ލައިސަންސް ލިބޭތާ އެއްއަހަރު ދުވަހުގެ ތެރޭގައި އެސްޓީއޯގެ ޑިޖިޓަލް ބޭންކް ހުޅުވިގެންދާނެ ކަމަށް އެކުންފުނިން ބުނެފިއެވެ.
ރާއްޖެޓީވީގެ 5ކާފު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އެސްޓީއޯގެ ބިޒްނަސް ރިސާޗް އެންޑް ޕްރޮޕަޓީ މެނޭޖްމަންޓްގެ ޖެނެރަލް މެނޭޖަރ މުހައްމަދު އިހްސާން ވަހީދު ވިދާޅުވީ ޑިޖިޓަލް ބޭންކެއް ހުޅުވުމަށް ނިންމައި ލައިސަންސް ހޯދުމަށް އަންގާރަ ދުވަހު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި މި ބޭންކުގެ ޚިދުމަތް މައިކްރޯ ލޯނުން ފަށާއިރު އެ ލޯން ދޫކުރާނީ އަމިއްލަ ފަރުދުންނަށާއި ކުދި ވިޔަފާރިތަކަށް ކަަމަށެވެ. މީގެ އިތުރުން ޚިދުމަތް ފުޅާކުރަމުން ގޮސް މެދުފަންތީގެ ވިޔަފާރިތަކަށާއި ބޮޑެތި ވިޔަފާރީތަކަށް ލޯން ދޫކުރާނެ ކަމަށް އިހްސާން ވިދާޅުވިއެވެ.
އިހްސާން ވިދާޅުވީ ލައިސަންސްއަށް އެދި ހުށަހަޅާފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ކަމަށާއި ލައިސަންސް ލިބުމަށް ތިން މަސް ދުވަސް ނަގާނެ ކަމަށެވެ.
އޮންލައިންކޮށް މުޢާމަލާތު ކުރެވޭ މި ބޭންކުން 5 މިނެޓު ތެރޭގައި އެކައުންޓް ހުޅުވޭނެ ކަމަށާއި، މިނެޓެއްގެ ތެރޭގައި ލޯނު ލިބޭނެ ކަމަށް އެސްޓީއޯ އިން ވަނީ ބުނެފައެވެ. ލައިސަންސަށް ހުށަހެޅި އިރު މިދިޔަ އަހަރުން ފެށިގެން ވަރަށް ގިނަ މަސައްކަތްތަކެއް މިކަމުގައި ކޮށްފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. އަދި ޑިޖިޓަލް ބޭންކަކީ އާދައިގެން ބޭންކުތަކާ ޚިލާފަށް ހިންގާ ބޭންކެއް ކަމަށާއި، މި ބޭންކުގައި އެއްވެސް ގޮތަކަށް މީހަކާ ބައްދަލުކުރަން ނުޖެހި އެކައުންޓު ހުޅުވުމާއި އެހެނިހެން މުޢާމަލާތްތައް ކުރެވޭނެއެވެ.
މި ބޭންކްއާ ގުޅޭގޮތުން މީގެ ކުރިން މެނޭޖިންގ ޑިރެކްޓަރ ޙުސައިން ޢަމްރު ވިދާޅުވީ ބޭންކުތަކުން ލޯނެއް ނުވަތަ ފެސިލިޓީއެއް ހޯދުމަކީ އުނދަގޫކަމެއް ކަމަށެވެ. އަދި ލޯނަށް އެދޭއިރު އެމީހަކީ ވަޒީފާއެއްގައި އުޅެން ޖެހޭ މީހެއް ކަމަށާއި، ލޯނު ހޯދުމުގައި އަމިއްލަ މަސައްކަތެއް ކުރާ މީހެއް ނަމަ ވަރަށް އުނދަގޫ ކަންތަކާ ދިމާވާ ކަމަށެވެ. އަދި ދުވާލެއްގެ މައްޗަށް އާމްދަނީ ލިބޭ ފަރާތެއް ނަމަ އެ ފަރާތްތަކަށް ބޭންކުތަކުން ލޯނުތައް ލިބުމުގައި ދަތި އުނދަގޫތަކެއް ދިމާވާ ކަމަށެވެ. ނަމަވެސް އެސްޓީއޯގެ ޑިޖިޓަލް ބޭންކާއެކު އެ މައްސަލަތައް ހައްލުވެގެންދާނެ ކަމަށެވެ.
ޢަމްރު ވިދާޅުވީ ރާއްޖެފަދަ ގައުމަކަށް, އަދި ވަކިން ޚާއްސަކޮށް ރާއްޖެފަދަ އިޤްތިޞާދެއް އޮންނަ ގައުމަކަށް މުހިންމުވާނެ ކަމަށެވެ. އަންގާރަ ދުވަހު ލައިސަންސަށް ހުށަހަޅާފައިވާ އިރު، ކުރިއަށް އޮތް 3 މަސްދުވަހުގެ ތެރޭގައި ލައިސަންސް ލިބިގެންދާނެ ކަމަށް ޢަމްރު ވިދާޅުވިއެވެ. އަދި ލައިސަންސް ލިބުމުން ކުރަން ޖެހޭ ވަރަށް ގިނަ ކަންކަން އެބަހުރި ކަމަށާއި އެ ކަންކަން ނިންމައި އަންނަ އަހަރުގެ މެދުތެރޭގައި ބޭންކު ހުޅުވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.