ކ. މާލެ
|
11 އޮކްޓޯބަރ 2021 | ހޯމަ 13:34
އެއަރ އިންޑިއާގެ މަތިންދާ ބޯޓެއް
އެއަރ އިންޑިއާގެ މަތިންދާ ބޯޓެއް
ޓްރެވަލް ޓްރޭޑް ޖަރނަލް
އެއަރ އިންޑިޔާ ޓާޓާއިން ގަތުން
ގެއްލުމުގައި ހިންގަމުން އައި އެއަރ އިންޑިޔާ ޓާޓާއިން ގަނެފި
ޓާޓާއިން މިބިޑް ކާމިޔާބުކުރީ 2.4 ބިލިއަން ޑޮލަރު ހުށަހަޅައިގެން
އެއަރ އިންޑިޔާގެ ޖުމްލަ ދަރަނި 8.2 ބިލިއަން އެމެރިކާ ޑޮލަރަށް އަރާ
ޓާޓާއަކީ އެންމެ ފުރަތަމަ އެއަރ އިންޑިޔާ އުފެއްދި ކުންފުނި

ގެއްލުމުގައި އެތައް އަހަރުތަކެއް ވަންދެން ހިންގަމުން އައި އެއަރ އިންޑިޔާ ގަތުމަށް އެންމެ ބޮޑު ބިޑެއް ހުށަހަޅައިގެން ޓާޓާއިން އެއަރ އިންޑިޔާ ގަނެފިއެވެ.

ޓާޓާއިން މިބިޑް ކާމިޔާބުކުރީ 2.4 ބިލިއަން ޑޮލަރު ހުށަހަޅައިގެންނެވެ. ދަރަނީގައި ހިންގަމުން އައި އެއަރ އިންޑިޔާ ޓާޓާއިން ގަނެފައިވާއިރު މިކުންފުނި ވިއްކާލުމަށް އިންޑިޔާ ސަރުކާރުން ވަނީ ފާއިތުވި ދުވަސްތަކުގައި ގިނަ މަސައްކަތްތަކެއްކޮށްފައެވެ. އެގޮތުން ފާއިތުވި ހަތަރު އަހަރު އިންޑިޔާ ސަރުކަރުން ވަނީ އެއަރ އިންޑިޔާ ގަންނާނެ ބަޔަކު ހޯދުމަށް މަސައްކަތްކޮށްފައެވެ. އެކަމަށް އެންމެ ފަހުން މަސައްކަތްފެށީ 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުއެވެ.

ފާއިތުވި 10 އަހަރު އިންޑިޔާ ސަރުކާރުން ވަނީ އެއަރ އިންޑިޔާއަށް 15 ބިލިއަން ޑޮލަރު ހޭދަކޮށްފައެވެ.

އެއާރ އިންޑިއާގެ އެސެޓްތަކުގެ ތެރޭގައި ލަންޑަނުގެ ހީތުރޯ އެއާޕޯޓުގެ ސްލޮޓްތަކާއި 130 މަތިންދާބޯޓުގެ ފްލީޓެއް ހިމެނެއެވެ. އޭގެ އިތުރުން ތަމްރީނުކޮށްފައިވާ އެތައް ހާސް ޕައިލެޓުންނާއި ކްރޫން ހިމެނެއެވެ.

އެއާރ އިންޑިއާ 2007 ވަނަ އަހަރު މާޖްކުރި ފަހުން ގައުމީ އެއަރލައިނަށް ދިޔައީ ގެއްލުން ވަމުންނެވެ. އެއާރލައިން ހިންގުމަށް ސަރުކާރުން ދިޔައީ ބޮޑު ހޭދައެއް ކުރަމުންނެވެ. ސަރުކާރުން ބުނީ އެއާލައިން ހިންގަމުން ދިޔައީ ދުވާލަކު 2.6 މިލިއަން ޑޮލަރުގެ ގެއްލުމަކާ އެކު ކަމަށެވެ.

ގެއްލުމުގެ ސަބަބެއް ކަމަށް އެއާލައިނުން ބުނަމުން ދިޔައީ އޭވިއޭޝަން ފިއުލްގެ އަގުބޮޑުވުމާއި އެއާޕޯޓް ޗާޖްތައް ބޮޑުވުމާއި ބަޖެޓް އެއާލައިންތަކުގެ ވާދަވެރިކަން ބޮޑުވުމާ އަދި ރުޕީސްގެ އަގު ވެއްޓުމުގެ ސަބަބުން ކަމަށެވެ.

އެއަރ އިންޑިޔާއާ ޓާޓާއިން ހަވާލުވާނެކަމަށް ބެލެވެނީ މި އަހަރުގެ ފަހުކޮޅުއެވެ. ޓާޓާއަކީ އެންމެ ފުރަތަމަ އެއަރ އިންޑިޔާ އުފެއްދި ކުންފުންޏެވެ. އެއީ 1932 ވަނަ އަހަރުއެވެ. އެއަރ އިންޑިޔާއަކީ އިންޑިޔާގެ ގައުމީ އެއަރލައިން ކަމުގައި ހަމަޖެހިގެން ދިޔައީ 1953 ވަނަ އަހަރުއެވެ.

އެއަރ އިންޑިޔާގެ ޖުމްލަ ދަރަނި 8.2 ބިލިއަން އެމެރިކާ ޑޮލަރަށް އަރައެވެ. އޭގެތެރެއިން ޓާޓާއިން ހަވާލުވާނީ 2 ބިލިއަން ޑޮލަރާ ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ.

ޓާޓާއިން މިހާރުވެސް ދެ އެއަރ ލައިނެއް ހިންގައެވެ. އެއީ ވިސްތާރާ އާއި އެއަރ އޭޝިޔާ އިންޑިޔާއެވެ. އެއަރ އިންޑިޔާ ހިންގަން ފެށުމާއެކު ޓާޓާއަށް އިންޑިޔާގެ ޑޮމެސްޓިކް އޭވިއޭޝަންގެ 27 އިންސައްތަ ޝެއަރ ލިބިގެންދާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
- ކޮމެންޓް