ކ. މާލެ
|
6 އޮކްޓޯބަރ 2021 | ބުދަ 19:29
އެންޓި ކޮރަޕްޝަން ކޮމިޝަން
އެންޓި ކޮރަޕްޝަން ކޮމިޝަން
މުހައްމަދު ޝަރުހާން
ހިޔާ ފްލެޓްތަކުގެ މައްސަލަ
ނޫސްވެރިންގެ ޕްރެޝަރާހުރެ، އޭސީސީން ފްލެޓް ކޮމެޓީއާ ބައްދަލުކޮށްފި
 
ބައްދަލުވުން ބާއްވާފައިމިވަނީ ރިޕޯޓުގެ މައްސަލައާ ގުޅިގެން މީޑިއާތަކުން ސުވާލު ކުރަމުންދާ ދަނޑިވަޅެއްގައި
 
ބައްދަލުކުރީ ކޮން ސަބަބަކާ ހުރެ ސާފެއް ނުވޭ

ނޫސްވެރިންގެ ޕްރެޝަރ ހުރެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ފްލެޓް ކޮމެޓީއާ ބައްދަލުކޮށްފިއެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި, ކޮރަޕްޝަން ހިމެނޭ ގޮތަށް ހިޔާ ފްލެޓް ބެހި މީހުންނާ ދޭތެރޭގައި ފިޔަވަޅު އެޅުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވައުދުފުޅެކެވެ. އޭސީސީއަށް ހުށަހެޅީ ފްލެޓް ދިން ގޮތް ބަލަން ރައީސް ޞާލިޙު އުފެއްދެވި ފްލެޓް ކޮމިޓީގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ މައްސަލަތަކެވެ.

އިތުބާރުހުރި ފަރާތަކުން ރާއްޖެއެމްވީއަށް ވިދާޅުވީ ބުދަ ދުވަހު އޭސީސީން ފްލެޓް ކޮމެޓީއާ ބައްދަލުކޮށްފައިވާ ކަމަށެވެ. އަދި އޭސީސީން ފްލެޓް ކޮމެޓީއާ ބައްދަލުކޮށްފައި މިވަނީ ހުށަހަޅާފައިވާ ރިޕޯޓާއި ގުޅިގެން ފިޔަވަޅެއް ނާޅައި، ސުވާލުކުރަން ޖެހޭ ފަރާތްތަކާއި ސުވާލުނުކޮށް ގިނަދުވަސްތަކެއް ފާއިތުވެފައިވާތީ ކަމަށް މައުލޫމާތު ލިބެއެވެ.

މީގެ އިތުރުން މިދުވަސްވަރު، ނޫސްވެރިން ވެސް ވަނީ ފްލެޓް ކޮމެޓީގެ ރިޕޯޓާއި ގުޅިގެން އެޅީ ކޮން ފިޔަވަޅެއްތޯއާ، މައްސަލައިގެ ތަހުގީގު ކުރިއަށް ގޮސްފައިވަނީ ކިހައި ހިސާބަކަށްތޯ ސުވާލުކޮށްފައެވެ.

ފްލެޓް ކޮމެޓީއާއެކު ބޭއްވި މި ބައްދަލުވުމާއި ގުޅޭގޮތުން އޭސީސީގެ މީޑިއާ އޮފިޝަލް ޙަސަން މަނިކު ވިދާޅުވީ ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ބައްދަލުވުމެއް ބޭއްވި ކަމަށެވެ. ބައްދަލުވުން ކުރިއަށް ގެންދިޔައީ ފްލެޓް ކޮމެޓީއާއެކު ކަމެއް ވިދާޅުވެއް ނުވެއެވެ. ނަމަވެސް އެކަން ދޮގުނުރައްވާ ވިދާޅުވީ މިފަދަ ބައްދަލުވުންތަކަކީ މީޑއާތަކާއި ހިއްސާ ކުރާ މައުލޫމާތެއް ނޫން ކަމަށެވެ.

