ކ. މާލެ
|
30 ސެޕްޓެންބަރ 2021 | ބުރާސްފަތި 16:42
މަގުމަތީގައި މީހުން ގިނަވެފައިވާ ދަނޑިވަޅު
މަގުމަތީގައި މީހުން ގިނަވެފައިވާ ދަނޑިވަޅު
ރާއްޖެއެމްވީ
ކޮވިޑާއެކު އެޅި ފިޔަވަޅުތަކަށް ލުއިދިނުން
ފިޔަވަޅުތައް ދޫކޮށްލައިގެން ފަރުޖެއްސިދާނެބާ؟
 
މިހާރު ފެންނަ ކޭސްތައް ވެސް 100 އާ ގާތްކުރޭ
 
މިހާރުވެސް ވަނީ ގިނަ ލުއިތަކެއް ދީފައި
 
އަދަދުތައް މަދުވާ ކޮންމެ ފަހަރަކު ފިޔަވަޅުތަކަށް ލުއިދޭ

ކޮވިޑް-19ގެ ވަބާ މުޅި ދުނިޔެއަށް ފެތުރިގެން އައިއިރު، ރާއްޖެއަށްވެސް މި ވަބާގެ އަސަރު ކުރިއެވެ. ކުއްލިއަކަށް ރާއްޖެއިން ފެނުނު ކޭސްތަކުގެ އަދަދު 200 އަށްވުރެވެސް މައްޗަށް ދިޔައެވެ. މުޅި ގައުމު ބިރުވެރިކަމެއްގެ ތެރެއަށް ވައްޓާލާފައެވެ. ގިނަ ދުވަސްތަކެއް ވަންދެން ގޭތެރޭގައި ބަންދުވެފައި ތިބެން ޖެހުނެވެ. އެއް ރަށެއްގައި އުޅުނަސް ގާތްތިމާގެ މީހެއް، އެއްބަނޑު އެއްބަފާ މީހެއް ނުވަތަ ރަހުމަތްތެރިއެއް ނުފެނިވެސް ގިނަ ދުވަސްތަކެއް ވަންދެން އުޅެންޖެހުނެވެ. މި ބިރުވެރިކަމުގެ ތެރޭގައި ގޭތެރޭގައި ތާށިވެފައި ތިބެންޖެހުން ހަމަގައިމުވެސް ހަނދާނުން ފިލުވާލަން ދަތިވާނެއެވެ.

އެދުވަސްވަރު ސަރުކާރުން ބަލި ކޮންޓްރޯލްކުރަން އެޅި ފިޔަވަޅުތަކަކީ ގިނަ ބަޔަކު ފާހަގަކުރި ކަންކަމެވެ. ސަރުކާރުން އެޅި ފިޔަވަޅުތަކަށް ތަބާވެ، އެންމެން އެކަތިގަނޑަކަށްވެ، މިސާލު ދެއްކިއެވެ. އަދި ބަލިވެސް ކޮންޓްރޯލްކުރިއެވެ. ތެދަށް ބުނާނަމަ މި ބައްޔަކީ ކިހާ ނުރައްކާތެރި ބައްޔެއްކަން ރައްޔިތުންނަށް އިހުސާސްކުރެވުނެވެ. އެއަށްފަހުވެސް ބަލި ކޮންޓްރޯލްކުރަން ގިނަ ހަރުކަށި ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. މިގޮތަށް ގިނަ ދުވަސްތަކެއް ވަންދެން އޮތުމަށްފަހު ރާއްޖޭގެ އިގްތިސާދު އޭރުއޮތް ނާޒުކު ފައްތަރަށް ބަލައި، ލުއިތައް ދެމުން ގެންދިޔައެވެ.

އޭގެ ފަހުން މިއަދާ ހަމައަށް އައިއިރު ކޮވިޑްގެ އެތައް ނުރައްކާތެރި ރާޅަކާ ދިވެހިން ކުރިމަތިލައިފިއެވެ. ކޮންމެ ފަހަރަކުވެސް ކޭސްތައް ދަށަށްދާ ވަރަކަށް ސަރުކާރުން ލުއިތައް ދެމުންދެއެވެ. މިއަދުގެ ހާލަތަށް ބަލާލައިފިނަމަ މިހާރު މިވަނީ ވަރަށްވެސް ގިނަ ލުއިތަކެއް ދީފައެވެ. ވެކްސިން ފުރިހަމަކޮށްފައި ތިބޭމީހުންނަށް އެއްވެސް ހުރަހެއްނެތި އެއް ރަށުން އަނެއް ރަށަށް ދަތުރުކުރެވެއެވެ. ރާއްޖެއިން ބޭރުން އަންނަ މީހުންވެސް ވެކްސިން ޖަހާފައިވާނަމަ ރާއްޖެ އައިސް ކަރަންޓީނުވާކަށް ނުޖެހެއެވެ. މިއީ ހަމައެކަނި ވެކްސިން ފުރިހަމަކުރި މީހުންނަށް ދޭ ލުއިތަކެއް ނަމަވެސް ވެކްސިން ފުރިހަމަކޮށްފައިވާ މީހުންގެ ގަޔަށްވެސް ބަލި އެރުމުގެ ފުރުސަތު އޮތްކަން ހަނދާން ނައްތާލައިގެން ނުވާނެއެވެ.

