ބޮޑު ބިމެއްގައި ފުންޏަކަށް ކޮތަރު ކޮށި އެޅީ ބިން ސަލާމަތްކުރުމަށް ކަމަށް މާލެ ސިޓީގެ މޭޔަރ އަދި ކުރީގެ ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ހިޔާ ފްލެޓްގެ ކަންބޮޑުވުންތަކާ ގުޅިގެން ހުށަހަޅާފައިވާ ޕެޓިޝަން ދިރާސާކުރުމަށް ބުދަ ދުވަހު ޕެޓިޝަން ކޮމިޓީގައި އޮތީ ކަމާ ގުޅުންހުރި އިދާރާތަކުގެ ވެރިން ހާޒިރުކޮށްގެން ސުވާލުކުރުމެވެ. ކޮމިޓީގެ މެންބަރުން ކުރެއްވި ސުވާލުތަކަށް ރުންކުރު ޖަވާބުތަކެއް ދެއްވަމުން މާލެ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ހިޔާ ފްލެޓްތައް 25 ބުރިއަށް އިމާރާތްކުރުމަށް ނިންމީ، ބިން ސަލާމަތް ކުރުމަށް ކަމަށެވެ. އަދި އޭރުގެ ސަރުކާރުގެ ޕޮލިސީއަކީ ވެސް އެއީ ކަމުގައެވެ. ސަރުކާރުގެ ވިސްނުމަކަށްވީ ގިނަ ފްލެޓް އެޅުން ކަމަށް ވިދާޅުވެ ހިޔާ ފްލެޓްގެ ކޮންސެޕްޓް މުއިއްޒު ދިފާއުކުރެއްވިއެވެ.
މުއިއްޒު ވިދާޅުވީ، 25 ބުރިއަށް ފްލެޓް އިމާރާތްކޮށް އޭރުގެ ސަރުކާރުގެ ޕްލޭންގެ ދަށުން 370،000 އަކަފޫޓުގެ ބިން ހުޅުމާލެ ދެވަނަ ފިޔަވަހިން ސަލާމަތް ކުރައްވާފައިވާ ކަމަށެވެ. އަދި އެއީ 14،000 އާއިލާއަށް ފްލެޓް އެޅޭނެ ބިން ކަމަށާއި، އެ ބިން އެއޮތީ ސަލާމަތް ކޮށްދީފައި ކަމަށެވެ. ފްލެޓްތައް ނިންމާ ހަވާލުކުރުމަށް ކުރީގެ ސަރުކާރުން ހަމަޖެހިފައި އޮންނަ ކަމަށް މުއިއްޒު ވިދާޅުވާ ވާހަކަ އަނެއްކާވެސް ތަކުރާރު ކުރެއްވިއެވެ. ހައުސިންގ މަޝްރޫއު އަނިޔާއަކަށް ބަދަލު ކުރީ މި ސަރުކާރުން ކަމަށާއި އެކަން ހައްލުކޮށްދޭން ޖެހޭނެ ކަމަށް ވިދާޅުވިއެވެ.
އެހެންނަމަވެސް އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަހުމަދު ވިދާޅުވީ، އެޗްޑީސީއާއެކު އެގްރީމެންޓްގައި ސޮއިކުރި ނަމަވެސް ސަރުކާރުން އެއްބަސްވެފައިވާ ޓާރމްސްތަކަށް ބަދަލެއް ނާންނަ ކަމަށެވެ. އޭގައި ފިނިޝިންގ މަސައްކަތް ކުރުމަށް ލިސްޓް ކޮށްފައި ނެތް ކަމަށް ވިދާޅުވިއެވެ.
ހިޔާ މަޝްރޫއު ހިންގުުމުގައި ކޮރަޕްޝަންގެ ބޮޑެތި އަމަލްތަކެއް ހިންގާފައިވާ ކަމުގެ ތުހުމަތުތައްވަނީ ކޮށްފައެވެ. އަދި ފްލެޓް އިމާރާތްކުރުމަށް އެންމެ ބޮޑު އަގު ހުށަހެޅި ޕާޓީއަށް މަސައްކަތް ހަވާލުކުރި ކަން ވަނީ ސާބިތުވެފައެވެ.
ރައްޔިތުންގެ މަޖިލީހަށް ހިޔާ ފްލެޓާ ގުޅިގެން ހުށަހަޅާފައިވާ ޕެޓިޝަންގައި މައިގަނޑު 3 ކަމަކަށް ޑިމާންޑް ކޮށްފައިވެއެވެ. އެގޮތުން ފްލެޓްގެ ކުލި 5،600 އަށް ކުޑަކުރުމާއި، ފްލެޓްގެ ފިނިޝިންގއަށް ދީފައިވާ މުއްދަތު 12 މަސްދުވަހަށް އިތުރުކޮށްދިނުމާއި، ފްލެޓްގެ ޖުމްލަ ކުލިން އެއްލައްކަ ރުފިޔާ ކުޑަކުރުމަށް ވަނީ ޕެޓިޝަންގައި ޑިމާންޑްކޮށްފައެވެ.