ސައުދީ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގައި އިމާރާތްކޮށްފައިވާ ކިންގް ސަލްމާން މިސްކިތް ހުޅުވުމަށް ރާއްޖެ ވަޑައިގަންނަވާނީ ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ކަމަށް ސައުދީއަށް ކަނޑައަޅުއްވާފައި ހުންނަވާ ރާއްޖޭގެ ސަފީރު މުހައްމަދު ޚަލީލު ވިދާޅުވެއްޖެއެވެ.
އަރަބް ނިއުސް އަށް ދެއްވާފައިވާ އިންޓަރވިއުއެއްގައި ސަފީރު ވިދާޅުވީ ކިންގް ސަލްމާން މިސްކިތަކީ ރާއްޖޭގައި އަޅާ އެންމެ ބޮޑު މިސްކިތްކަމަށާއި އަދި އެއީ ރާއްޖެއާ ސައުދީގެ ގުޅުން ރަމްޒުކޮށްދޭ މިސްކިތެއްކަމަށެވެ. އަދި މިއީ ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމާ ދިމާކޮށް ހަދަމުން އަންނަ ތާރީޚީ މިސްކިތެއްކަމަށް ވަނީ ވިދާޅުވެފައެވެ.
"މިހާރު އެންމެ ބޮޑަށް މިބަލަނީ މިސްކިތުގެ މަސައްކަތް އެއްކޮށް ނިމި މިސްކިތް ހުޅުވައިދެއްވުމަށް ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ރާއްޖެ ވަޑައިގަންނަވާނެ ދުވަހަކަށް." އަރަބް ނިއުސް އަށް ދެއްވާފައިވާ އިންޓަރވިއުގައި ސަފީރު ވިދާޅުވެފައިވެއެވެ.
ސެޕްޓެމްބަރ މަހުގެ 1 ވަނަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒު ވިދާޅުވީ ސަލްމާން މިސްކިތް ކުރިއަށް އޮތް ރަމަޟާން މަހަށް ހުޅުވަން ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދީފައިވާ ކަމަށެވެ. އެގޮތުން މިހާރު ކުރިއަށް ދަނީ އެތަނަށް ބޭނުންވާ ފަރުނީޗަރާއި، މުއައްޒަފުން ހޯދުމުގެ މަސައްކަތް ކަމަށް މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވީ ރަމަޟާން މަހަށް މިސްކިތް ހުޅުވަން ނިންމީ މިސްކިތް ހުޅުވުމަށް ސަޢޫދީގެ ފަރާތުން އައި ވަފުދާއެކު އޮގަސްޓް 30ވީ ހޯމަ ދުވަހު ބޭއްވި ބައްދަލުކުރެވުމުގައި މަޝްވަރާ ކުރުމަށްފަހު ކަމަށެވެ.
ކިންގް ސަލްމާން މިސްކިތަކީ ސަޢޫދީ ސަރުކާރުން ބޮޑު ހޭދައެއް ކޮށްގެން ބިނާކޮށްފައިވާ މިސްކިތަކަށްވާއިރު އެ މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމުގެ ޝައުގުވެރިކަން ސަޢޫދީ ސަރުކާރުން ވަނީ ފާޅުކޮށްފައެވެ. ސަލްމާން މިސްކިތުގެ ފުރަތަމަ އަދި ދެވަނަ ފަންގިފިލާގައި ޖުމުލަ 4000 މީހުންނަށް ނަމާދު ކުރެވޭއިރު ތިންވަނަ ފަންގިފިލާގައި 40 ޖާގައިގެ 4 ކްލާސްރޫމާއި، 15 ޖާގައިގެ 5 ސެމިނަރ ރޫމް ހުންނާނެއެވެ. ހަތަރު ވަނަ ފަންގިފިލާގައި ލައިބްރަރީއަކާއި، 350 މީހުންގެ ޖާގައިގެ އޮޑިޓޯރިއަމެއް ހުންނާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
ކިންގް ސަލްމާން މިސްކިތުގެ ފަސްވަނަ ފަންގިފިލާ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ 300 މީހުންގެ ޖާގައިގެ މަލްޓި ޕާރޕަސް ހޯލެއްގެ ގޮތުގައެވެ.
މި މިސްކިތަކީ ސައޫދީ ޢަރަބިޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ ހިލޭ އެހީގެ ދަށުން ބިނާކުރި މިސްކިތެކެވެ. މި މިސްކިތުގެ މަސައްކަތް ކޮށްފައި ވަނީ ތުރުކީވިލާތުގެ ޖޮއިންޓް ވެންޗަރ ކުންފުންޏެއްކަމަށްވާ އަލްކޭ-ޓަރމެކްސްއިންނެވެ. ޑިޒައިން އެންޑް ބިލްޑް އުސޫލުން މި މިސްކިތް ބިނާކުރުމުގެ މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 28 ފެބްރުއަރީ 2017 ގައެވެ. މިސްކިތުގެ މަސައްކަތުގެ އަގަކީ 24 މިލިއަން ޑޮލަރު (370 މިލިއަން ރުފިޔާ) އެވެ.