ކ. މާލެ
|
30 ސެޕްޓެންބަރ 2021 | ބުރާސްފަތި 19:59
މަޑުއްވަރީ ކައުންސިލާއެކު ރައީސް ބޭއްވި ބައްދަލުވުމުގެ ތެރެއިން
މަޑުއްވަރީ ކައުންސިލާއެކު ރައީސް ބޭއްވި ބައްދަލުވުމުގެ ތެރެއިން
ރައީސް އޮފީސް
މަޑުއްވަރީ ކައުންސިލާ ރައީސް ބައްދަލުކުރެއްވުން
ތަރައްޤީގެ ކަންކަމުގައި މ. މަޑުއްވަރީ ކައުންސިލުން މަސައްކަތް ކޮށްދެއްވުމަށް ރައީސް އެދިވަޑައިގެންފި
މި ބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އިކްރާމު ޙަސަން ބައިވެރިވެވަޑައިގެންނެވި

ތަރައްޤީގެ ކަންކަމުގައި މ، މަޑުއްވަރީ ކައުންސިލުން މަސައްކަތް ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެދިވަޑައިގެންފިއެވެ.

އެމަނިކުފާނު މިހެން އެދިވަޑައިގެންނެވީ މުލަކަތޮޅު މަޑުއްވަރީ ކައުންސިލާ ބައްދަލުކުރައްވައި ދެއްކެވި ވާހަަކަފުޅުގައެވެ. މި ބައްދަލުކުރެއްވުމުގައި މަޑުއްވަރީ ކައުންސިލުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅަކާއެކު އެރަށު ކައުންސިލުން ބައްދަލުކޮށް މަޝްވަރާކޮށްލުމުގެ ފުރުޞަތު ނުލިބޭތާ އެތައް އަހަރުތަކެއް ވޭތުވެފައިވާކަން ފާހަގަކުރައްވައި މި ފުރުޞަތު ދެއްވީތީ ޚާއްޞަގޮތެއްގައި ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާކުރައްވާފައެވެ. އަދި އެކަންކަންކަމުން ދޭހަވަނީ ތަރައްޤީގެ ކަންކަމުގައި ބޮޑެތި އާބާދީތަކޭ އެއްގޮތަށް ކުދި އާބާދީތަކަށް ސަރުކާރާއި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ސަމާލުކަންކަމުގައި ކައުންސިލަރުން ވިދާޅުވިއެވެ. މި ބައްދަލުކުރެއްވުން ބާއްވާފައި ވަނީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލާއި ރައްޔިތުން ރަށުގެ ތަރައްޤީއަށް އެންމެ ބޭނުންވާކަމެއްގެ ގޮތުގައި ފާހަގަކުރީ، ރަށުގައި އެކަށީގެންވާ ރައްކާތެރި ބަނދަރެއް ނެތުމުގެ ދަތިކަމެވެ. އެގޮތުން ކައުންސިލަރުން ވަނީ ރަށުގެ ތަރައްޤީއަށް ހުރި ފުރުޞަތުތަކާއި، އެރަށުގައި ރައްކާތެރި ބަނދަރެއް ތަރައްޤީކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ކައުންސިލުން ވަނީ ބަނދަރާގުޅިގެން ރަށަށް ބިން އިތުރުކުރުމާއި ގިރަމުންދާ ސަރަހައްދުތައް ހިމާޔަތްކުރުމާއި ކުނި މެނޭޖްކުރުމުގައި ހުރި ދަތިތަކާއި ރަށުގެ އިޚްތިޞާޞް ކަނޑައަޅާފައިވާ ގޮތަށް ގެންނަން ބޭނުންވާ ބަދަލުތަކާއި އަދި ކައުންސިލުގެ އިންސާނީ ވަސީލަތުގެ ދަތިކަންފަދަ ރަށާއި ރައްޔިތުންގެ ކުރިއެރުމަށް މުހިންމުކަންކަން ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މަޑުއްވަރީ ކައުންސިލުން ފާހަގަކުރެއްވި ބަދަލުތައް ބަނދަރުގެ މަޝްރޫޢަށް ގެނައުމާގުޅޭގޮތުން ކަމާބެހޭ އިދާރާތަކާ މަޝްވަރާކުރައްވައިގެން ގޮތްތަކެއް ނިންމަވާނެކަމުގައި ވިދާޅުވެފައެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ލާމަރުކަޒީ ޤާނޫނުގެ ދަށުން ކައުންސިލުތަކުގެ ދައުރު މިހާރު ފުޅާވެފައިވާކަން ފާހަގަކުރައްވައި ތަރައްޤީގެ ކަންކަމުގައި ކައުންސިލުން މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގަންނަވާފައެވެ. އަދި ރަށުގެ ތަރައްޤީއަށް ކުރެވޭ ކަންކަމުގައި ސަރުކާރުން މަސައްކަތްކުރާނީ އެރަށެއްގެ ރައްޔިތުންނާއި ކައުންސިލާއި ގުޅިގެން އެ ފަރާތްތަކުގެ މަޝްވަރާއާއެކުކަން ފާހަގަކުރައްވައި, ރަށުގެ ތަރައްޤީއަށް ކުރެވޭ އެފަދަ ކަންކަމުގައި ކައުންސިލުގެ އެއްބާރުލުން ސަރުކާރަށް ބޭނުންވާނެކަން ވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އިކްރާމު ޙަސަން ބައިވެރިވެވަޑައިގެންނެވިއެވެ.


Advertisement
- ކޮމެންޓް