ކ. މާލެ
|
30 ސެޕްޓެންބަރ 2021 | ބުރާސްފަތި 18:02
ފްލެޓްތަކަށް ވަންނަ ސިޑި ކައިރީގައި ޖަހާފައި ހުރި ކުނިތައް
ފްލެޓްތަކަށް ވަންނަ ސިޑި ކައިރީގައި ޖަހާފައި ހުރި ކުނިތައް
އަމްނާ އިމާދު
ހިޔާ ފްލެޓްތަކުގައި ކުނީ މައްސަލަ ބޮޑުވުން
ހިޔާ ފްލެޓުން ހިޔާނުވާއިރު މުޅި ސަރަހައްދު ކުނި ކޮއްޓަކަށް ބަދަލުވަނީތަ؟
 
ވެމްކޯއިން ކުނި ނަގަން ފަށާނީ ނޮވެންބަރު މަހުގެ ފަހުން
 
ކުނީގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ހިޔާ ޔޫނިއަނުން ގޮވާލާފައިވޭ
 
ފްލެޓްތަކަށް ވަންނަ ދޮރުކައިރީގައި ވެސް ވަނީ ކުނި ޖަމާކޮށްފައި

ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ހޯދުމަށް ބައެއް ރައްޔިތުން ގުރުބާންވީއެވެ. ފްލެޓު ހޯދުމަށް ފުރަތަމަ މަރުހަލާގައި ފޯމުލުމަށް ވެސް އެތައް ތަކުލީފެއް އުފުލިއެވެ. ދިގު ކިޔުއެއްގައި ޖެހި ރޭގަނޑު ނިދި ނަގާލުމަށްފަހު އެވެ. އެވަރުގެ ބޮޑު ގުރުބާނީއެއް ވެގެން ފްލެޓް ހޯދީ، ހިންދެމިލެވޭވަރުގެ ދިރިއުޅުމެއް އުޅެވޭނެ ކަމުގެ އުންމީދުގައެވެ. ނަމަވެސް މިއަދު އެފްލެޓްތަކުގެ ހިޔާ ހޯދައިގެން ދިރިއުޅެން ފަށާފައިވާ ރައްޔިތުންނަށް މިއަދާ ހަމައަށް އައިރު ހަމަޖެހޭ ދިރިއުޅުމެއް އުޅެވޭކަށް ނެތެވެ. ސެޕްޓެންބަރު މަހުން ފެށިގެން ފްލެޓްތަކުގައި ބައެއް އާއިލާތައް ދިރިއުޅެން ފަށާފައިފާއިރު، މިއަދާ ހަމައަށް ވެސް ކޮންމެހެން ބޭނުންވާ ޒަރޫރީ ޚިދުމަތްތައް ލިބޭކަށް ނެތެވެ.

ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ އާއިލާތަކުން ފާހަގަކުރާ ގޮތުގައި ބަހުގެ ޚިދުމަތް ނުލިބުމަކީ ވަރަށް ގިނަ ދަތި އުނދަގޫތައް ކުރިމަތިވާ ކަމެކެވެ. އެގޮތުން ދަރިން ސްކޫލަށް ގެންދިއުމަށާއި، ވަޒީފާތަކަށް ދިއުމަށް ކޮންމެ ދުވަހަކު ޓެކްސީގައި ދަތުރު ކުރުމަކީ ވާނެ ކަމެއް ނޫނެވެ. ގިނަ މީހުން މާލެއަށް އަންނަ ޖެހޭއިރު، ޓެކްސީގައި ކޮޅަކަށް 90 ރުފިޔާ ނުވަތަ 100 ރުފިޔާ ނަގައެވެ. އެހެންކަމުން ކޮންމެ ދުވަހަކު ދަތުރުކުރުމަށް އެކަނި ވެސް އަތުން ގާތްގަނޑަކަށް 200އެއްހާ ރުފިޔާ ހޭދަވެއެވެ. އަދި އެސަރަހައްދުގައި އެންމެ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ އެއްޗެހި ގަންނާނެ ފިހާރައެއް ވެސް ނެތުމުން ކޮންމެ ދުވަހަކީ ދަތުރެއް ކުރަން ޖެހޭ ދުވަހެއް ކަމަށް އެމީހުން ބުނެއެވެ. މިއީ ވަރަށް ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކޮށް ބައެއް މީހުން ބުނީ ފްލެޓަށް ވަންނަން ފިނިޝިންގގެ މަސައްކަތްތަކަށް ވެސް އަތުން ބޮޑު ހޭދައެއް ކޮށްފައިވާ ކަަމަށެވެ. އެހެންކަމުން ފަސޭހަ ދިރިއުޅުމަކަށް ކުރި އުންމީދު ފަސޭހަ ނޫން ކަމަށާއި، އަތުން ހޭދަކުރަން ޖެހޭ އަދަދު އިންތިހާއަށް ބޮޑުވެފައިވާ ކަމަށް އެމީހުން ބުނެއެވެ.

