ކ. މާލެ
|
10 އޮކްޓޯބަރ 2021 | އާދީއްތަ 16:00
ައައްޑޫ ފްލައިން ސްކޫލް ދަރިވަރުންނާއެކު ބޭއްވި ބައްދަލުވުން
ައައްޑޫ ފްލައިން ސްކޫލް ދަރިވަރުންނާއެކު ބޭއްވި ބައްދަލުވުން
ރައީސް އޮފީސް
އައްޑޫ ފްލައިން ސްކޫލް މައްސަލަ
އައްޑޫ ފްލައިން ސްކޫލް ދަރިވަރުންގެ ކިޔެވުން އަންނަ ޑިސެމްބަރުމަހު ފަށަން ތައްޔާރުވަނީ
 
ޑިސެމްބަރު މަހު ކިޔެވުން ފަށާ އިރު ފަށާނީ ޖޮއިންޓް ވެންޗަރ ކުންފުންޏަކުން
 
ކިޔެވުން ނުފެށި ލަސްވުމުން ދަރިވަރުންނަށް އެކި ދަތިތައް ދަނީ ދިމާވަމުން
 
ފްލައިން ސްކޫލް ދަރިވަރުންގެ ފަރާތުން ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ސިޓީއެއް ފޮނުވާފައި

އައްޑޫ ފްލައިން ސްކޫލުގެ ދަރިވަރުންގެ ކިޔެވުން އަންނަ ޑިސެންބަރުމަހުގެ ތެރޭގައި ކުރިއަށްގެންދެވޭނެ މަގު ފަހިކުރުމުގެ މަސައްކަތް ކުރައްވަމުންގެންދަވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙް ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީގައި ގާއިމުކޮށްފައިވާ އޭޝިއަން އެކެޑަމީ އޮފް އެރޯނޯޓިކްސް (އޭއޭއޭ) ގައި ޕައިލެޓްކަން ކިޔަވަމުންދާ ދިވެހި ދަރިވަރުންނަށް ދިމާވެފައިވާ، ގިނަ ދުވަސްވީ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ވަނީ އޭއޭއޭ ގައި ޕައިލެޓްކަން ކިޔަވަމުންދާ ދިވެހި ދަރިވަރުންނާއި ކަމާގުޅޭ އިދާރާތަކުގެ އިސްވެރިންނާއެކު ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުން ބާއްވާފައި މިވަނީ އޭއޭއޭގެ ދަރިވަރިންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ސިޓީއެއް ފޮނުވާފައިވާ ދަނޑިވަޅެއްގައެވެ.

މި ބައްދަލުވުމުގައި އޭއޭއޭގެ ދަރިވަރުން ވަނީ އެ ދަރިވަރުންނަށް ދިމާވެފައިވާ ކަންކަމަށް ހައްލު ހޯދުމަށް ހުރިހާ އިދާރާއަކަށް ދިޔަކަމަށާއި، ކުރެވެންހުރި ހުރިހާ މަސައްކަތެއް ކޮށްފައިވީ ނަމަވެސް މިހާތަނަށް އެއްވެސް އެދެވޭ ޖަވާބެއް ލިބިފައި ނުވާކަން ފާހަގަކޮށްފައެވެ.

އެ ދަރިވަރުން ބުނީ ކިޔެވުން ހުއްޓިފައިވާތާ އެއް އަހަރަށްވުރެ ގިނަ ދުވަސްވެފައިވާކަމަށާއި، ރީފަންޑް ނުލިބުމާއި، އަލުން ކިޔެވުން ފެށޭނެ ދުވަހެއް ނޭންގުމުގެ ސަބަބުން އެ ދަރިވަރުންނަށް ދިމާވަމުންދާ މާލީ، ނަފްސާނީ އަދި ވަގުތުގެ ގޮތުން ދިމާވާ ދަތިތައް ވެސް އެބަހުރި ކަމަށެވެ.

މިކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިކަމަށް ހައްލެއް ހޯއްދެވުމުގެ ގޮތުން އައިލެންޑް އޭވިއޭޝަނާއި މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީއާ ގުޅިގެން ޖޮއިންޓް ވެންޗަރ ކުންފުންޏެއް ޤާއިމުކުރުމަށް ނިންމާފައިވާކަމަށެވެ. މި ޖޮއިންޓް ވެންޗަރ ކުންފުނީގެ ދަށުން ރާއްޖޭގައި ހިންގާ ފްލައިންގ ސްކޫލް ހިންގާނީ ޕްރޮފެޝަނަލް ޔޫރަޕިއަން ފްލައިން ސްކޫލަކުން ކަމުގައި ރައީސް ވިދާޅުވިއެވެ.

އަދި، މި ފްލައިން ސްކޫލްގައި ކިޔަވައިދިނުމަށް ބޭނުންވާކަންކަން ފުރިހަމަކޮށް ޑިސެންބަރުމަހުގެ ތެރޭގައި ކިޔެވުން ފެށުމުގެ މަސައްކަތްތައް ކުރިޔަށްދާނެކަމުގައި ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ވެސް ކުދިންނަށް ދިމާވެފައިވާ މާލީ ދަތިތައް ހައްލުކޮށްދެއްވުމަށް ޓޮޕްއަޕް ލޯން ތަކެއް ދިނުމާއި، މިކަމުގައި އިތުރަށް ކުރެވެން ހުރި ކަންތައްތަކަކީ ކޮބައިތޯ ބެއްލެވުމަށްފަހު އެކަންކަން ހައްލުކޮށްދެއްވާނެކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މީގެ ކުރިން ވެސް ސަރުކާރުން ވަނީ މި ކޯސް ހަދާ ދަރިވަރުންނަށް ލުޔެއް ދިނުމުގެ ގޮތުން ދަރިވަރުން އަނބުރާ ލޯނު ދައްކަންޖެހޭނީ ކޯސް ނިމޭ ތާރީޚުން ފެށިގެން 6 މަސްދުވަސް ފަހުންކަމުގައި ކަނޑައަޅައި، މި ކޯސް ފުރިހަމަކުރުމަށް ބައެއް ދަރިވަރުން ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ނަގާފައިވާ "ކިޔަވާ" ލޯންތައް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައެވެ.

މި ބައްދަލުކުރެއްވުމުގައި، މިނިސްޓަރ އޮފް ފިނޭންސް އިބްރާހީމް އަމީރާއި، މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑޮކްޓަރ އިބްރާހީމް ޙަސަނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސްވެރިންނާއި، އައިލެންޑް އޭވިއޭޝަންގެ ބޭފުޅުން އަދި ސިވިލް އޭވިއޭޝަންގެ ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
0%
100%
0%
0%
0%
0%
ކޮމެންޓް