ކުރީގެ ޓުއަރިޒަމް މިނިސްޓަރ ޢަލީ ވަޙީދުގެ ޝަރީއަތް އޮންލައިންކޮށް ކުރިއަށް ނުގެންދަން ސުޕްރީމް ކޯޓުން އަމުރެއް ނެރެފިއެވެ.
ޢަލީ ވަޙީދުގެ ޝަރީއަތް އޮންލައިންކޮށް ކުރިއަށްގެންދާތީ އެ މައްސަލަ ޕީޖީން ވަނީ ސުޕްރީމް ކޯޓުުގައި އިސްތިއުނާފުކޮށްފައެވެ. ސުޕްރީމް ކޯޓުގައި މި މައްސަލަ އިސްތިއުނާފްކުރަން ނިންމީ، ޝަރީއަތް އޮންލައިންކޮށް ކުރިއަށް ގެންދަން ނިންމި ނިންމުމާ ދެކޮޅަށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ހައިކޯޓުގައި އިސްތިއުނާފުކުރި މައްސަލަ އެ ކޯޓުން ބާތިލްކުރުމުންނެވެ. އެ މައްސަލަ ބާތިލުކޮށްފައިވަނީ، ޢަލީ ވަޙީދަށް ރައްދުވާގޮތަށް ހުށަހަޅާފައިވާ މައްސަަލަ، ހުށަހެޅިފައިވާ ގޮތަށް އިސްތިއުނާފީ ދައުވާއެއްގެ ގޮތުގައި ކުރިއަށް ގެންދާނެ ޝަރުއީ އަދި ގާނޫނީ ހަމައެއް މިހިނދުގައި ނެތްކަމަށް ބުނެއެވެ.
ޕީޖީން ސުޕްރީމް ކޯޓުގައި މި މައްސަލަ އިސްތިއުނާފުކޮށްފައިވާއިރު، ހޯމަ ދުވަހު ސުޕްރީމް ކޯޓުން ވަނީ މިކަމާގުޅިގެން އަމުރެއް ނެރެފައެވެ. މި މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތުގައި އިންނަވާ ޙުސްނުއްސުޢޫދާއި، ފަނޑިޔާރު ޢަލީ ރަޝީދު އަދި ފަނޑިޔާރު މުޙައްމަދު އިބްރާހީމް ސޮއި ކުރައްވައި ނެރުއްވި އަމުރުގައި ވަނީ, ސުޕްރީމް ކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން, އޭނާގެ އެއްވެސް ޝަރީއަތެއް އޮންލައިންކޮށް ކުރިއަށްނުގެންދިއުމަށް އަންގާފައެވެ.
ޢަލީ ވަޙީދު މިވަގުތު ހުންނެވީ ރާއްޖެއިން ބޭރުގައެވެ. ޖިންސީ ގޯނާއާ ގުޅުން ހުރި 6 ދައުވާއެއް އޭނާގެ މައްޗަށް އުފުލާފައިވާއިރު، މިހުރިހާ ދައުވާއަކަށް އޭނާ އިންކާރުކުރައްވާފައި ވެއެވެ. ޢަލީ ވަޙީދު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް އެދިވަޑައިގަތުމުން ކޯޓު އަމުރެއްގެ ދަށުން ޕާސްޕޯޓު ދޫކުރީ ހަތަރު މަހަށެވެ. އަދި އެކަން ކުރީ އަސްޢަދު ޢަލީ (އަޑުބަރޭ) ޖާމިނުވާގޮތަށެވެ. އެހެންނަމަވެސް ހަތަރު މަސް ފާއިތުވެ، ޝަރީއަތް ފެށުނު އިރު ވެސް އޭނާ އެނބުރި ރާއްޖެއަށް ވަޑައެއްނުގަންނަވައެވެ. އަދި އެކަމުގެ ޒިންމާ އަޑުބަރޭ ވެސް ނަގާފައެއް ނުވެއެވެ.
ޢަލީ ވަޙީދު ރާއްޖެ ގެނައުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާއިރު، އިންޓަރޕޯލް ރެޑް ނޯޓިސް ނެރެގެން އޭނާ ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި ފުލުހުންގެ ފަރާތުން "ޕޮލިސް ޓު ޕޮލިސް ކޯޕަރޭޝަން" މެދުވެރިކޮށްވެސް އިތުރަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފައިވެއެވެ.