ކ. މާލެ
|
27 ސެޕްޓެންބަރ 2021 | ހޯމަ 15:05
ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހަކީ ކޮންމެ އަހަރެއްގެވެސް ސެޕްޓެމްބަރު 27 ވަނަ ދުވަސް
ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހަކީ ކޮންމެ އަހަރެއްގެވެސް ސެޕްޓެމްބަރު 27 ވަނަ ދުވަސް
ރާއްޖެއެމްވީ
ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް 2021
ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް: ފަތުރުވެރިކަމުން ދިވެހިންނަށް ނުލިބެނީ ކޮންއެއްޗެއް؟
 
ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހަކީ ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަސް
 
ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލް އަހަރު ފާހަގަ ކުރުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް 2022 ގައި

ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު 27 ވަނަ ދުވަހަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހެވެ. މިއަދަކީ އެދުވަހެވެ. ފަތުރުވެރިކަމުގެ ސިނާއަތެއްގެ މަތީގައި އިގްތިސާދު ބިނާކުރެވިފައިވާ ކޮންމެ ގައުމަކަށް މިދުވަހާއި މިދުވަހުގެ ޝިއާރު ވަރަށް މުހިންމެވެ. މިއަދުގެ ޝިއާރަކީ "އެންމެންގެ ބައިވެރިވުން ހިމެނޭ ކުރިއެރުމާއި ތަރައްގީއަށް ފަތުރުވެރިކަން" މިއެވެ.

ރާއްޖޭގެ އިގްތިސާދުގެ އެންމެ ފަލަ ލޭނާރަކީ ފަތުރުވެރިކަމުގެ ސިނާއަތެވެ. ރާއްޖޭގެ އެންމެންގެ ކުރިއެރުމާއި އުއްމީދާ ގުޅިފައިވަނީ ފަތުރުވެރިކަމުގެ ސިނާއަތެވެ. މިއަހަރުގެ މިދުވަސް މިއައީ ކޮވިޑުގެ ބަލިމަޑުކަމުގެ ސަބަބުން މި ސިނާއަތު އިނދަޖެހިފައި އޮތުމަށްފަހު އަލުން ހިންދެމިލަން ހިފާލާފައިވާ ވަގުތެއްގައެވެ. އެހެންވީމާ މިއަދުގެ ޝިއާރަކީ ރާއްޖެއާވެސް ވަރަށް ބޮޑަށް ގުޅިފައިވާ ޝިއާރެކެވެ.

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް މިއަދު ފާހަގަކުރަމުންދާއިރު މިދުވަހާ ގުޅުވައިގެން އެކި މީހުން އެކިކަހަލަ ވާހަކަ ދައްކާތީ އަޑު އެބައިވެއެވެ. މީސްމީޑިއާގެ އެއް ވަސީލަތް ކަމުގައިވާ ކުލަބްހައުސްގެ ކޮންމެވެސް އޮޅިޔެއްގައި ސުވާލުކުރަމުން ދަނިކޮށް އިވުނެވެ. ފަތުރުވެރިކަމުން ދިވެހީންނަށް ލިބުނީ ކޮން އެއްޗެއް ހެއްޔެވެ. ލިބުނު އެއްޗެއް ނެތެވެ.

އަނެއް އޮޅިޔަކުން އަޑު އިވުނެވެ. ފަތުރުވެރިންނާ ނުލައި ފަތުރުވެރިކަމުގެ ކޮން ދުވަހެއް ހެއްޔެވެ. ރާއްޖޭގައި ފަތުރުވެރިންނަށް ޚާއްސަ ކުރެވިފައިވާ އެނދުތައް ހުރީ ހުހަށެވެ. ފަތުރުވެރިކަމުން ދިވެހީންނަށް ލިބުނީ ކޮން އެއްޗެއްތޯ އަހައި ސުވާލުކުރާ މީހުންނަށް އަޅުގަނޑުގެ ވެސް އޮތީ ސުވާލެކެވެ. ފަތުރުވެރިކަމުން ދިވެހީންނަށް ނުލިބެނީ ކޮން އެއްޗެއް ހެއްޔެވެ؟

ދިވެހިރާއްޖޭގެ އިގްތިސާދަށް ބޮޑުތަނުން އެންމެ ގިނަ ފައިސާ ވަންނަނީ ފަތުރުވެރިކަމުންނެވެ. ދައުލަތުގެ ބަޖެޓު ހިފަހައްޓައިދެނީ ފަތުރުވެރިކަމުންނެވެ. ރަށްރަށުގައި އެކިކަހަލަ މަޝްރޫއުތައް ހިންގުމަށް ފައިސާ ހަމަޖެހެނީ އޭގެ ތެރެއިންނެވެ. ބަނދަރު ފުންކުރިޔަސް، މަގުހަދައި ތާރުއެޅިޔަސް، އެއަރޕޯޓެއް އެޅިޔަސް، ފެނާއި ނަރުދަމާގެ ޚިދުމަތެެއް ގާއިމުކުރިޔަސް އެކަމަށް ފައިސާ ތަނަވަސްވެގެން އައުމުގެ ވަސީލަތަކީ ފަތުރުވެރިކަމެވެ.

އެހެންވީމާ ސީދާކޮށް އަދި ނުސީދާކޮށްވިޔަސް މި ސިނާއަތުގެ ފައިދާ ނުކުރާ ދިވެއްސަކު މި ގައުމުގައި ހުންނާނޭ ބާވައެވެ. ނުހުންނާނޭ ކަމީ ކަށަވަރު ކަމެކެވެ. އެވެނި މީހެއްގެ އަތުގައި ރިސޯޓެއް އޮވެފައި މިވެނި މީހެއްގެ އަތުގައި ރިސޯޓެއް ނެތުމަކީ ދިވެހީންނަށް މި ސިނާއަތުގެ މަންފާ ނެތުމެއް ނޫނެވެ.

ދެންއޮތީ ފަތުރުވެރިންނަށް ޚާއްސަ ކުރެވިފައިވާ އެނދުތައް ހުސްކޮށް ހުރުމުން އުފައްދާ ސުވާލެވެ. އެނދުތައް މިވަގުތު ހުސްކޮށް ހުރިއްޔާ އެކަމުގެ ސަބަބަކީ މުޅި ދުނިޔެ ހުއްޓުމަކަށް ގެނެސްފައިވާ އާލަމީ ވަބާއެވެ. ކޮވިޑް ރޯގާއެވެ. އެއީ ސަރުކާރުގެ ދޯދިޔާކަމުން ނުވަތަ ރިސޯޓުތައް ހިންގާ މީހުންގެ ދޯދިޔާކަމުން ދިމާވެގެން އުޅޭ ކަމެއް ނޫނެވެ. އެއީ މިވަގުތު ދުނިޔޭގެ އެންމެންގެ ވެސް ހާލަތެވެ.

މި ހާލަތުގައިވެސް ގައުމުގެ ބޯޑަރުތައް ހުޅުވާލައި ފަތުރުވެރިންނަށް ދޮރޯށިތައް ހުޅުވާލައިގެން މަރުހަބާ ކިޔުމުގައި ދުނިޔޭގެ އެންމެ ކުރީ ސަފުގައި އޮތީ ދިވެހިރާއްޖެއެވެ. އެނދުތައް ހުރީ މުޅިން ހުހަކަށްވެސް ނޫނެވެ. އެހެންވީމާ ދިވެހިރާއްޖޭގައި މިދުވަސް ފާހަގަ ނުކުރާންޖެހޭ އެއްވެސް ސަބަބެެއް ނެތެވެ. ދުވަހުގެ ޝިއާރުގެ މައްޗަށް ވާހަކަ ދައްކައި އެ ޝިއާރު ޕްރޮމޯޓް ނުކުރާންވީ ސަބަބެއްވެސް ނެތެވެ.

