މޫސުމަށް އަންނަ ބަދަލާއި ގުޅިގެން ރާއްޖެފަދަ ކުދިކުދި ޖަޒީރާ ގައުމުތަކަށް ލިބެމުންދާ ގޮންޖެހުންތަކާއި ބެހޫގޮތުން ދުބާއީ އެކްސްޕޯ 2020ގައި އދ. ގެ އާންމު މަޖުލީހުގެ ރައީސް އަބްދުﷲ ޝާހިދު، ވާހަކަފުޅު ދެއްކެވުމަށް ހަމަޖެހިއްޖެއެވެ.
ޝާހިދު ވިދާޅުވެފައިވަނީ، ދުބާއި އެކްސްޕޯ 2020ގައި އެމަނިކުފާނު އެންމެ ބޮޑަށް އަލިއަޅުވާލައްވާނީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ރާއްޖެފަދަ ކުދިކުދި ޖަޒީރާ ގައުމުތަކަށް ލިބެމުންދާ ގޮންޖެހުންތަކާއި ބެހޭގޮތުން ކަމުގައެވެ. މި މައްސަލަ ހައްލުކުރެއްވުމަށް ކުރެވެން އޮތް ހުރިހާކަމެއް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
އދ. ގެ އާންމު މަޖިލީހުގައި މޫސުމާއި ބެހޭ ތަހުލީލުތަކުގެ ފަހުގެ ހޯދުންތަކުގެ އަލީގައި މިނިސްޓަރު ޝާހިދު ވިދާޅުވީ، ކައިރި މުސްތަގުބަލެއްގައި ދުބާއީއަށް ވަޑައިގަންނަވާނެ ކަމަށެވެ. މިދަތުރުފުޅުގައި އެކްސްޕޯގެ ހަތަރު އިވެންޓެއްގައި، ރަށްތައް ގިރުމާއި ދުނިޔެ ހޫނުވުމާ ބެހޭގޮތުން ޝާހިދު ވާހަކަފުޅު ދައްކަވާނެއެވެ. މީގެ އިތުރުން ޔޫއޭއީގެ އޮފިޝަލުންނާއި، އދ. ގެ އާންމު މަޖުލީހުގެ މައައްޒަފުންނާއި އަދި އަންހެނުންނާއި ޒުވާނުންގެ އެކި ފޯރަމްތަކުގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވައި ކަންބޮޑުވުންތައް ހިއްސާ ކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ވެރިރަށް އަބޫދާބީގައި ގާއިމުކުރެވިފައިވާ އިންޓަނޭޝަނަލް ރިނިއުވަބުލް އެނާޖީ އެޖެންސީއަށާއި އިންޓަނޭޝަނަލް ހިއުމަނިޓޭރިއަން ސިޓީއަށް ވެސް ވަޑައިގަންނަވާނެއެވެ. ޝާހިދުގެ މި ދަތުރުފުޅަކީ ސްކޮޓްލޭންޑްގެ ގްލާސްގޯގައި ބޭއްވޭ ކޮޕް 26 މޫސުމާއި ބެހޭ ސަމިޓުގެ 1 މަސް ކުރިން ކުރައްވާ ދަތުރުފުޅެކެވެ. މިސަމިޓަކީ ޕެރިހުގައި 2015 ވަނަ އަހަރު ބޭއްވި ގްރީން ހައުސް ގޭސް ބޭނުން ހުއްޓާލުމަށް ވެވުނު އެއްބަސްވުން މުރާޖައާ ކުރުމާއި މަޝްވަރާ ކުރުމުގެ ބައްދަލުވުމެކެވެ.
ޝާލިދު ވިދާޅުވިގޮތުގައި ދުބާއީގައި އެމަނިކުފާނު އެކްސްޕޯގެ މުހިންމު ބައިވެރިވެރިންނާ މިވާހަކަތައް ހިއްސާކުރައްވާނެއެވެ. ހުކުރު ދުވަހު ދުބާއީ އެކްސްޕޯ 2020 ފަށާފައިވާއިރު، މި އެކްސްޕޯގައި 190 އަށްވުރެ ގިނަ ގައުމުތަކަކުން 200 އެއްހާ ތަފާތު ކާތަކެއްޗާއި، އަދި 60 އެއްހާ މީހުންގެ ހުނަރު ދައްކައިދޭ ޝޯތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
ދުބާއީ އެކްސްޕޯ 2020 ގެ ތެރެއިން އދ. ގެ ފަރާތުން ސިލްސިލާކޮށް ގެންދާ އެތައް އިވެންޓެއްވެސް ކުރިއަށް ދާނެއެވެ. މީގެތެރޭގައި ޚާއްސަކޮށް ފަގީރުކަން ނައްތާލުމާއި ޖައްވު ހޫނުވާ މައްސަލައަށް އަލިއަޅުވާލައި މިކަންކަން ހައްލު ކުރުމުގެ މަސައްކަތްތައް ހިމެނެއެވެ.