ހަތްގުދު ލީ މީހާ އެއްގުދު ލީ މީހާއަށް ގުދޯގުދޯ ގޮވާ މަންޒަރަކީ މުޖުތަމައުން އާންމުކޮށް ފެންނަ މަންޒަރުތަކެވެ. ލައިސަންސް ނެތި ސައިކަލު ދުއްވަމުންދާ މީހާއަށް ވެސް ކަފިހި ހުރަސްމަތިން ނުގޮތަކަށް ހިނގަމުންދާ މީހާއަށް ނުރުހުމުގެ ލޯ އަމާޒުކޮށްލެވެއެވެ. އޮފީހަށް ގަޑިޖެހިގެން އަންނަ މީހާއަށް ވެސް ދެން ހުންނަ މުވައްޒަފު ސަލާމް ބުނުމުން މަސައްކަތްތަކަށް ކުރިމަތިވާ އުނދަގޫތަކުގެ ވާހަކަ ދެއްކެއެވެ. އަމިއްލަ މައިންބަފައިންނަށް ކަމޭނުހިތިޔަސް، އުމުރުން ދުވަސްވީ މީހުންނަށް ދައުލަތުން ދޭންޖެހޭ އިނާޔަތްތައް ކިރިޔާވެސް ލަސްވެއްޖެނަމަ އެވާހަކަ ދައްކަން ފަސްނުޖެހޭ މީހުން މަދެއް ނޫނެވެ. ތިމާ އާންމު ތަންތަނުގައި މާސްކް އެޅުމާއި، އިޖުތިމާއީ ގައިދުރުކަމަށް ސަމާލުކަން ނުދިނަސް، އެހެން މީހުން އެކަން ކުރަން ޖެހޭނެކަމަށް ޤަބޫލު ކުރެއެވެ. މިއީ ކުޑަ މިސާލުތަކެކެވެ. މިއަށް ކިޔަނީ ހަތްގުދު އޮންނަ މީހާ އެއްގުދު އޮންނަ މީހާއަށް ގުދޯގުދޯ ގޮވުމެވެ. ދާދި ފަހުން ހިނގި މިފަދަ ބައެއް ޙާދިސާތައް ހިއްސާކޮށްލާނަމެވެ.
ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށް މުޖުތަމައުގެ ޒިންމާ ވެސް ބޮޑު
މިފަހުން އެންމެ ބޮޑު ސަމާލުކަމެއް ލިބިގެން ދިޔަ އެއް ވާހަކައަކީ ހުޅުމާލޭ ފިޔަވަތީގައި ތިބި ކުދިންތަކެއް އެތަނުގައި ހަމަނުޖެހުން ހިންގިކަމަށް ބުނާ ވާހަކައެކެވެ. އެތަނުގައި ތިބޭ މުވައްޒަފުންނަށް އެތަނުގައި ތިބޭ ކުދިން ނުބެލެހެއްޓޭ ވާހަކައިގެ އަޑުވެސް އެއާއެކު ގަދަވެގެން ދިޔައެވެ. ހަމައެފަދަ މައްސަލަތަކެއް ޙައްލު ނުކުރެވި ބޮއްސުންލައިގެން ގޮސް މި ސަރުކާރުގެ ޖެންޑަރ މިނިސްޓަރަކު އިސްތިއުފާ ވެސް ދެއްވިއެވެ. ނަމަވެސް މިނިސްޓަރު ބަދަލުވުމުން ވެސް މައްސަލައާއި ޙާލަތަށް ބަދަލެއް ނާންނަކަމަށް ގިނަ މީހުން ދަނީ ބުނަމުންނެވެ.
ދައުލަތުގެ ބެލުމުގެ ދަށަށް ގިނަ ފަހަރު ގެންދާ ކުދިންނަކީ ތަފާތު މާހައުލުތަކުން ގެންގޮސް އެތަނަށް ލާ ކުދިންނެވެ. ބައެއް ކުދިންނަކީ ކުށުގެ ވެށީގެ އިންތިހާ ނުރައްކަލުގެ ތެރެއިން ދައުލަތުގެ ބެލުމުގެ ދަށަށް ނަގާ ކުދިންނެވެ. ބައެއް ކުދިންނަކީ އަނިޔާގެ ޝިކާރައަކަށްވުމުން ދައުލަތުގެ ބެލުމުގެ ދަށަށް ނަގާ ކުދިންނެވެ. ބައެއް ކުދިންނަކީ އާއިލާއިން ބެލެހެއްޓެން ނެތުމުން ގެންދާ ކުދިންނާއި އާއިލާއެއް ނެތި ބިކަވެފައިވާ ކުދިިންނެވެ. މިހުރިހާ ކުދިން ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސް، އެކަށީގެންވާ ގޮތެއްގައި އެކުދިން ނުބެލޭނަމަ، އެވާހަކަ ދެއްކިދާނެއެވެ. ދައުލަތުގެ ބުރަކަށީގައި އޮތް ގުދަކަށް އެކަން ވެގެން ދިއުމުން އެވާހަކަ ދެއްކުމަކުން މައްސަލައެއް ނެތެވެ. ނަމަވެސް، ދައުލަތެކޭ އެއްވަރަށް މުޖުތަމައު ވެސް މިކަމުގައި ޒިންމާވާން ޖެހޭ ނޫންތޯއެވެ؟ މުޖުތަމައުގެ ބުރަކަށީގައި ވެސް ހަމަ އެފަދަ ގުދެއް ހުރިނަމަ، ދައުލަތުގެ ގުދުގެ ވާހަކަ ދެއްކުމުގެ ކުރިން ފުރަތަމަ އެކަމެއް ޙައްލު ކޮށްލުން މާ ބުއްދިވެރި ނޫންތޯއެވެ.
