އަދާލަތު ޕާޓީގައި ޓެރަރިސްޓަކު ނުހުންނާނެ ކަމަށް އެ ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރ ޝެއިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އިމްރާން މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާގައި އަދާލަތު ޕާޓީގައި ޓެރަރިސްޓު އަމަލުތަކަށް ހިތްވަރުދޭ ގޮތަށް މެމްބަރުން ތިބިތޯ މެމްބަރަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ. އިމްރާން ވިދާޅުވީ، އަދާލަތު ޕާޓީއަކީ ޓެރަރިޒަމްގެ އަމަލުތަކަށް ހިތްވަރުދޭ މެމްބަރުން ތިބި ޕާޓީއެއް ނޫންކަމަށެވެ. އަދި އެޕާޓީގައި އެފަދަ މެމްބަރަކު ހުންނެވިނަމަ އަދި އެފަދަ އަމަލުތަކަށް ހިތްވަރުދޭ މީހަކު ހުރިނަަމަ ޕާޓީން ވަކި ކުރެވޭނެކަމަށެވެ. އަދާލަތު ޕާޓީގައި ޓެރަރިސްޓަކު އަދި ޓެރަރިޒަމް މާނަކުރުމުގެ ގާނޫނުގެ ދަށުން ފިޔަވަޅު އަޅަން ޖެހޭ މީހަކު ނުހުންނާނެ ކަމަށް އިމްރާން ވިދާޅުވިއެވެ.
އިމްރާންގެ ޖަވާބާ ގުޅިގެން މަޖިލީހުގެ ރިޔާސަތުގައި އިންނެވި އީވާ އަބްދުﷲ ވަނީ މަޖިލީހުގައި އިމްރާން ތަމްސީލް ކުރައްވަނީ ހޯމް މިނިސްޓަރުގެ ދައުރު ކަމަށާއި، ޕާޓީ ތަމްސީލް ކުރެއްވުމަށް ދެންނެވިފައި ނުވާކަމަށް ވިދާޅުވެފައެވެ.
ރާއްޖޭގައި ޓެރަރިޒަމްގެ އަމަލުތައް އިތުރުވަމުން އަންނަ މި ދަނޑިވަޅުގައި ގާނޫނުގެ ތެރެއިން ކުރެވެން ހުރި ކަންކަން ކުރައްވަމުން އަންނަ ކަމަށާއި، އެފަދަ އަމަލުތައް ބަލައި ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވިއެވެ. އެގޮތުން ނޫރު މިސްކިތުގައި އިންޒާރު ދިން މައްސަަލަ ވެސް ބަލައި ތަހުގީގު ކުރަމުން އަންނަކަން ފާހަގަކުރެއްވިއެވެ. މިސްކިތްތަކުގައި ހިންގާ މިފަދަ ކަންކަން ހުއްޓުވުމަށް ހުރިހާ މިސްކިތެއްގައި ކެމެރާ ހަރުކުރުމަށް ނިންމާފައިވާ ކަމަށާއި، އެކަމަށް ބޮޑު ޚަރަދެއް ހިނގި ނަމަވެސް އެއީ މިހާރު ކުރަން ޖެހިފައިވާ ކަމެއް ކަމަށް ވިދާޅުވިއެވެ. އެކަމުގެ މަޝްވަރާތައް ބާރަށް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.