މީހުން ބިނާކުރުމުގެ ކަންކަން ކުރިއަށްގެންދިއުމުގެ އެންމެ ބޮޑު މަސްއޫލިއްޔަތެއް މިހާރު އަދާކުރާނީ އެމްޕްލޮއީމެންޓް ސެކްޓަރ ކައުންސިލްތަކުން ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ މަތީ ތައުލީމުގެ ގާނޫނު ވުޖޫދަށް އައުމާއި ގުޅިގެން އެ ގާނޫނުން ލާޒިމްކުރާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ މުހިންމު އެއް ކަމަކީ ތައުލީމާއި ތަމްރީނު ދިނުމަށްޓަކައި ގާނޫނީ ނިޒާމެއް އެކުލަވާލުން ކަމަށެވެ. މި ނިޒާމު އެކުލަވާލުމުގެ މަސައްކަތް މަތިކޮށްފައި ވަނީ މޯލްޑިވްސް ނެޝަނަލް ސްކިލްސް އޮތޯރިޓީއާ ކަމަށާއި، މި މަސައްކަތުގެ އެންމެ ބޮޑު އެއްބައި އަދާކުރަނީ އެމްޕްލޮއީމެންޓް ސެކްޓަރ ކައުންސިލްތަކުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މި އެމްޕްލޮއީމެންޓް ސެކްޓަރ ކައުންސިލްތަކުން މައިގަނޑުގޮތެއްގައި ކުރާނެ މަސައްކަތްތަކަކީ ވަޒީފާގެ ބާޒާރަށް އަންނަ ބަދަލުތައް ދެނެގަތުމާއި، ވަޒީފާގެ ބާޒާރަށް މީހުން ބެނުންވާނެ ދާއިރާތައް ފާހަގަކުރުމާއި، މި ދާއިރާތަކަށް ނޭޝަނަލް އޮކިއުޕޭޝަނަލް ސްޓެންޑަރޑްތައް އެކުލަވާލުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ކޯހެއް ފުރިހަމަކުރާއިރު އެމީހެއްގެ ގައިގައި ހުންނަންޖެހެނީ ކޮން ހުނަރުތަކެއްކަން ކަނޑައަޅާނީ ސެކްޓަރ ކައުންސިލްތަކުން ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި މި ސްޓެންޑަރޑްތަކާ އެއްވަރަށް ކޯސްތައް ފަރުމާ ކުރުމުގެ ކަންކަންވެސް ކުރާނީ އެ ކައުންސިލުން ކަމަށް ވިދާޅުވިއެވެ.
މި ސްޓެންޑަރޑްތައް އެކުލަވާލަނީ މީހުން ބިނާކުރާއިރު އެމީހުން ބިނާކުރަންޖެހެނީ ކޮން ލެވެލްއަކަށްކަން ދެނެގަންނަން. ސެކްޓަރ ކައުންސިލްތަކުން ކުރަނީ އެ މަސައްކަތް. ކޯހެއް ފުރިހަމަކުރާއިރު އެމީހެއްގެ ގައިގައި ހުންނަންޖެހެނީ ކޮން ހުނަރުތަކެއްކަން ކަނޑައަޅާނީ ސެކްޓަރ ކައުންސިލްތަކުން.ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަން
މީގެ އިތުރުން މި ސްޓެންޑަރޑްތައް ކަނޑައެޅިފައި ހުރި ދައިރާތަކުން، ވަޒީފާގައި ވަކި މުއްދަތަކަށް ދެމިތިބޭ މީހުންނަށް ރަސްމީ ތައުލީމީ ޕްރޮގްރާމެއްގައި ބައިވެރިނުވެ، އެމީހުންގެ ކިބައިގައި އެ ހުނަރުތައް ހުރިކަން ސާބިތުކޮށްދިނުމުގެ ފުރުސަތު ލިބިގެންދާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އެމީހުންނަށް ޓްރޭޑް ޓެސްޓިން ސެޓްފިކެޓެއް ލިބިގެންދާނެ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
މިކަން ކުރާނީ މޯލްޑިވްސް ނެޝަނަލް ސްކިލްސް އޮތޯރިޓީން ގަބޫލުކުރާ އެސެސްމެންޓް ސެންޓަރުތައް މެދުވެރިކޮށް އެމީހުންގެ ހުނަރުތައް ޓެސްޓުކޮށްގެން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެ ހުނަރުތައް ހުރިކަން ފާހަގަކުރެވެންޏާ އެމީހުންނަށް އެ ސަނަދު ދޭނެ ކަމަށް ވިދާޅުވިއެވެ. މީގެ ސަބަބުން އެމީހަކަށް ވަޒީފާގައި އިތުރަށް ކުރިއެރުމުގެ ފުރުސަތުވެސް ފަހިވެގެންދާކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. އަދި އެ ދާއިރާއަކުން އިތުރަށް ތަމްރީނު ހޯދުމުގެ ފުރުސަތުވެސް ފަހިވެގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.