ރާއްޖޭގެ އުތުރުން ދެކުނަށް ޖަމުޢިއްޔާތަކަށް ސިލްސިލާ ފޯރަމެއް މި އަހަރުގެ ތެރޭގައި ބޭއްވުމަށް ނިންމާފައިވާ ކަމަށް މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓުން ބުނެފިއެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި އަންގާރަ ދުވަހުގެ ރޭ ވާހަކަ ދައްކަވަމުން ޔޫތު މިނިސްޓްރީގެ ޖަމުޢިއްޔާތަކުގެ ރަޖިސްޓްރާ އަހްމަދު އިރާޝް ވިދާޅުވީ ފުރަތަމަ ފޯރަމް ކުރިއަށްދާނީ ހއ. ހދ. އަދި ށ. އަތޮޅަށް އަމާޒުކޮށްގެން ކަމަށެވެ. ފޯރަމް ކުރިއަށްދާނެ ރަށުގެ ގޮތުގައި ހއ. އިހަވަންދޫ ކަނޑައަޅާފައިވާ ކަަމަށާއި އިހަވަންދޫގައި 4 ދުވަހަށް ފޯރަމް ކުރިއަށްދާނެ އޭނާ ވިދާޅުވިއެވެ. މީގެއިތުރުން އިތުރު އަތޮޅުތަކުގައި ވެސް މި ފޯރަމް ކުރިއަށްދާނެ ކަމަށް ޔޫތް މިނިސްޓްރީން ވަނީ ބުނެފައެވެ.
އިރާޝް ވިދާޅުވީ މި ފޯރަމްގެ މަޤްޞަދަކީ މަދަނީ ޖަމުޢިއްޔާތަކުގެ ދައުރާއި ހުރި ފުރުސަތަކާއި ގޮންޖެހުންތައް ދެނެގަނެ، ހައްލު ހޯދައިދިނުން ކަމަށެވެ. އަދި އިތުރު އަތޮޅުތަކަށް އޮންލައިންކޮށް ފޯރަމުގައި ބައިވެރިވުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފައެވެ.
ސަރުކާރުގެ މުހިންމު އިދާރާތަކުން ކަރުދާސް ހުށަހަޅައި، މައުލޫމާތު ފޯރުކޮށްދިނުމަށް ބައިވެރިވާނެ ކަމަށާއި، މިފަހަރުގެ ފޯރަމުގައި ދުޅަހެޔޮ ހަށިހެޔޮ ހަރަކާތްތަކާއި ޕްނިކް ދިޔުމާއި ރޭގަނޑުގެ އެކި ހަރަކާތްތަކާއި މައުލޫމާތު ފޯރުކޮށްދިނުމުގެ ޝެޝަންތައް ކުރިއަށްދާނެ ކަމަށް އިރާޝް ވިދާޅުވިއެވެ. މަދަނީ ޖަމުޢިއްޔާތަކުގެ އޮންލައިން ޕޯޓަލް ލޯންޗުކުރުމަށް ތައްޔާރުވަމުން އަންނަކަން ފާހަގަކުރައްވައި އިރާޝް ވިދާޅުވީ ޖަމުޢިއްޔާތަކަށް އެކަމުގެ މައުލޫމާތު ވެސް ހިއްސާ ކުރެވިގެންދާނެ ކަމަށެވެ.
މުޅި ފޯރަމްގެ ހުރިހާ ޚަރަދެއް ކުރިއަށްދާނީ މިނިސްޓްރީއާއި މިނިސްޓްރީއާއެކު ޕާޓްނަރވާ ފަރާތްތަކުން ކަމަށް ޔޫތް މިނިސްޓްރީން ވަނީ ބުނެފައެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެކި ދާއިރާތަކުން ޖަމުޢިއްޔާތަކުން ޚިދުމަތް ފޯރުކޮށްދެމުންދާ ކަަމަށާއި ރާއްޖޭގައި އެކްޓިވް 700 ޖަމުޢިއްޔާ އުޅޭކަމަށް ވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.