ކ. މާލެ
|
5 އޮކްޓޯބަރ 2021 | އަންގާރަ 22:24
މާލެސިޓީގެ މަގުމަތި
މާލެސިޓީގެ މަގުމަތި
އަތޫފް އާތިފް
ކޮވިޑް-19 ރާއްޖޭގެ ހާލަތު
އަންގާރަ ދުވަހު މާލެ ސަރަހައްދުން ޕޮޒިޓިވްވީ 30 މީހުން
ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 85،198ށް އަރާފައި

އަންގާރަ ދުވަހު މުޅި ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ 91 މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ހާމަކޮށްފިއެވެ.

އެޗްޕީއޭއިން ބުނީ އާދީއްތަ ދުވަހުގެ އިރުއޮއްސި 6:00ން ހޯމަ ދުވަހުގެ އިރުއޮއްސި 6:00ށް 3،805 ސާމްޕަލްއެއް ޓެސްޓު ކޮށްފައިވާ ކަމަށެވެ. މީގެ ތެރެއިން ޕޮޒިޓިވްވީ މާލެ ސަރަހައްދުން 30 މީހުންނާއި، އަތޮޅުތެރެއިން 53 މީހުންނާއި ލައިވަބޯޑްތަކުން އެކަކު ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

މިއާއެކު މިހާތަނަށް ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 85،198ށް އަރާފައިވާކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

މިވަގުތު އެކްޓިވް ކޭހުގެ ގޮތުގައި 1،379 ކޭހެއް ގުނަމުންދެއެވެ. ހޮސްޕިޓަލުތަކުގައި އެޑްމިޓުކޮށްގެން ފަރުވާދެމުންދަނީ 15 މީހުންނަށެވެ.

މިހާތަނަށް ބަލިން ފަސޭހަވި މީހުންގެ އަދަދު ވަނީ 83،574އަށް އަރާފައެވެ. އަދި ބަލީގައި ނިޔާވެފައިވަނީ 232 މީހުންނެވެ.

އަންގާރަ ދުވަހު މުޅި ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު މަދުވެފައިވާއިރު، ހޯމަ ދުވަހު މި ބަލީގައި މީހަކު ވަނީ ނިޔާވެފައެވެ. އެމީހާ ނިޔާވެފައިވަނީ އާދިއްތަ ދުވަހުގެ ރޭ ދަންވަރު 2:40ގައި, ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ގެންދަނިކޮށެވެ. އެއީ 54 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު މާބޮޑުވަރު ނުވެ ވަކި ވަރެއްގައި ހިފެހެއްޓިފައި ހުންނަތާ ދުވަސްތަކެއް ވަނީ ވެފައެވެ. ނަމަވެސް ކޮވިޑުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތަކަށް ސަމާލުކަން ދިނުމަށް ކަމާބެހޭ ފަރާތްތަކުން އަންނަނީ އިލްތިމާސްކުރަމުންނެވެ.

- ކޮމެންޓް