulla (@ShimranAb) December 6, 2025
އިމްރާން މިހެން ވިދާޅުވެފައިވާއިރު ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގެ ގޮތުގައި ސަރުކާރުން ކަނޑައަޅާ ސަރަހައްދުތައް ސަސްޓެއިނެބަލް ޓައުންޝިޕްގެ ގޮތުގައި ތަރައްގީ ކުރެވޭ ގޮތަށް އެސްއީޒެޑް ޤާނޫނު ވަނީ އިސްލާޙު ކޮށްފަ އެވެ.
މި ޤާނޫނުގައި 'ސަސްޓެއިނަބަލް ޓައުންޝިޕް' މާނަކޮށްފައި ވަނީ، އެއް މެނޭޖްމަންޓެއްގެ ދަށުން ކަނޑައެޅޭ ވަކި ޒޯނެއްގައި ގާނޫނުގައި ބަޔާންކުރާ ވަސީލަތްތަކާއި، ހިދުމަތްތަކާ އެކު ގާއިމުކުރެވޭ ލާޖް-ސްކޭލް ރިއަލް އެސްޓޭޓް ޑިވެލޮޕްމެންޓެއް ނުވަތަ އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓެއް ހިމެނޭ ގޮތުން ތިމާވެށްޓަށް ލިބޭ ގެއްލުން ކުޑަ ކުރެވޭނެ ދެމެހެއްޓެނިވި އިންފްރާސްޓްރަކްޗާ އާއި ވަސީލަތްތައް މެދުވެރިކޮށް، ތަނުގައި މީހުންނަށް ދިރިއުޅެވޭނެ ވަސީލަތްތަކާއި، ހިދުމަތްތަކާއި، އާންމު ބޭނުންތަކުގެ ވަސީލަތްތައް ގާއިމުކުރެވިގެންވާ މީހުން ދިރިއުޅޭ ސަރަހައްދަކަށެވެ.
އެ ގާނޫނުގައި ވާގޮތުން ސަސްޓެއިނަބަލް ޓައުންޝިޕް އެއް ތަރައްގީކުރުމަށް ހުއްދަ ދެވޭނީ އެ ޒޯންގައި ކުރާ އިންވެސްޓްމަންޓަކީ 500 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ކުޑަނޫން އަދަދެއްގެ އިންވެސްޓްމަންޓަކަށްވާނަމަ އެވެ. އަދި އެތަނަކީ ލަގްޒަރީ ޓޫރިޒަމްގެ ތަފާތު ހިދުމަތްތައް ހިމެނޭހެން ތަރައްގީކުރެވޭ އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ޒޯނަކަށް ވާންވާނެ ކަމަށްވެސް ބުނެފައިވެ އެވެ.