ފީފާ ވޯލްޑް ކަޕުގެ ޔޫރަޕް ކޮލިފައިންގައި ހުކުރު ދުވަހުގެރޭ ކުޅުނު މެޗުތަކުން މޮޅުވެ، އަންނަ އަހަރު ގަތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕަށް ކޮލިފައިވުމާ ގާތަށް ޖަރުމަނާއި ނެދަލެންޑްސް ޖެހިލައިފިއެވެ.
ކޮލިފައިންގެ ގްރޫޕް ޖޭގައި ހިމެނޭ ޖަރުމަން މޮޅުވީ ރޯމޭނިއާ އަތުން ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުންނެވެ.
ޖަރުމަނުގައި ކުޅުނު މި މެޗުގެ ވަރަށް ކުރީކޮޅު ރޯމޭނިއާއިން ވަނީ ލަނޑު ޖަހައި ލީޑު ނަގާފައެވެ. މެޗު ފަށައިގެން ނުވަވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިޔަނިސް ހާޖީއެވެ. އެކަމަކު ދެވަނަ ހާފު ފަށައިގެން ހަތްވަނަ މިނެޓުގައި އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން ސާޖް ގްނަބްރީ ވަނީ ޖަރުމަނަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.
މި މެޗުން ޖަރުމަން މޮޅުކޮށްދިން ލަނޑު މެޗު ނިމެން ނުވަ މިނެޓަށް ވެފައި ވަނިކޮށް ކާމިޔާބުކޮށްދިނީ ތޯމަސް މުލާއެވެ. މިއީ 2017 ވަނަ އަހަރަށް ފަހު ވާދަވެރި މެޗެއްގައި ޖަރުމަނަށް މުލާ ޖަހައިދިން ފުރަތަމަ ލަނޑެވެ. މި ފަހުން ޖަރުމަނުގެ ގައުމީ ޓީމުން މުލާއަށް ފުރުސަތުދެމުން އަންނައިރު، މި އަހަރު ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތަށް ޖަރުމަނުން އެކުލަވާލި ސްކޮޑުން މުލާއަށް ފުރުސަތު ދީފައިވަނީ ދެ އަހަރުގެ މެދުކެނޑުމަކަށްފަހުއެވެ.
މި މޮޅާއެކު ކޮލިފައިންގެ ގްރޫޕް ޖޭގެ އެއްވަނައިގައި ޖަރުމަން އޮތީ ކުޅުނު ހަތް މެޗުން ލިބުނު 18 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ނޯތު މެސެޑޯނިއާ އާއި ތިންވަނައިގައި އޮތް އާމީނިއާއަށް ހަތް މެޗުން 12 ޕޮއިންޓް ލިބިފައިވާއިރު، ހަތަރުވަނައިގައި އޮތް ރޯމޭނިއާއަށް ހަތް މެޗުން ލިބިފައިވަނީ 10 ޕޮއިންޓެވެ.
މީގެ އިތުރުން ހުކުރު ދުވަހުގެރޭ ކުޅުނު މެޗުން ކޮލިފައިންގެ ގްރޫޕް ޖީގައި ހިމެނޭ ނެދަލެންޑްސް މޮޅުވީ ލަޓްވިއާ އަތުން 1-0 ގެ ނަތީޖާއަކުންނެވެ.
ލަޓްވިއާގައި ކުޅުނު މި މެޗުގައި ނެދަލެންޑްސްއަށް ވަނީ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. މި މެޗުގައި ނެދަލެންޑްސްއިން ޖެހި ހަމައެކަނި ލަނޑު ފެނިގެންގޮސްފައިވަނީ މެޗުގެ 19 ވަނަ މިނެޓުގައެވެ. މެމްފިސް ޑިޕާއި ނަގައިދިން ކޯނަރަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޑޭވީ ކްލާސެންއެވެ.
މި މޮޅާއެކު ކޮލިފައިންގެ ގްރޫޕް ޖީގެ އެއްވަނައިގައި ނެދަލެންޑްސް އޮތީ ހަތް މެޗުން 16 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ނޯވޭއަށް ހަތް މެޗުން 14 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް ތުރުކީއަށް ހަތް މެޗުން ލިބިފައިވަނީ 12 ޕޮއިންޓެވެ.