އެކި އެކި މާރާމާރީ ފަދަ ކުށްތަކުން މީހުން މަރުވި އަދަދު ފާއިތުވި ދެ އަހަރުތެރޭ މަދުވެފައިވާކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
ހޮނިހިރު ދުވަހު ފާހަގަކުރި ބައިނަލްއަގުވާމީ އަހިންސާ ދުވަސް ނުވަތަ ނޮން ވަޔަލަންސް ޑޭ އާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައި ސީޕީ ވިދާޅުވީ ރާއްޖޭގެ ގޭންގުތަކުން ހިންގާ އެކި އެކި މާރާމާރީތައް ހުއްޓުވަން މުއައްސަސާތަކުން އިތުރަށް މަސައްކަތް ކުރަން ޖެހިފައިވާކަމަށެވެ. މިފަދައިން ގޭންގުތަކުން ހިނގާ އެކި އެކި އަމަލުތަކުގެ ސަބަބުން މުޖުތަމައުގައި ބިރުވެރިކަން އުފެދިފައިވާކަމަށް ސީޕީ ހަމީދު ވިދާޅުވިއެވެ.
ފާއިތުވި ދެ އަހަރު ދުވަހަށް ބާލައިރު، މިފަދަ އަނިޔާވެރި އަމަލުތައް ހިންގާ މިންވަރު މަދުވެފައިވާކަމަށް ދައްކާކަމަށް ސީޕީ ހަމީދު ވިދާޅުވިއެވެ. ވަކިން ޚާއްސަކޮށް އަނިޔާވެރި މާރާމާރީތަކުގައި މަރުވާ މީހުންގެ އަދަދު މަދުވެފައިވާކަމަށް ސީޕީ ވަނީ ވިދާޅުވެފައެވެ.
އެހެންނަމަވެސް މިކަން އެއްކޮށް ހުއްޓުވަން ކުރަންޖެހޭ ކަންކަން ވަރަށް ގިނަ ކަމަށް ސީޕީ ވަނީ ވިދާޅުވެފައެވެ. މި މަސައްކަތް ކުރަންޖެހެނީ މިކަމަށް ދާއިމީ ހައްލެއް ގެނެވޭނެ މަގަކުން ކަމަށް ސީޕީ ވަނީ ވިދާޅުވެފައެވެ.
ގޭންގުތަކުން ހިންގާ މާރާމާރީތަކުގައި ފާއިތުވި އަހަރުތަކުގައި އެތައް ބަޔަކު ވަނީ މަރުވެފައެވެ. މިފަދަ އެތައް މައްސަލައެއްގެ ޝަރީއަތް މިވަގުތުވެސް ކޯޓުތަކުގައި ކުރިއަށްދެއެވެ.
ދާދި ފަހުންވެސް އައްޑޫ ސިޓީގައި ދެ ގްރޫޕެއްގެ ދެމެދުގައި ހިނގި މާރާމާރިއެއްގައި ދެ ޒުވާނަކަށް ވަނީ ބޮޑެތި އަނިޔާތަކެއް ވެފައެވެ.