ކ. މާލެ
|
1 އޮކްޓޯބަރ 2021 | ހުކުރު 18:16
އުއްތަމަ ފަނޑިޔާރު
އުއްތަމަ ފަނޑިޔާރު
ރައީސް އޮފީސް
އުއްތަމަފަނޑިޔާރު ދިރިއުޅުއްވާ ގެޔަށް ވަދެގަތުން
ދައުލަތުގެ އިސްވެރިންގެ ސަލާމަތީ ކަންކަމަށް އިތުރަށް ފާރަވެރިވެދީ: އެމްޑީޕީ
އުއްތަމަ ފަނޑިޔާރަށް ރަސްމީ ގެއެއް ހަމަޖެހެންދެން، ދިރިއުޅުއްވަން ވަގުތީ ގެއެއް ވަނީ ހަމަޖައްސާދީފައި
އެމަނިކުފާނު ދިރިއުޅުއްވަމުން ގެންދަވަނީ އެމަނިކުފާނުގެ އާއިލީ ގެއެއްގައި
އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެއަށް މީހަކު ވަދެގެންފައިވާ މައްސަލަ ވަނީ ހޫނުވެފައި

ދައުލަތުގެ އިސްވެރިންގެ ސަލާމަތީ ކަންކަމަށް ސަމާލުކަންދީ، އިހުމާލުނުވުމަށާއި އަދި ފަރުވާތެރިވެ، ސީރިއަސްވުމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް އެމްޑީޕީން އިލްތިމާސް ކޮށްފިއެވެ.

އެމްޑީޕީން މިފަދައިން އިލްތިމާސްކުރީ އުއްތަމަފަނޑިޔާރު އަހުމަދު މުއުތަސިމު އަދުނާނު ދިރިއުޅުއްވާ ގޭގެ ސީސީޓީވީ ކެމެރާތައް ހަލާކުކޮށްލައި، ސެކިޔުރިޓީ ފޫއަޅުވާލައި އެ ގެޔަށް މީހަކު ވަދެގެންފައިވާ މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް ނެރުނު ބަޔާނެއްގައެވެ.

އެމްޑީޕީން ބުނީ އެމަނިކުފާނުގެ ސަލާމަތާއި ރައްކާތެރިކަން އޮތް މިންވަރާމެދު އެ ޕާޓީން އިންތިހާއަށް ކަންބޮޑުވުން ފާޅުކުރާ ކަމަށެވެ. ދައުލަތުގެ ތިން ބާރުގެ ތެރެއިން އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ އެންމެ އިސް ފަރާތްކަމަށްވާ އުއްތަމަފަނޑިޔާރަށާއި އުއްތަމަފަނޑިޔާރުގެ އާއިލާއަށް ޙިމާޔަތާއި ރައްކާތެރިކަން ދައުލަތުން ކަށަވަރުކޮށްދީ، އަދި ސަލާމަތީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅޭނޭ ގޮތަށް އެމަނިކުފާނާއި، އެމަނިކުފާނުގެ އާއިލާ ދިރިއުޅުއްވާނެ ރަސްމީ ގެއެއް ދައުލަތުން ހަމަޖެއްސުމަށް ގާނޫނުން ލާޒިމުކޮށްފައިވީ ހިނދު، އެމަނިކުފާނާއި، އެމަނިކުފާނުގެ އާއިލާ މިވަގުތު ދިރިއުޅުއްވާ އާއިލީ ގޭގެ ސެކިޔުރިޓީ ފޫއަޅުވާލައި އެގެށް މީހަކު ވަނުމުގެ ފުރުސަތު ލިބިފައިވާކަމީ ބަލައިގަނެވޭނޭ ކަމެއް ނޫން ކަމަށް އެމްޑީޕީން ބުނެފައިވެއެވެ.

މިފަދަ ކަންކަމަށް އިތުރަށް ސަމާލުކަންދީ، ސީރިއަސްކަމާއެކު މިކަންކަން ބެލުމަށް އެމްޑީޕީން ވަނީ ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލާފައެވެ. އަދި އުއްތަމަފަނޑިޔާރުގެ ސެކިއުރިޓީ ކަންކަން އެންމެ ފުރިހަމައަށް ކަށަވަރުކޮށްދިނުމަށް އެ ޕާޓީން ވަނީ ގޮވާލާފައެވެ.

އުއްތަމަފަނޑިޔާރު މިހާރު ދިރިއުޅުއްވަމުން ގެންދަވާ އެމަނިކުފާނުގެ އާއިލީ ގެ ފަޅާލައި، ބަޔަކު ވަދެފައިވާއިރު، އުއްތަމަފަނޑިޔާރަށް ޚާއްސަ ރަސްމީ ގެެއެއް ހަމަޖެހެންދެން އެމަނިކުފާނާއި އެމަނިކުފާނުގެ އާއިލާ ދިރިއުޅުއްވަން ވަގުތީ ގެއެއް މިހާރު ވަނީ ހަމަޖައްސަވާފައެވެ. އެއީ ރެހެންދި ފްލެޓުގެ އެޕާޓްމެންޓެކެވެ. މިތަނުގެ ސަލާމަތީ ކަންކަންވެސް ވަރުގަދަވާނެ ކަމަށް ސަރުކާރުން މީގެ ކުރިން ހާމަކޮށްފައިވެއެވެ. އުއްތަމަފަނޑިޔާރަށް ޚާއްސަ ވަގުތީ ގެއެއް ހަމަޖައްސާފައިވީނަމަވެސް އެމަނިކުފާނު އަދިވެސް އެ ގެއަށް ބަދަލުވެވަޑައިގެންފައެއް ނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
- ކޮމެންޓް