ކ. މާލެ
|
3 އޮކްޓޯބަރ 2021 | އާދީއްތަ 11:42
ހިޔާ ފްލެޓް ސަރަހައްދުގައި އާންމުން ކުނި ބަހައްޓާފައި
ހިޔާ ފްލެޓް ސަރަހައްދުގައި އާންމުން ކުނި ބަހައްޓާފައި
އަމްނާ އިމާދު
ހިޔާ ފްލެޓްގެ ކުނީގެ މައްސަލަ
ހިޔާ ފްލެޓް ސަރަހައްދުގައި އުފެދޭ ދުވަހު ކުނި ނައްތާލުމަށް ކޮމިއުނިޓީ ޑަސްބިންތަކެއް ބަހައްޓަނީ
 
ނޮވެމްބަރު މަހުގެ ނިޔަލަށް އެއްވެސް ފީއަކާ ނުލާ ޑަސްބިންތައް ހުސްކޮށްދޭނެ

ހިޔާ ފްލެޓް ސަރަހައްދުގައި އުފެދޭ ދުވަހު ކުނި ނައްތާލުމަށް ކޮމިއުނިޓީ ޑަސްބިންތަކެއް ބަހައްޓަން ނިންމާފައިވާ ކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ހާމަކޮށްފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ އާދަމް މުޙައްމަދު ވިދާޅުވީ ފްލެޓްތަކުގެ ބޭރުގައި އެއް ހިސާބެއްގައި ކޮމިއުނިޓީ ޑަސްބިންތައް ބަހައްޓަން ހައުންސިގ ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއެކު މަޝްވަރާކޮށްފައިވާނެ ކަމަށެވެ. އަދި 30 ޑަސްބިން ބެހެއްޓުމަށް އެކުފުންޏާ ހަވާލުކޮށްފައިވާ ކަމަށާއި ނޮވެމްބަރު މަހުގެ ނިޔަލަށް އެއްވެސް ފީއަކާއި ނުލާ، ޑަސްބިންތައް ހުސްކޮށް ދިނުމުގެ މަސައްކަތް ވެމްކޯ އިން ކުރިއަށް ގެންދާނެ ކަމަށެވެ.

އާދަމް ވިދާޅުވީ ފޭސް 2 ގެ މަގުތައް ހެދުމުގެ މަސައްކަތް ވެސް ނުނިމޭތީ ވެމްކޯގެ ކުނި ނަގާ އުޅަނދުތަކަށް އެ ތަނަށް ވަނުމަށް ދަތިތަކެއް ކުރިމަތިވާތީ ކަމަށެވެ. އަދި އުޅަނދުތަކަށް ވަދެވޭނެ ހިސާބުތަކުގައި ޑަސްބިން ބަހައްޓާ ދުވަހު، ދުވަހު ކުނި ނައްތާލެވޭނެ އިންތިޒާމެއް ހަމަޖައްސާފައިވާ ކަމަށެވެ.

ހިޔާ ފްލެޓްތަކުގެ ސަރަހައްދަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ކުނީގެ މައްސަލައެވެ. ފްލެޓްތަކަށް ވަންނަ ދޮރުކައިރީގައި ބޮޑެތި ފުނިފުނި ޖަހާފައިހުރި އިރު، މުޅި ސަރަހައްދުން ވެސް ދުވަނީ ކުނީގެ ވަހެވެ. ކުނިތައް ނުނަގައި ގިނަ ދުވަސްވުމުގެ ސަބަބުން ހުރީ ފުޅަ އަޅާފައެވެ. އެހެންކަމުން ކުދިން ގޮވައިގެން އެސަރަހައްދަށް ނުކުމެ ނޫޅެވޭ ކަމަށް ބައެއް މީހުން ވަނީ ބުނެފައެވެ.

މި މައްސަލައާ ގުޅިގެން ހިޔާ ޔޫނިއަނުން ބުނީ ކާބޯތަކެތި އުކައިލެވޭނެ އަވަސް އިންތިޒާމެއް ހަމަޖައްސަން ޖެހޭ ކަމަށާއި، ފްލެޓްގައި އުޅޭ މީހުން އުކައިލާ ކާނާގެ ބާވަތްތައް ނަގާނެ އިންތިޒާމެއް ނެތުމަކީ ސިއްހީ މައްސަލަތަކެއް ކުރިމަތިވެދާނެ ކަމެއް ކަމަށެވެ. މިއީ ނާޒުކު މައްސަލައެއް ކަމަށް ބުނެ، އަވަސް ހައްލެއް ހޯދައި ދިނުމަށް ޔޫނިއަނުން ގޮވާލާފައިވެއެވެ.