މި ލުއިތަކުގެ އިތުރުންވެސް ގިނަ ބަޔަކު އެއްވެގެން އެކި އެކި ކަންކަން ކުރުމުގެ ފުރުސަތާއި. ކެފޭ ރެސްޓޯރެންޓުތައްވެސް އާންމުކޮށް ވަނީ ހުޅުވާލާފައެވެ. އެހެންނަމަވެސް ގަބޫލުކުރަންޖެހޭ ހަގީގަތަކީ މި ބަލި އެއްކޮށް ފިލައިގެން ނުދާ ކަމެވެ. މިހާރު ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވާ މިންވަރަށް ބަލާއިރުވެސް، އަދަދުތައް 100 އާ ގާތްކުރެއެވެ. މިގޮތަށް އޮވެފައި އަދަދުތައް އިންތިހާ ދަރަޖައަށް މައްޗަށް ދާނީ ބުނެފައެއް ނޫނެވެ.

ރާއްޖޭގެ އިގްތިސާދާއި، ރައްޔިތުންނާ ދޭތެރޭ ވިސްނައި، ހަރުކަށި ފިޔަވަޅުތަކެއް ނޭޅި ނަމަވެސް ރައްޔިތުންގެ އަތުގައިވެސް ގިނަ ޒިންމާތަކެއް ވާކަން ހަނދާން ކުރަންޖެހެއެވެ. މިވަގުތު މާބޮޑެތި ހަރުކަށި ފިޔަވަޅުތަކެއް އަޅާފައި ނެތް ނަމަވެސް މާލެއާއި އަތޮޅުތެރޭގައިވެސް މާސްކު އެޅުން އަދިވެސް މަޖުބޫރެވެ. އެހެންނަމަވެސް މިފަދަ ކުދި ކުދި ކަންކަންވެސް ކޮށްނުލެވޭ ފަހަރު އާދެއެވެ. މިކަންކަން ބެލުމުގެ ކަންކަމާ ހަވާލުވެ ތިބޭ މީހުންނަށް އެކަންވެސް ނުކުރެވޭ ތަން އާދެއެވެ.

އިތުރުވަމުންދާ އަދަދުތަކާއެކު އެންމެ ގިނަ ބަޔަކު އުފައްދާ ސުވާލަކީ އިތުރު ފިޔަވަޅުތަކަކާ ނުލާ ބަލި ކޮންޓްރޯލްކުރެވިދާނެތޯއެވެ. ނޫނީ ސަރުކާރުން ބަލި ކޮންޓްރޯލްކުރަން ބޭނުން ނުވަނީ ތޯއެވެ. އެހެންނަމަވެސް ހަމަބުއްދިން ވިސްނާލައިފިނަމަ މި ބައްޔަކީ މިއީ ހަމައެކަނި ސަރުކާރުން އަޅާ ފިޔަވަޅެއްގެ ސަބަބުން ކޮންޓްރޯލްކުރެވިދާނެ ބައްޔެއް ނޫންކަން މިހާރު މިވަނީ އެނގިފައެވެ. މިކަމުގައި ފަރުދީ ޒިންމާގެ މުހިންމުކަން އޮތް މިންވަރުވެސް މިހާރު މިވަނީ އެނގިފައެވެ. މާސްކު އެޅުމާއި، ގިނަ މީހުން އެއްވެ އުޅޭ ތަންތަނަށް އެއްވެ ނޫޅެ، ކޮންމެހެން ބައްދަލުކޮށްލަންޖެހޭ ބަޔަކާ ބައްދަލުކޮށްލައިގެންވެސް ބަލިން ރައްކާތެރިވެވޭނެއެވެ. މިކަމުގައި އެކަކު އަނެކަކާ ދިމާލަށް އިލްޒާމުގެ އިނގިލި ދިއްކުރުމުގެ ބަދަލުގައި ބަލިން ރައްކާތެރިވުމަށް އަމިއްލައަށް ކުރެވެންހުރި ކަންކަންވެސް ކުރަންޖެހެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
0%
0%
0%
100%
ކޮމެންޓް