ކ. މާލެ
|
26 ސެޕްޓެންބަރ 2021 | އާދީއްތަ 15:59
ރައީސް ޔާމީނުގެ ސަރުކާރުގައި މުޒާހަރާތައް ކަވަރު ކުރުމަށް ޙަރަކާތްތެރިވި ނޫސްވެރިންނަށް އެކި ކަހަލަ ފުރައްސާރަ ކުރިމަތިވެފައިވޭ
ރައީސް ޔާމީނުގެ ސަރުކާރުގައި މުޒާހަރާތައް ކަވަރު ކުރުމަށް ޙަރަކާތްތެރިވި ނޫސްވެރިންނަށް އެކި ކަހަލަ ފުރައްސާރަ ކުރިމަތިވެފައިވޭ
ޓްވިޓަރ
ނޫސްވެރިންގެ މަސްދަރު ހާމަކުރުން
މަސްދަރު ހާމަކުރުމުގެ މާއްދާއަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް އެޅޭ ހިޔަންޏަކަށް ވެދާނެ
 
އެކަމުގެ ކަންބޮޑުވުން އެކި ފަރާތްތަކުން ދަނީ ހާމަކުރަމުން
 
ނޫސްވެރިޔާގެ މަސްދަރު ހާމަކުރުމަށް ފަނޑިޔާރުންނަށް މަޖުބޫރުކުރެވިދާނެ
 
ޕްރެސް ފްރީޑަމް އިންޑެކްސްގައި ދިވެހިރާއްޖެ ހޯދަމުންދާ ކުރިއެރުންތައް ހުއްޓިދާނެ

ދައުލަތުގެ 4 ވަނަ ބާރު ކަމަށްވާ ނޫސްވެރިންނަކީ ގައުމުގެ އެއް ތަނބެވެ. ބަސް ނުބުނެވޭ ހާލަތުގައި ގައުމުގެ އަޑެވެ. ބަޔާންކޮށް ނުދެވޭ ތަނުގައި ގައުމުގެ ދުލެވެ. ސިފަކޮށް ނުދެވޭ ތަނުގައި ގައުމުގެ ގަލަމެވެ. ނަމަވެސް މި ދެންނެވި ތަނބު ސުންނާފަތި ކޮށްލައި، ދޫތައް ބަންދުކޮށް، ގަލަންތައް ބިންދާލި ކަޅު ދުވަސްވަރެއް ވެސް ދިވެހި ނޫސްވެރިން ވަނީ ނުހަނު ގާތުން ދެކެފައެވެ. ނޫސްވެރިކަމާ މުޅިން ބީރައްޓެހި ސަރުކާރަކާއެކު، ދިވެހި ނޫސްވެރިން ވަނީ ނުހަނު އުނދަގުލާއި ފުރައްސާރައިގައި ވެރިކަމެއްގެ ދައުރެއް ހޭދަކޮށްފައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި ނޫސްވެރިންނަށް އެކި ގޮތްގޮތުން ކުރިމަތިވަމުން ދިޔަ ދުއްތުރާތަކުގެ ވާހަކައަކީ ގައިމުވެސް ދިވެހިންނަށް އާ ވާހަކަތަކަކަށް ނުވާނެއެވެ. ޚާއްސަ ގޮތެއްގައި ސަރުކާރަށް ފާޑުކިޔައި ކުޑަ ނަމަވެސް ލިއުމެއް ނުވަތަ ވާހަކައެއް ދައްކާ ނޫސްވެރިއެއްނަމަ ކުރިމަތިލާން ޖެހޭ ތަކުލީފުތައް ބޮޑެވެ. އޭގެ މިސާލެއްގެ ގޮތުން ރާއްޖެޓީވީން ކުރިމަތިލާން ޖެހުނު އިންތިހާއަށް ގިނަ ގޮންޖެހުންތައް ފުދެއެވެ.

ހަޤީޤަތުގައި އޭރު ނޫސްވެރިކަމަކީ ބިރުވެރި މަސައްކަތެކެވެ. އިދިކޮޅު ޚަބަރުތައް ގެނެސްދޭ ނޫސްވެރިއެއްނަމަ، މަގުމައްޗަށް ނުކުންނަނީ ހަމައެކަނި ކުރިމަތިވެދާނެ ފުރައްސާރައެއްގެ ބިރުވެރިކަމުގައެއް ނޫނެވެ. ނުވަތަ ބުނެލާނެ ބަހެއްގެ ޖެހިލުންވުމުގައެއް ނޫނެވެ. އޭރު ނޫސްވެރިންނަށް މަރުގެ އިންޒާރު ދިނުމާއި، ފުރާނައަށް ނުރައްކާވާ ވަރުގެ ހަމަލާތައް ދިނުމާއި، އެކި ވަރުވަރުގެ ދައުވާތައްކޮށް ޖަލު ގޮޅިއަށް ގެންދިއުން މީގެ ހެއްކަކަށް ފުދެއެވެ. އެއީ އޭރުގެ ހާލަތެވެ. ނޫސްވެރިންނަށް ކުރާ ފުރައްސާރައާއި އުނދަގޫތައް ނޫސްވެރިޔާ ނިސްބަތްވާ މުޅި ސްޓޭޝަންވެސް ތަހައްމަލު ކުރަން ޖެހެއެވެ. ރާއްޖެޓީވީ ރޯކޮށްލި ބިރުވެރި ހާދިސާއާއި، މިލިއަނުން ކުރި ޖޫރިމަނާގެ ވާހަކަތަކަކީ އޭރުގެ ސަރުކާރުން ނޫސްވެރިންގެ ދޫ ބަންދުކޮށްލުމަށް ކުރި މަސައްކަތްތައް ފެނިގެން ދިޔަ ކަންކަމެވެ.

އޭގެ އިތުރުން، ކޯޓުތަކުގައި ހިނގަމުންދާ ޝަރީއަތްތަކާއި ކުރާ ހުކުމްތަކާ ގުޅޭ ޚަބަރުތައް ގެނެސްދޭ ނޫސްވެރިންނަށް އަދަބު ދެވޭ ގޮތަށް ގާނޫނުލްއުގޫބާތު ބަދަލު ކުރަން އޭރުގެ ސަރުކާރުން ހުށަހެޅި އިސްލާހާއި، އަބުރުގެ ގާނޫނުގެ ނަމުގައި އެމުނި އެތުރިގެން އައި ވަރުގަދަ ގާނޫނަކުން ނޫސްވެރިކަން ކަސްތޮޅު އަޅުވަމުން ދިޔަ ވާހަކަތަކަކީ ވެސް ދައްކާ ހުސް ނުވާނެ ވާހަކަތަކެކެވެ. ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހެއް ފާހަގަ ކުރަމުންދާއިރު، ކޮންމެހެންވެސް ހަނދާނަށް އަންނަ ވާހަކަތަކެކެވެ. އަބުރާ ބެހުން ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅައި، 2016 ވަނަ އަހަރު ފާސްކުރި "އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނު" އަކީ އޭރުގެ ސަރުކާރުގެ އެންމެ ބޮޑު އެއް ހަތިޔާރެވެ. ނޫސްވެރިންނާއި، ނިއުސް ސްޓޭޝަންތައް ޖޫރިމަނާކޮށް ބޮޑެތި އަދަދުތަކުން ފައިސާ ހޯދުމަށް ސަރުކާރަށް ލިބުނު ރަންބިސްއަޅާ ކުކުޅެކެވެ.

ކޮންމެއަކަސް، އައު ސަރުކާރު އައުމާއެކު ނޫސްވެރިކަމަށް އޭރުގެ ސަރުކާރުން އަޅާފައިވާ ކަޅު ހިޔަނި ވަނީ ދުރަށް ގޮސްފައެވެ. ދައުލަތުގެ 4 ވަނަ ބާރު އަޅުވެތި ކުރުމަށް އަޅާފައިވާ ކަސްތޮޅު ވަނީ ނެއްޓިގެން ގޮސްފައެވެ. އޭގެ އެއް ހެއްކަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ނޫސްވެރިކަމުގެ މިނިވަންކަން އޮންނަވަރު ބަލައި ކޮންމެ އަހަރަކު އާންމު ކުރަމުންދާ "ވާރލްޑް ޕްރެސް ފްރީޑަމް އިންޑެކްސް"އިން ދިވެހިރާއްޖެއަށް ކޮންމެ އަހަރަކުވެސް ލިބެމުންދާ ކުރިއެރުންތަކެވެ. 

ކޮންމެ އަހަރަކު އެއްފަހަރު 180 ގައުމު ހިމެނޭގޮތަށް އާންމު ކުރަމުންދާ ޕްރެެސް ފްރީޑަމް އިންޑެކްސްއަށް ބަލާއިރު، 2018 ވަނަ އަހަރު ނެރުނު ލިސްޓްގައި ރާއްޖެ އޮތީ 120 ވަނައިގައެވެ. އަދި 2019 ވަނަ އަހަރު އާންމު ކުރި ލިސްޓްގައި ރާއްޖެ 98 ވަނައިގައި އޮތްއިރު، 2020 ވަނަ އަހަރު ނެރުނު ލިސްޓުގައި ރާއްޖެ އޮތީ 79 ވަނައިގައެވެ. އިތުރު 7 ދަރަޖައިގެ ކުރިއެރުމާއެކު މިއަހަރު ރާއްޖެ އޮތީ 72 ވަނައިގައެވެ.

އެހެންނަމަވެސް، ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅައި ބަހުސްކުރަމުންދާ ހެއްކާބެހޭ ބިލުގައި ނޫސްވެރިޔާގެ މަސްދަރު ހާމަކުރުމަށް ފަނޑިޔާރުންނަށް މަޖުބޫރުކުރެވިދާނެ ހާލަތެއް އިސްތިސްނާ ހާލަތުގެ ގޮތުގައި ހިމަނާފައިވާތީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގު ނިގުޅައިގަނެވި، މަސްދަރު ހާމަކުރުމުގެ މާއްދާ ނަހަމަގޮތުގައި ބޭނުންކުރުމުގެ ފުރުސަތު ހުޅުވިގެންދާނެކަމުގެ ބިރު ވަނީ ހީވެފައެވެ. އެކަމުގެ ކަންބޮޑުވުން އެކި ފަރާތްތަކުން ދަނީ ހާމަކުރަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ބަހުސް މަރުހަލާގައި މިހާރު އޮތް ހެއްކާބެހޭ ބިލުގެ 136 ވަނަމާއްދާގެ (ށ) ގައި ނޫސްވެރިޔާގެ މަސްދަރު ޝަރީއަތަށް ހާމަކުރުމަށް، ފަނޑިޔާރުންނަށް މަޖުބޫރު ކުރެވިދާނެ 2 ހާލަތެއް އިސްތިސްނާ ހާލަތުގެ ގޮތުގައި ހިމަނާފައިވެއެވެ. ނަމަވެސް މި މާއްދާ މިގޮތަށް އޮވެ ބިލު ފާސްވެއްޖެނަމަ، ގާނޫނުއަސާސީން ލިބިދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގު ނިގުޅައިގަނެވި، މަސްދަރު ހާމަކުރުމަށް މާއްދާ ނަހަމަގޮތުގައި ބޭނުންކުރުމުގެ ފުރުސަތު ހުޅުވިގެންދާނެކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ.

އޭގެ އިތުރުން، މިފަދައިން ނޫސްވެރިކަމުގެ މިނިވަންކަމަށް އެއްވެސް ހުރަހެއް އެޅިގެންދާގޮތަށް ގާނޫނެއް ފާސްވުމަކީ، ޕްރެސް ފްރީޑަމް އިންޑެކްސްގައި ދިވެހިރާއްޖެ ހޯދަމުންދާ ކުރިއެރުންތައް ހުއްޓިދާނެ، އަދި އެކަން މުޅި ދުނިޔޭގެ ސަމާލުކަމަށް އައިސް ބައިނަލްއަގުވާމީ އެތައް ގޮންޖެހުމެއް ކުރިމަތިވެދާނެ ކަމެއްކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ވެސް ވަނީ ބުނެފައެވެ.