ފުނި ޖަހާފައި ހުރި ކުނިތަކާ ގުޅިގެން އެޗްޑީސީ އިން ބުނީ ކޮންމެ ދުވަހުވެސް ކުނި ނެގުމުގެ މަސައްކަތް އެ ކުންފުނީގެ މުވައްޒަފުން ކުރަމުންދާ ކަމަށެވެ. އަދި ކޮންމެ ދުވަހަކުވެސް ވަކި ގަޑިތަކެއްގައި ކުނި ނެގުމުގެ މަސައްކަތް ކުންފުނިން ކުރަމުންދާ ކަމަށް ވަނީ ބުނެފައެވެ.

ހިޔާ ފްލެޓްގެ ކުނީގެ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުންދާއިރު ހިޔާގެ ހުރިހާ ޓަވަރަކަށް ކަރަންޓުދީ، ގްރޭސް ޕީރިއަޑް ގުނަން ވަނީ ފަށާފައެވެ. ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ބުނީ، ހިޔާ މަޝްރޫޢުގެ ދަށުން ހުޅުމާލެ ފޭސް-2 ގައި އިމާރާތްކޮށްފައިވާ 6,720 ފުލެޓުގެ އެއްބަސްވުމުގެ 8 ވަނަ މާއްދާގެ "ނ" ގައި ބަޔާންކޮށްފައިވާ ގޮތުން ފުލެޓުގެ އެއްބަސްވުމުގައި ސޮއިކުރާއިރު އެ ޓަވަރަކަށް ފެނާއި ކަރަންޓުގެ ޚިދުމަތް ލިބިފައި ނުވާނަމަ، ގްރޭސްޕީރިއަޑްގެ 3 މަސް ދުވަސް ގުނަން ފަށާނީ އެ ޓަވަރަކަށް ކަރަންޓާއި ފެނުގެ ޚިދުމަތް ލިބުނުކަން ވިއްކާފަރާތުން އިޢުލާންކުރާ ތާރީޚުން ފެށިގެން ކަމަށެވެ.

ކަރަންޓާއި ފެނުގެ ޚިދުމަތް މިހާރު ހިޔާފުލެޓުތައް ހިމެނޭ ހުރިހާ ޓަވަރަކަށް ވެސް ފޯރުކޮށްދީފައިވާކަމަށް އެޗްޑީސީން ބުނެއެވެ. އަދި 30 ސެޕްޓެމްބަރ 2021ގެ ނިޔަލަށް ފުލެޓުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާ ފަރާތްތަކުގެ ގްރޭސް ޕީރިއަޑް 1 އޮކްޓޯބަރ 2021 ން ފެށިގެން ހިނގަންފަށާނެ ކަމަށެވެ. އެޗްޑީސީން ބުނީ، މި ތިންމަސް ދުވަސް ހަމަވުމަށް ފަހު އެއްބަސްވުމުގެ ދަށުން ދައްކަން ޖެހޭ އިންސްޓޯލްމަންޓް އަދި މެނޭޖްމެންޓް ފީ ހިނގަން ފަށާނެކަމަށެވެ. މެއިންޓަނަންސް ފީގެ ގޮތުގައި 1000 ރުފިޔާއެކު ޖުމްލަ ދައްކަން ޖެހޭނީ 8500 ރުފިޔާއެވެ. 

"ހިޔާ" މަޝްރޫއުގެ ދަށުން 25 ބުރީގެ 16 ޓަވަރު އިމާރާތްކުރުމަށް ޗައިނާ ސްޓޭޓް ކޮންސްޓަރަކްޝަން އިންޖީނިއަރިން ކޯޕަރޭޝަން ލިމިޓެޑާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރީ، 20 ޖުލައި 2016 ގައެވެ. މިއީ ދިވެހި ސަރުކާރުން، 434 މިލިއަން ޑޮލަރުގެ (6.692 ބިލިއަން ރުފިޔާ) ލޯނެއް ނަގައިގެން ހިންގާފައިވާ ޕްރޮޖެޓެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް