މިއަހަރުގެ ފެބްރުއަރީ މަހުން ފެށިގެން މިހާތަނަށް އައިއިރު ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ގަވާއިދާ ޚިލާފަށް ވަދެ އުޅުނު 10 އުޅަނދަކަށް ފިޔަވަޅު އަޅާފައިވާކަމަށް މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ވަޒީރުންނާ ސުވާލުކުރުމުގެ އެޖެންޑާގެ ދަށުން ގަވާއިދާ ޚިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަންނަ ބޯޓުފަހަރު ކިހާވަރަކަށް ހުއްޓުވިފައިވޭތޯ ހޮޅުދޫ ދާއިރާގެ މެމްބަރ ޔޫނުސް އަލީ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
އެސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ މަސްވެރިކަމާއި ބެހޭ އައު ގާނޫނު ފާސްކޮށް އެގާނޫނަށް އަމަލުކުރަން ފެށިފަހުން ކަނޑުތައް ހިމާޔަތްކޮށް ބެލެހެއްޓުމުގެ ގާނޫނީ ބާރު ފިޝަރީޒް މިނިސްޓްރީއަށް ކުރިޔަށްވުރެ ބޮޑަށް ލިބިފައިވާކަމަށެވެ.
އަދި މިއަހަރުގެ ފެބްރުއަރީ މަހުން ފެށިގެން 10 އުޅަނދަކަށް ފިޔަވަޅު އަޅާފައިވާއިރު އެއީ ބޭރުގެ އުޅަނދުފަހަރުކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އުޅަނދުތައް ގެނެސް އިންސްޕެކްޓްކޮށް ބަލާ ގަވާއިދާ ޚިލާފަށް ރާއްޖޭގެ ސަރަހައްދުގައި މަސްވެރިކަންކޮށްފައިވާ ހުރިހާ އުޅަނދަކަށް ފިޔަވަޅު އަޅާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އަޅުގަނޑު ފާހަގަކުރަން އެގޮތުން 4 އުޅަނދެއް އަޅުގަނޑުމެން ޖޫރިމަނާކޮށްފިން. އަދި އެ މީހުން ޖޫރިމަނާ ހަތަރު ލައްކަ ރުފިޔާ ކޮންމެ އުޅަނދަކުން ދައްކައިވެސްފި. އަދި އެ އުޅަނދުތައް މި ޖޫރިމަނާ ދެއްކުމަށްފަހު ފުރައިގެންވެސް ހިނގައްޖެ. އެހެންވީމާ އަޅުގަނޑުމެން ފިޔަވަޅު އެބައަޅަން. ގާނޫނުގެ ބާރު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ކަނޑުތަކުގެ މައްޗަށް އެބަހިނގާ. އަދި އަޅުގަނޑުމެން ހަމަ މިކަނޑުތައް ކުރިޔަށްވުރެ މާ ރަނގަޅަށް އިރާދަކުރެއްވިއްޔާ ބަލަހައްޓާނަންޑރ. ހުސައިން ރަޝީދު ހަސަން / މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ
މަސްވެރިކަމުގެ ގާނޫނުގައި ބުނެފައިވަނީ ބޭރުގެ މަސްވެރި އުޅަނދުތައް ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދަށް ވަންނަންވާނީ، އެކަމަށްޓަކައި މިނިސްޓްރީން ދޫކުރާ ހުއްދަ، ދުރާލާ ހޯދުމަށްފަހުގައިކަމަށެވެ. މަސްބޯޓު ރާއްޖެ ސަރަހައްދަށް ވަދެފައިވަނީ އެފަދަ ހުއްދައެއް ހޯދައިގެންތޯ ބެލުމަށްފަހު ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ބޯޓު ގެންދެއެވެ. އަދި އެބޯޓުގައި ވާ ލިޔެކިޔުންތައް ޗެކްކޮށް ބޯޓުގެ ވެރިފަރާތަށް ޖަވާބުދާރީ ވުމުގެ ފުރުސަތުދެއެވެ.
ބޯޓު އެމްއެންޑީއެފްގެ ބެލުމުގެ ދަށުގައި ވިޔަސް ބޯޓުގައި ތިބި ފަޅުވެރިންނަށް އެމީހުންގެ ގައުމަށް ދިޔުމުގެ ފުރުސަތު އޮވެއެވެ. އަދި 30 ދުވަހުގެ ތެރޭގައި ވެރިފަރާތުން ޖޫރިމަނާ ފައިސާ ދައްކަންޖެހޭއިރު ނުދައްކައިފިނަމަ އެބޯޓު ދައުލަތަށް ނެގުމަށާއި ބޯޓުގެ ވެރިމީހާއާ ދެކޮޅަށް ދައުވާކޮށްދިނުމަށް އެދި ފިޝަރީޒް މިނިސްޓްރީން ހުށަހަޅާނެއެވެ.
މިއަހަރުގެ ޖުލައި މަހުގެ 3 ވަނަ ދުވަހު ވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގަވާއިދާ ޚިލާފަށް މަސްވެރިކަންކުރި ބޯޓެއްގެ ވެރިޔާ ހަތަރު ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފައެވެ.