ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް ޒިޔާރަތްކުރައްވައި އެތަނުގައި ޚިދުމަތްދޭ އެކި މުވައްސަސާތަކުގެ މަސައްކަތްތައް ބައްލަވާލައްވައިފިއެވެ.
އާދީއްތަ ދުވަހުގެ ހަވީރު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް ކުރެއްވި ޒިޔާރަތުގައި އެމަނިކުފާނު ވަނީ އެތަނުގައި ޚިދުމަތްދޭ އެކި މުވައްސަސާތަކުގެ މުވައްޒަފުންނާ ބައްދަލުކުރައްވާފައެވެ. އަދި އެބޭފުޅުންގެ މަސައްކަތްތަކާ އެބޭފުޅުންގެ މަސައްކަތްތައް ކުރިއަށްގެންދިއުމުގައި ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭގޮތުން މަޢުލޫމާތު ހޯއްދެވިއެވެ.
މި ޒިޔާރަތްކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވަނީ މޯލްޑިވްސް އިމިގްރޭޝަންއާއި، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާއި އެމް.އޭ.ސީ.އެލްގެ އިސް ބޭފުޅުންނާ ވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި އެބޭފުޅުން ވަނީ އެ މުވައްސަސާތައް ހިންގުމުގައި ކުރިމަތިވާ ގޮންޖެހުންތައް ޙިއްޞާކުރައްވާފައެވެ. އަދި މިހާރު ފަތުރުވެރިން އަންނަ މިންވަރު އިތުރުވާކަން ފާހަގަކުރެއްވިއެވެ. މިބައްދަލުކުރެއްވުމުގައި އެމުވައްސަސާތަކުގެ އިސް ބޭފުޅުން ވަނީ އެބޭފުޅުން ދެއްވާ ޚިދުމަތްތައް އިތުރަށް ފުރިހަމަކުރުމަށް ކުރެވެންހުރި ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވަނީ ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ސަމާލުކަންދެއްވައި އެކަންކަން އެޗް.ޕީ.އޭގެ ޤަވާއިދާ އެއްގޮތަށް ކުރެއްވުމަށް އިލްތިމާސްކުރައްވާފައެވެ. އަދި އެމެޖެންސީ ހާލަތްތަކުގައި އެހާލަތަށް އިސްކަންދެއްވައިގެން ކުރަން ހުންނަ ކަންކަން އެންމެ ފުރިހަމައަށް ކުރެއްވުމަށް އެދިވަޑައިގަތެވެ. މީގެ އިތުރުން ހުރިހާ މުވައްސަސާތަކުން ވެސް ގުޅިގެން މަސައްކަތްކުރުމަށް އެމަނިކުފާނު ވަނީ މި ބައްދަލުކުރެއްވުމުގައި އެދިވަޑައިގެންފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ މި ޒިޔާރަތްކުރެއްވުމުގައި އެމަނިކުފާނު ވަނީ ޑޮމެސްޓިކް ޓަރމިނަލްއަށް ޒިޔާރަތްކުރައްވައި އެތަނުގެ މަސައްކަތްތައް ވެސް ބައްލަވާލައްވާފައެވެ. މީގެ އިތުރުން އެއާޕޯޓުގައި އަލަށް ތަރައްޤީ ކުރަމުންދާ ވީ.އައި.ޕީ އަދި ސީ.އައި.ޕީ ޓާމިނަލް ވެސް އެމަނިކުފާނުވަނީ ބައްލަވާލައްވާފައެވެ.