ބ. ތުޅާދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ކުރިއަށްގެންދަނީ އެރަށުން ގިރި ސަރަހައްދު އެއްކޮށް އަނބުރާ ލިބޭ ގޮތަކަށް ނޫން ކަމަށް ތުޅާދޫ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު އަލީ މަނިކު ވިދާޅުވެއްޖެއެވެ.
ބ. ތުޅާދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއަކީ މިއަހަރުގެ މާޗް 29 ގައި އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ އަމަލީ މަސައްކަތް މިމަހުގެ 15 ގައި އެމްޓީސީސީން ފަށާފައިވާއިރު، އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ބ. އަތޮޅުގެ ހަތަރު ރަށަކަށް ކުރެއްވި ދަތުރުފުޅުގައި ވަނީ ތުޅާދޫގެ ގިރާފައިވާ ސަރަހައްދު ބައްލަވާލައްވާފައެވެ.
މި މަޝްރޫއާގުޅޭގޮތުން މީޑިއާއަށް މައުލޫމާތުދެއްވަމުން ތުޅާދޫ ކައުންސިލްގެ ނާއިބުރައީސް މުހައްމަދު އަލީ މަނިކު ވިދާޅުވީ ތުޅާދޫ ގޮނޑުދޮށުން 250 ފޫޓުގެ ސަރަހައްދެއް ގިރާފައިވާކަމަށެވެ. ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް އެމްޓީސީސީން ކުރިއަށްގެންދިޔަނަމަވެސް، މަސައްކަތް ކުރިއަށްގެންދަނީ އެރަށުން ގިރި ސަރަހައްދު އެއްކޮށް އަނބުރާ ލިބޭ ގޮތަކަށް ނޫން ކަމަށް އަލީ މަަނިކު ވިދާޅުވިއެވެ. އެހެންނަމަވެސް މި ޕްރޮޖެކްޓުން އެރަށުގެ ރަށް ގިރުމުގެ މައްސަލައަށް ހައްލު ލިބިގެންދާނެ ކަމަށް އުންމީދުކުރައްވާކަމަށް އޭނާ ވިދާޅުވިއެވެ.
ތުޅާދޫގެ ގިރާފައިވާ ސަރަހައްދު ބައްލަވައިލެއްވުމަށްފަހު މީޑިއާއަށް މައުލޫމާތުދެއްވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ ތުޅާދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކުރިއަށްގެންދާނީ ޖިއޯ ބޭގް ޖައްސައިގެން ކަމަށެވެ. އެރަށުގެ ރަށް ގިރުމުގެ މައްސަލަ ވަރަށް ބޮޑަށް ގޯސްވެފައިވާކަމަށާއި، މި މަސައްކަތް ކުރިއަށްގެންދަނީ އެމަރޖެންސީ ޝޯރ ޕްރޮޓެކްޝަނެއްގެ ގޮތުގައި ކަމަށް އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ މަސައްކަތް ކުރަނީ މިއަހަރު ނިމުމުގެ ކުރިން މި މަސައްކަތް ނިންމާލުމަށް ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ މި މަސައްކަތަށް ބޭނުންވާ ވެލި ނެގުމުގެ މަސައްކަތް ކަމަށާއި، ތުޅާދޫ ބަނދަރު ބޭނުންކުރުމުގައި ދިމާވާ ދަތިތަކާ ގުޅިގެން އީޕީއޭގެ ހުއްދައާއެކު ވެލި ނަގަމުންދަނީ ނެރު ތެރެއިން ކަމަށް ވިދާޅުވިއެވެ.
ތުޅާދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއަކީ 10 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.