ފްލެޓްތަކަށް ވަނުމަށް މިހާރު ވެސް ގިނަ ބަޔަކު މަސައްކަތް ކުރަމުންދޭ

މިހުރިހާ ކަންބޮޑުވުންތަކާއެކު މިހާރު ހިޔާ ފްލެޓްތަކުގެ ސަރަހައްދަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ކުނީގެ މައްސަލައެވެ. ފްލެޓްތަކަށް ވަންނަ ދޮރުކައިރީގައި ބޮޑެތި ފުނިފުނި ޖަހާފައިހުރި އިރު، މުޅި ސަރަހައްދުން ވެސް ދުވަނީ ކުނީގެ ވަހެވެ. ކުނިތައް ނުނަގައި ގިނަ ދުވަސްވުމުގެ ސަބަބުން ހުރީ ފުޅަ އަޅައިފައެވެ. އެހެންކަމުން ކުދިން ގޮވައިގެން އެސަރަހައްދަށް ނުކުމެ ނޫޅެވޭ ކަމަށް ބައެއް މީހުން ބުނެއެވެ.

މިމައްސަލައާ ގުޅިގެން ހިޔާ ޔޫނިއަނުން ބުނީ ކާބޯތަކެތި އުކަލެވޭނެ އަވަސް އިންތިޒާމެއް ހަމަޖައްސަން ޖެހޭ ކަމަށާއި، ފްލެޓްގައި އުޅޭ މީހުންގެ އުކައިލާ ކާނާގެ ބާވަތްތައް ނަގާނެ އިންތިޒާމެއް ނެތުމަކީ ސިއްހީ މައްސަލަތަކެއް ކުރިމަތިވެދާނެ ކަމެއް ކަމަށެވެ. މިއީ ނާޒުކު މައްސަލައެއް ކަމަށް ބުނެ، އަވަސް ހައްލެއް ހޯދައި ދިނުމަށް ޔޫނިއަނުން ގޮވާލާފައިވެއެވެ.

ކުނިތަކެއްގައި ފުޅަ އަޅާފައި

ކުނީގެ މައްސަލަ ބޮޑެވުމާއި ގުޅިގެން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ބުނީ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ކުނި ނެގުމުގެ މަސައްކަތްތައް ފަށާނީ ނޮވެންބަރު މަހުގެ ތެރޭގައި ކަމަށެވެ. އެއީ ފޭސް 2 ގެ މަގުތައް ހެދުމުގެ މަސައްކަތް ވެސް ނުނިމޭތީ ވެމްކޯގެ ކުނި ނަގާ އުޅަނދުތަކަށް އެ ތަނަށް ވަނުމަށް ދަތިތަކެއް ކުރިމަތިވާތީ ކަމަށެވެ.

ހިޔާ ފްލެޓް ސަރަހައްދުގެ މަގުތަށް ނޮވެމްބަރު މަހަށް ހަދައި ނިމޭނެ ކަމަށް އެޗްޑީސީން ލަފާކޮށްފައިވާއިރު، މިދުވަސްތަކުގައި ކުނި ނެގުމުގެ މަސައްކަތް ކުރަނީ އެކޯޕްރޭޝަންގެ ފަރާތުންނެވެ. އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ކުރިން ވިދާޅުވެފައިވަނީ އެ ޓަވަރުތައް ހެދިއިރު ސާވިސް ލިފްޓެއް ގާއިމްކޮށްފައި ނެތް ކަމަށެވެ. ސާވިސް ލިފްޓެއް ނެތި ކުނި ނެގުމަކީ ކުރެވޭވަރުގެ ކަމެއް ނޫން ކަމަށާއި، ވެމްކޯއިން ކުނި ނަގަނީ އެންމެ ތިރިން ކަމަށެވެ.

ހިޔާ ފްލެޓްތަކުގެ އެކި ސަރަހައްދުތަކަށް ކުނި ޖަމާކޮށްފައިވޭ

މީގެ އިތުރުން ފްލެޓްތަކުގައި ފެން ބޮޑުވާ މައްސަލަ ވެސް ފެންމަތިވެފައިވެއެވެ. ފެން ހޮޅިތައް އަޅާފައި ހުރި ގޮތުން ފާރުތައް ފޯވެގެން އެޕާޓްމެންޓްތަކަށް ފެނުގެ އަސަރު ދަނީ ކުރަމުންނެވެ. އަދި ވާރޭ ވެހޭނަމަ ފެން ބޮޑުވެ ބައެއް މީހުންގެ މުދަލަށް ގެއްލުން ވެސް ލިބިފައިވެއެވެ.

ހިޔާ ފްލެޓްތައް ދޫކުރަން ފެށީއްސުރެ ތަފާތު އެކިއެކި މައްސަލަތައް ކުރިމަތިވަމުންދެއެވެ. އެގޮތުން މިހާރު ގިނަ އާއިލާތަކުން ތިބީ ކަންބޮޑުވެފައެވެ. ހިޔާ ފްލެޓުން ހިޔާ ލިބޭނެ ކަމަށް އުންމީދު ކުރި ނަމަވެސް ހިޔަލެއް ނުވިއެވެ. ހިތް ފަސޭހަ މާހައުލަކަށް އުންމީދު ކުރި ނަމަވެސް ފިނި ވައިރޯޅިއާއެކު މުޅި އެޕާޓްމެންޓަށް ފެތުރިގެން ދަނީ ކުނި ވަހެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
0%
100%
0%
0%
ކޮމެންޓް