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ސެޕްޓެމްބަރު 27 ވަނަ ދުވަހު ފާހަގަކުރަނީ ފަތުރުވެރިކަމާ ބެހޭ އދ.ގެ ޖަމިއްޔާ ނުވަތަ ޔޫއެންޑަބްލިޔުޓޫއޯ ވުޖޫދަށް ގެނެވުނު ދުވަހަކީ އެދުވަސް ކަމަށް ވުމުންނެވެ. ޔޫއެންގެ ވޯލްޑް ޓޫރިޒަމް އޮގަނައިޒޭޝަން އުފެއްދުމުގެ މަގްސަދަކީ ދުނިޔޭގެ ކަންކޮޅުތަކަށް ފަތުރުވެރިކަން ފަތުރައި އެކަމުގެ މަންފާ އެންމެނަށް ފޯރާނޭގޮތުގެ މަތިން ކަންކަން އިންތިޒާމުކޮށް ތަރުތީބު ކުރުމަށް ވަކާލާތުކޮށް ބާރުއެޅުމުގެ ގޮތުންނެވެ.

އެ ޖަމިއްޔާ ވުޖޫދަށް އައީ 27 ސެޕްޓެމްބަރު 1980 ގައެވެ. އެ ދުވަހަށް މިއަދު މިފުރުނީ 41 އަހަރެވެ. މިފަހަރު މިދުވަސް ފާހަގަ މިކުރަނީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ވެސް 49 އަހަރު ފުރޭ މުނާސަބާއާ ދިމާކޮށެވެ. އެހެންވީމާ މިފަހަރު ދިވެހީންނަށް މިދުވަހުގެ މުނާސަބުކަން ވަކީން ބޮޑެވެ.

ދިވެހިރާއްޖެއަށް ފަތުރުވެރިކަން ތައާރަފުވީ މީގެ 49 އަހަރުކުރިން 1972 ގައެވެ. ރާއްޖޭގެ ފުރަތަމަ ރިސޯޓު ހުޅުވުނީ މާލެއަތޮޅު ވިހަމަނާފުށީގައި 3 އޮކްޓޯބަރު 1972ގައެވެ. މިހާރު ކުރުނބާ މޯލްޑިވްސްގެ ނަމުން މަޝްހޫރުވެފައިވާ ރިސޯޓަކީ އެއީއެވެ. ރާއްޖޭގެ ދެވަނަ ރިސޯޓަކީ ބަނޑޮހެވެ. ބަނޑޮސް ހުޅުވުނީ 10 ޑިސެމްބަރު 1972ގައެވެ.

އޭގެ ފަހުން ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރަމުން ފުޅާވަމުން އައީ ނުހަނު ބާރު ދުވެއްޔެއްގައެވެ. ފަތުރުވެރިކަން ފެށުނުތާ 20 އަހަރު ނުވަނީސް ރާއްޖޭގެ އިގުތިސާދުގެ އެއްވަނަ ސިނާއަތަކަށް ފަތުރުވެރިކަން ވަނީ ވެފައެވެ. ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާއިން އެކިއެކި ރޮނގުތަކުން ރާއްޖެއާއި ރާއްޖޭގެ ރިސޯޓުތަކަށް އެންމެ މަތީވަނަތައް އަންނަނީ ލިބެމުންނެވެ. ރާއްޖޭގެ ފަތުރުވެރިކަން ވަނީ ދުނިޔޭގެ ފަތުރުވެރިކަމުގެ އެންމެމަތީ ދަރަޖައަށް އުފުލިފައެވެ. ކުރިއަށް އޮތް 2022 ވަނަ އަހަރަކީ ރާއްޖޭގެ މި ސިނާއަތުގެ ރަންޔޫބީލް އަހަރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
0%
0%
0%
0%
ކޮމެންޓް