މޯލްޑިވިއަން އާއި އެއަރ އިންޑިއާ އާ ގުޅިގެން ދިވެހިރާއްޖެ އާއި އިންޑިއާ އާ ދެމެދު ދަތުރުފަތުރުގެ ގުޅުން ފުޅާކުރުމަށާއި، ރާއްޖޭގެ ރަށްރަށަށް ދަތުރުކުރުން ފަސޭހަކުރުމަށް އެއްބަސްވުމެއް ގައި ސޮއި ކޮށްފި އެވެ.
މި އެއްބަސްވުމުގެ ސަބަބުން މޯލްޑިވިއަނަށް އެއާ އިންޑިއާގެ ބައިނަލްއަގުވާމީ ނެޓްވޯކުން ފުރުސަތު ލިބިގެންދާއިރު، ދިއްލީ އާއި މުމްބާއީ މެދުވެރިކޮށް ރާއްޖެ އަށް އަންނަ މީހުންނަށް މާލެއިން ބޭރުގެ 16 މަންޒިލަކަށް ދަތުރުކުރުން ފަސޭހަވެގެންދާނެ ކަމަށް މޯލްޑިވިއަން އިން ނެރެފައިވާ ބަޔާނެއްގައި ވެއެވެ.
އެއާ އިންޑިއާގެ ޗީފް ކޮމާޝަލް އޮފިސަރު ނިޕުން އަގަރްވާލް ފާހަގަކުރެއްވީ، މި އިންތިޒާމުގެ ސަބަބުން އިންޑިއާގެ ދަތުރުވެރިންނަށް އެއް އައިޓިނަރީ އަކުން ދިވެހިރާއްޖޭގެ އެހެން ސަރަހައްދުތަކަށް ދަތުރުކުރުމުގެ ފުރުސަތު ބޮޑުވެގެންދާނެ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ ދިވެހިރާއްޖެ އަކީ އިންޑިއާގެ ޓޫރިސްޓުންގެ މައިގަނޑު މަންޒިލެއް ކަމަށާއި، ކަނެކްޓިވިޓީ ރަނގަޅުވުމުން ޓޫރިޒަމްގެ ކުރިއެރުން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނެ ކަމަށެވެ.