މިއަހަރު ނިމުމުގެ ކުރިން 60 އެމްބިއުލާންސް އަތޮޅުތެރެއަށް ފޮނުވޭނެ ކަމަށް ސަރުކާރުން ބުނެފިއެވެ.
ސަރުކާރުން ބުނީ އަތޮޅުތެރެއަށް ފޮނުވަން ގަނެފައިވާ އެމްބިއުލާންސްތަކުގެ ތެރެއިން މިހާތަނަށް އަތޮޅުތެރެއަށް ފޮނުވާފައިވަނީ 20 އެމްބިއުލާންސް ކަމަށެވެ. އަދި މަހެއްހާ ދުވަހުގެ ތެރޭގައި 20 އެމްބިއުލާންސް ރާއްޖެ ގެނެވޭނެ ކަމަށާއި އެއަށްފަހު އިތުރު 20 އެމްބިއުލާންސް ގެނެވޭނެ ކަމަށް ސަރުކާރުން ބުނެފައިވެއެވެ. މިއަހަރު ނިމުމުގެ ކުރިން 60 އެމްބިއުލަންސް ރާއްޖެ ގެނެވޭނެ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.
އަތުޅުތެރޭގެ ހޮސްޕިޓަލުތަކުގައާއި ސިއްހީ މަރުކަޒުތަކުގައި އެމްބިއުލާންސް ނެތުމުން ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން އަތޮޅުތެރެއަށް ބޭނުންވާ 96 އެމްބިއުލާންސް ގެނައުމަށްޓަކައި މިނިސްޓްރީ އޮފް ފިނޭންސްއާއި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ)އާއެކު، މިނިސްޓްރީ އޮފް ހެލްތުން ވަނީ މިއަހަރުގެ ޖޫން މަހު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި ހެލްތް މިނިސްޓަރ އަހުމަދު ނަސީމު ވަނީ އެމްބިއުލާންސްގެ ޚިދުމަތް އިތުރަށް ފުޅާވެގެން ދިޔުމުން އަތޮޅުތެރޭގައި މިހާރު ކުރިމަތިވަމުންދާ ގިނަ ގޮންޖެހުންތަކަށް ހައްލު ލިބިގެންދާނެ ކަމަށް ވިދާޅުވެފައެވެ.
އަދި އެމްބިއުލާންސްގެ ޚިދުމަތަކީ ކޮންމެ ރަށަކަށް ވެސް މުހިންމު ޚިދުމަތެއްކަން ފާހަގަކުރައްވައި، ބައެއް ރަށްރަށުގައި އެމްބިއުލާންސް ހަލާކުވެ ޚިދުމަތް މެނދުކެނޑިފައި އޮތުމުގެ ސަބަބުން ގިނަ ދަތިތައް ކުރިމަތިވަމުންދާކަމަށެވެ.
މިނިސްޓަރ ނަސީމް އިތުރަށް ފާހަގަކުރެއްވިގޮތުގައި މި އެއްބަސްވުމުގެ ދަށުން އެމްބިއުލާންސް ގެނެވި، އަތޮޅުތެރޭގައި ދޭ ޚިދުމަތް ފުޅާކުރެވުމުން، ކާރިސާގެ ވަގުތުތަކުގައާއި އެކްސިޑެންޓްތަކުގައި ބަލިމީހުންނަށް ފޯރުކޮށްދެންޖެހޭ ސިއްހީކުއްލިފަރުވާ ފަސޭހަކަމާއެކު ދެވިގެންދާނެއެވެ. މި އެއްބަސްވުމުގެ ދަށުން އެސްޓީއޯއިން އެމްބިއުލާންސްތައް ގެނެސް މިނިސްޓްރީއާ ޙަވާލުކުރުމަށް ހަމަޖެހިފައިވަނީ 180 ދުވަހުގެ ތެރޭގައެވެ.
މީގެ އިތުރުން އަތޮޅުތެރޭގެ ސިއްހީ މަރުކަޒުތަކުގައި ހުރި މައްސަލަތައް ހައްލުކުރުމަށް 22 ރަށެއްގެ ސިއްހީ މަރުކަޒުތަކަށް ސިޔާސީ ގޮތުން އައްޔަންކުރައްވާފައިވާ ބޭފުޅުން ވަނީ މާލެ ވަޑައިގެން ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރައްވާފައެވެ. ސިއްހީ މަރުކަޒުތަކުގައި ހުރި މައްސަލަތައް ރައީސްއާ ހިއްސާކުރައްވާފައިވާއިރު، މީގެ ތެރެއިން އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަކުރައްވާފައިވަނީ އެމްބިއުލާންސް ނެތުމުގެ މައްސަލައެވެ. މިކަމަށް އަވަސް ހައްލެއް ގެނެސްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.