ފީފާ ވޯލްޑް ކަޕުގެ ދެކުނު އެމެރިކާ ކޮލިފައިންގައި ހުކުރު ދުވަހުގެ ފަތިހު ކުޅުނު މެޗުތަކުން ވެނަޒުއޭލާ އަތުން ބްރެޒިލް މޮޅުވިއިރު، ޕެރަގުއާއި އާއި އާޖެންޓީނާ ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ.
ވެނަޒުއޭލާގައި ކުޅުނު މެޗުން ބްރެޒިލް މޮޅުވީ ފަހަތުން އަރައި 3-1 ގެ ނަތީޖާއަކުންނެވެ. މި މޮޅާއެކު މި ފަހަރުގެ ކޮލިފައިންގައި މިހާތަނަށް ކުޅުނު ނުވަ މެޗުންވެސް ބްރެޒިލް ވަނީ މޮޅުވެފައެވެ.
މި މެޗަށް ބްރެޒިލް ނުކުމެފައިވަނީ އެ ތީމުގެ ތަރި ނޭމާ ނުލައެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ލިޑު ނެގީ ވެނަޒުއޭލާއިންނެވެ. މެޗު ފަށައިގެން 11 ވަނަ މިނެޓުގައި ޔެފާސަން ސޮޓެލްޑޯ ނަގައިދިން ހުރަހަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެރިކް ރަމިރޭޒެވެ.
މި މެޗުގައި ބްރެޒިލުން އެ ޓީމު ކޮޅަށް ނަތީޖާ އަނބުރާލާފައިވަނީ ދެވަނަ ހާފުގައި ކާމިޔާބުކުރި ތިން ލަނޑާއެކުއެވެ. އެގޮތުން މެޗުގެ 71 ވަނަ މިނެޓުގައި ކޯނަރަކުން މާކީނިއޯސް ވަނީ ލަނޑެއް ޖަހައި، ބްރެޒިލަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. އަދި މެޗު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް ލިބުނު ޕެނަލްޓީއަކުން ގަބްރިއެލް ބާބޯސާ ބްރެޒިލަށް ލީޑު ނަގައިދިންއިރު، އެ ޓީމުގެ ތިންވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގައި ކާމިޔާބުކޮށްދިނީ އެންޓޮނީއެވެ.
މި މެޗުން ބްރެޒިލް މޮޅުވިއިރު، ހުކުރު ދުވަހުގެ ފަތިހު ކުޅުނު މެޗުން ޕެރަގުއާއި އާއި އާޖެންޓީނާ އެއްވަރުވީ ލަނޑެއް ނުޖެހިއެވެ.
ޕެރަގުއާއި ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، ދެ ޓީމަށްވެސް ވަނީ ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބިފައެވެ. އެގޮތުން މެޗުގެ ކުރީކޮޅު އޭރިއާ ތެރެއިން އާޖެންޓީނާގެ ހޮއަކީން ކޮރެއާ ފޮނުވާލި ނުރައްކާތެރި ދެ ހަމަލާއެއް ޕެރަގުއާއިގެ ގޯލްކީޕަރު އެންތޮނީ ސިލްވާ ވަނީ ހުއްޓުވާފައެވެ.
އަދި ދެވަނަ ހާފުގެ ކުރީކޮޅު ކައުންޓަ އެޓޭކެއްގައި ޕެރަގުއާއިގެ މިގޭލް އަލްމިރޯން ނުރައްކާތެރި ހަމަލާއެއް އުފެއްދި ނަމަވެސް، އެ ހަމަލާގެ ހުރަހަކަށްވީ އާޖެންޓީނާގެ ގޯލްކީޕަރު އެމިލިއާނޯ މާޓިނޭޒެވެ. އަދި މެޗުގެ 64 ވަނަ މިނެޓުގައި އޭރިއާ ތެރެއިން ޕެރަގުއާއިގެ އެންޓޯނިއޯ ސަނާބްރިއާ ފޮނުވާލި ނރައްކާތެރި ހަމަލާއެއްވެސް މާޓިނޭޒް ވަނީ ދިފާއުކޮށްފައެވެ.
މި ނަތީޖާތަކާއެކު ދެކުނު އެމެރިކާގެ ކޮލިފައިން ބުރުގެ އެއްވަނައިގައި ބްރެޒިލް އޮތީ ކުޅުނު ނުވަ މެޗުންވެސް މޮޅުވެ 27 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް އާޖެންޓީނާއަށް ނުވަ މެޗުން 19 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް އެކުއެޑޯ އާއި ހަތަރުވަނައިގައި އޮތް އުރުގުއޭއަށް 10 މެޗުން ވަނީ 16 ޕޮއިންޓް ލިބިފައެވެ.