މަގުމަތި ކުނި ކުރުމާއި، ކުނިވާން ދޫކޮށްލުން:
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ގުދުގެ ވާހަކަ ދޭތެރެ ދޭތެރެއިން އަޑު އިވޭނެއެވެ. ވެމްކޯއިން ކުނި ގެންދިއުން ކިރިޔާ ލަސްވެލިޔަސް އެ ވާހަކައިން މުޅި ސޯޝަލް މީޑިއާ ފުރާލާ ފަހަރު ވެސް އާދެއެވެ. ދާދި ފަހުން ވެސް އެފަދަ އެތައް ކަމެއް ހިނގައިގެން ގޮސްފިއެވެ. ޚިދުމަތްދޭ ކުންފުންޏެއްގެ ޙައިސިއްޔަތުން ވެމްކޯގެ ޒިންމާ ވެސް ނުހަނު ބޮޑެވެ. ޒިންމާއާ އެއްވަރު ގުދެއް ފެނުމުން އެވާހަކަ ދެކެވެނީ ވެސް އެހެންވެ ކަންނޭނގެއެވެ. ނަމަވެސް ވެމްކޯއާ އެއްވަރަށް އެއްކަލަ މުޖުތަމައު ވެސް ހަމަ މި ބައިގައި ހިމެނެއެެވެ. އަޅުގަނޑުމެން އެންމެން ވެސް ހިމެނޭ ގޮތުންނެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ޙާލަތުގައި ވެމްކޯއިން ވަނީ ކުނި އުކާލުމުގެ ޚިދުމަތަށް ރަޖިސްޓްރީ ނުކުރާ ގޭގެއިން ވެސް ކުނި ނަގައިދީފައެވެ. މާނައަކީ ކުންފުންޏަށް ގެއްލުމާއެކުވެސް، ބަލިމަޑުކަމެއްގެ ދަނޑިވަޅުގައި ރަށުތެރެ ސާފު ކުރުމަށް ވެމްކޯއިން އިސްކަން ދިނެވެ. ނަމަވެސް މުޖުތަމައުގެ ޒިންމާ އަދާކުރީ ކިހާ މިންވަރަކަށްތޯ ސުވާލު އުފައްދާލުން ރަނގަޅެވެ. ކޮވިޑުގެ ވަބާގެ ކުރިން ވެސް މިއަދު ވެސް އަޑުއިވެމުން ދަނީ މި ޚިދުމަތަށް މީހުން ރަޖިސްޓަރ ނުކުރާ ވާހަކައެވެ. ރަޖިސްޓަރ ނުކޮށް އެތައް ބަޔަކު މި ޚިދުމަތް ލިބިގަންނަ ވާހަކައެވެ. ވިސްނާލުމެއް ފިކުރެއް ނެތި މަގުތަކަށް ކުނި ނެރެ ދޫކޮށްލާ ވާހަކައެވެ. މުޅި މާލެއަށް ބަލާއިރު 50 އިންސައްތަ ގޭބިސީން ވެސް މި ޚިދުމަތަށް ރަޖިސްޓްރީކޮށްފައި ނުވާކަމަށް ކުންފުނިން މައުލޫމާތު ދެއެވެ. ނަމަވެސް މާދަމާވެސް ރަށުތެރެ ކުނިވެ، މަގުތައް ނުސާފުވުމުން އަޅުގަނޑުމެން އެންމެންނަށް ވެސް އެކަމުގެ އުނދަގޫ ކުރިމަތިވެ އެ ވާހަކަ ދެއްކޭނެއެވެ.
ކޮންމެއަކަސް މިއީ މަދު މިސާލުތަކެކެވެ. ޤަބޫލު ކުރަންޖެހޭ ޙަގީގަތަކީ މުޖުތަމަައުގައި ހުރި މައްސަލަތަކުގެ ވާހަކަ ތިމާ ދައްކާއިރު، އަމިއްލައަަށް އެކަންކަން ޙައްލު ކުރުމުގެ ނިޔަތް ވެސް އޮންނަންޖެހޭ ކަމެވެ. ކޮންމެ މީހަކަށް ވެސް ފާޑު ކިއުމަކީ ނުހަނު ފަސޭހަ ކަމެކެވެ. ނަމަވެސް ބުއްދިވެރިންނަކީ އެހެން މީހުންނަށް ފާޑުކިއުމުގެ ކުރިން ތިމާގެ ފަސްބައި ރީތި ކުރުމަށް އިސްކަންދޭ މީހުންނެވެ. ތިމާގެ 7 ގުދު އިންކަން އެނގި، އެހެން މީހުންނަށް ގުދޯގުދޯ ނުގޮވާ މީހުންނެވެ.