ފްލެޓް ކޮމިޓީގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ މައްސަލަތަކަށް ބަލާއިރު، ގިނަ ކަންތައްތަކެއް ފާހަގަކޮށްފައިވެއެވެ. އެގޮތުން ކޮންމެ ކެޓަގަރީއަކުން ވެސް ދިރިއުޅުމުގެ ހާލަތަށް ވަކި އަދަދަކަށް ޕޮއިންޓް ކަނޑައަޅާފައި އޮތްއިރު ދިރިއުޅުމުގެ ހާލަތަށް ރިޢާޔަތްނުކޮށް ޕޮއިންޓް ދިނުމާއި، ފޯމުގައި ލިއެފައިވާ ހާލަތު ބަޔާން ފިޔަވައި އެއްވެސް އުސޫލެއް ނެތި ހިތުހުރި ގޮތަކަށް ޕޮއިންޓް ދިނުމާއި، ބިންވެރިކަން ކަށަވަރުނުކޮށް ފްލެޓް ދިނުމާއި، އަމީން އެވެނިއުގައި ފްލެޓް ހުރި މީހުންނާއި މާލެ އިން 600 އަކަފޫޓަށް ވުރެން ބޮޑު ބިމެއް އޮންނަ މީހުންނަށް ވެސް ފްލެޓް ދިނުމާއި، ފޯމު ހުށަހެޅި ދުވަހު ދަފްތަރުގައި ރަޖިސްޓްރީވި މީހުންނަށް އެ ކެޓަގަރީން ފްލެޓް އެވޯޑުކުރުން އަދި މާލޭގައި އެތައް އަހަރަކު ވަޒީފާ އަދާކުރި ޓީޗަރުން ތިއްބައި އަތޮޅުތަކުން ބަދަލުވި ޓީޗަރުންނަށް މަތިން ޕޮއިންޓް ދިނުން ހިމެނެއެވެ.

މީގެ އިތުރުން ކުރީގެ ހައުސިން މިނިސްޓްރީން ހިޔާ މަޝްރޫއުގެ ފޯމުތައް ދިރާސާކޮށް، ދިރިއުޅުމުގެ ހާލަތު ބަޔަށް ޕޮއިންޓް ދީފައިވަނީ ބިއުރޯގެ ތެރެއިން ކަމަށާއި އެ ފޯމުތައް ވަކިން ނަގައިގެން ބިއުރޯއަށް ގެންދަން ޖެހޭ ކަމަށް ވެސް ފްލެޓް ކޮމިޓީއަށް ހައުސިން މިނިސްޓްރީގެ މުވައްޒަފުން މައުލޫމާތު ދީފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

ފްލެޓް ލިބޭނެ ކަމަށް ހައުސިން މިނިސްޓްރީން 2017 ވަނަ އަހަރު އިއުލާން ކުރި ލިސްޓް އާންމު ކުރި އިރު އެ މީހުންގެ ނަމާއި ލިބުނު މާކްސްތައް އާންމުކޮށްފައި ނުވާތީ, އޭރުވެސް އާންމުންނާއި އިދިކޮޅު ފަރާތްތަކުން ވަނީ ސަރުކާރަށް ބޮޑެތި ފާޑުކިއުންތައް އަމާޒު ކޮށްފައެވެ. އޭރު ކުޑަމިނުން ޕޮއިންޓް ދިން ގޮތްވެސް ރައްޔިތުންނަށް ރަނގަޅަށް ސާފު ކޮށްދެވިފައެއް ނުވެއެވެ. އެގޮތުން ރައީސް ޔާމީންގެ ވެރިކަމުގެ ފަހުކޮޅުގައި އަވަސް އަރުވާލައިގެން ފްލެޓްތައް ބަހައި ނިންމާލި މައްސަލާގައި އޭރުގެ ހައުސިން މިނިސްޓަރު ޑރ. މުޙައްމަދު މުޢިއްޒަށް ވެސް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވުމުން، އޭނާ ވިދާޅުވެފައި ވަނީ ފްލެޓްތައް ދީފައި ވަނީ "ހައްގުވެރިންނަށް" ކަމަށެވެ.

އޭރު ފްލެޓްތައް ބަހައި ނިންމާލީ އެކަމަށް ކަނޑައެޅި ކޮމިޓީއަކުންނެވެ. 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 6 ވަނަ ދުވަހު އުފެއްދި މި ކޮމިޓީގެ މެމްބަރުންނަށް ވެސް ފްލެޓު ލިބިފައިވެއެވެ. މިފަދަ ސަބަބުތަކާހެދި ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް އޭރު މިކަމުގައި އިސްކޮށް އުޅުއްވި ފަރާތްތަކުގެ މައްޗަށް ކުރެވިފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
100%
0%
0%
0%
0%
0%
ކޮމެންޓް