ނޫސްވެރިކަމާ ބީރައްޓެހި އަހަރުތަކަކަށް ފަހު އަނެއްކާވެސް ނޫސްވެރިންނަށް ހިންދެމިލައިގެން މިނިވަންކަމާއެކު މަސައްކަތް ކުރެވޭނެ މާހައުލެއް ގާއިމުވަމުންދާކަމުގެ އިހުސާސް މިއަދު ދަނީ ކުރެވެމުންނެވެ. އޭރު ނޫސްވެރިންގެ ބައްދަލުވުންތަކުގައި ސަރުކާރާއި އިދިކޮޅު ޚަބަރުތައް ގެނެސްދޭ ނޫސްވެރިންނަށް ސުވާލެއް ކޮށްލާނެ ފުރުސަތެއް ނުލިބި އެތައް ބައްދަލުވުމެއް ނިމިގެން ދިޔަ ނަމަވެސް، މިއަދު މަގުމަތިންވެސް އަދުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހާ ސުވާލުކުރުމުގެ ފުރުސަތު ނޫސްވެރިންނަށް ލިބިއްޖެއެވެ.

ކުރިޔާ ޚިލާފަށް މިއަދު އެއްވެސް ނޫސްވެރިއެއް ހައްޔަރުކޮށް، ސްޓޭޝަންތައް ޖޫރިމަނާކޮށް، ގާނޫނު ހިންގުމަށް ހުރަސް އެޅުން ފަދަ އެކި ވަރުގެ ދައުވާތައް ކުރަމުންދާތަނެއް ނުފެނެއެވެ. ވީއިރު، ނޫސްވެރިންގެ ޚަބަރުތަކުގެ މަސްދަރު ހާމަކުރުމަށް ލާޒިމުކުރާ މި މާއްދާއަކީ މިއަދު މައްސަލައަކަށް ނުވެދާނެއެވެ. ނަމަވެސް ގާނޫނުތަކުގެ ނަހަމަ ބޭނުން ކުރާނެ ދަނޑިވަޅެއް ނުވަތަ އެފަދަ ސަރުކާރެއް އައުމާއެކު، އެންމެ ފުރަތަމަވެސް މުގުރެއްގެ ގޮތުގައި ބޭނުންކުރާނެ އެއް މާއްދާއަކަށް މި މާއްދާ ނުވާނެބާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ރާއްޖެޓީވީގެ ދުވަސް ދުއްވާލައި، ހުޅުޖަހާނެ ކަމަށް ބުނެ މީހަކު އިންޒާރު ދިން މައްސަލަ ފުލުހަށް ހުށަހަޅައިފި
ފޯނު ނުވެއްދޭ މައްސަލައިގައި ހައްލު ހޯއްދަވާނެކަމަށް ވިދާޅުވުމަށްފަހު ފޯނު ނުވެއްދޭ ވާހަކަ ތަރުޖަމާނު ދޮގުކުރައްވައިފި
ނޫސްވެރިންނަށް ދަތިކުރުމުގެ އައު ބާބެއް ފެށެނީ ބާ؟!
ރައީސް އޮފީހުގެ ނޫސްވެރިންގެ ބައްދަލުވުމަށް ފޯނު ވެއްދުން މަނާކޮށްފި
ނޫސްވެރިންނަށް މައުލޫމާތު ދޭން އަރުވަނީ ވަރަށް "ސްކޯޕް" ދަށް ބޭފުޅުން
ކޮންމެ ހަފްތާއަކު ބާއްވާނެ ކަމަށް ސަރުކާރުން ބުނި ނޫސްވެރިންގެ ބައްދަލުވުން ނުބާއްވާތީ ކުރި ސުވާލަށް ވެސް މިސަރުކާރުގެ ޖަވާބެއް ނެތް
ނޫސްތައް ބްލޮކްކުރި އުސޫލެއް ސަރުކާރުގެ ތަރުޖަމާނަކަށްވެސް އެނގިވަޑައެއް ނުގަންނަވާ، ފުނިފުންޏަށް ނޫސްވެރިންގެ ސުވާލު!
ނޫސްތައް ބްލޮކްކުރުމާ ގުޅޭ ކުއްލި މައްސަލަ ބަލައިނުގަންނަން ވެރިކަން ކުރާ ޕާޓީގެ ޕީޖީ ލީޑަރު ވޯޓު ދެއްވީމަ ސަރުކާރުގެ ސްޓޭންޑު ސާފުވެއްޖެ: ޔައުޤޫބް