އިނގިރޭސި ލީގު ކަޕުގެ ތިންވަނަ ބުރުގައި އަންގާރަ ދުވަހުގެރޭ ކުޅުނު މެޗުތަކުން މޮޅުވެ، މުބާރާތުގެ ހަތަރުވަނަ ބުރަށް ލިވަޕޫލާއި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ ދަތުރުކޮށްފިއެވެ.
ހަތަރުވަނަ ބުރުގެ ޖާގައެއް ލިވަޕޫލުން ހޯދީ ރަށުން ބޭރުގައި ކުޅުނު މެޗުގައި ނޯވިޗް ސިޓީ އަތުން 3-0 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.
މި މެޗަށް ގިނަ ބަދަލުތަކަކާއެކު ލިވަޕޫލުން ނުކުތް ނަމަވެސް، މެޗުގެ ވަރަށް ކުރީކޮޅު އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. މެޗު ފަށައިގެން ހަތަރުވަނަ މިނެޓުގައި އޭރިއާ ތެރެއިން ލިބުނު ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޓަކޫމީ މިނަމީނޯއެވެ. އެކަމަކު ފުރަތަމަ ހާފު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް ނަތީޖާ އެއްވަރުކުރަން ނޯވިޗަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. ނަމަވެސް އެ ޓީމުގެ ޒޯލިސް ފޮނުވާލި ޕެނަލްޓީ ލިވަޕޫލުގެ ގޯލްކީޕަރު ކޯމްހިން ކެލަހާ ވަނީ މަތަކޮށްފައެވެ.
މި މެޗުގައި ލިވަޕޫލުން ލީޑު ފުޅާކޮށްފައިވަނީ ދެވަނަ ހާފު ފަށައިގެން ފަސްވަނަ މިނެޓުގައެވެ. ކޮސްޓަސް ސިމިކާސް ނަގައިދިން ހުރަހަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޑިވޮކް އޮރީގީއެވެ. އަދި މެޗު ނިމެން 10 މިނެޓަށް ވެފައި ވަނިކޮށް މެޗުގައި މޮޅު ކުޅުމެއް ދެއްކި މިނަމީނޯ ވަނީ ލިވަޕޫލުގެ ތިންވަނަ ލަނޑު ޖަހާފައެވެ.
މީގެ އިތުރުން ހަތަރުވަނަ ބުރުގެ ޖާގައެއް ސިޓީން ހޯދީ ތިންވަނަ ޑިވިޝަނުގައި ވާދަކުރަމުން އަންނަ ވައިކަމް ވޮންޑަރާސް އަތުން ފަހަތުން އަރައި 6-1 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.
ސިޓީގެ ދަނޑުގައި ކުޅުނު މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައިވަނީ ވައިކަމުންނެވެ. މެޗުގެ 22 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެންޑަން ހަންލަނެވެ. އެކަމަކު އޭގެ ހަތް މިނެޓު ފަހުން ކެވިން ޑި ބްރޭނާ ވަނީ ލަނޑެއް ޖަހައި ސިޓީއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.
އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން ރިޔާދު މާރޭޒާއި ފިލް ފޯޑެން ކާމިޔާބުކޮށްދިން ލަނޑުތަކުން ސިޓީން ވަނީ ލީޑު ފުޅާކޮށްފައެވެ. މި މެޗުގެ ދެވަނަ ހާފުގައި ސިޓީން ތިން ލަނޑު ޖެހިއިރު، މި ލަނޑުތައް ކާމިޔާބުކޮށްދިނީ މާރޭޒުގެ އިތުރުން ފެރާން ޓޮރޭޒް އަދި ކޯލް ޕާމާއެވެ.
މި ނަތީޖާތަކާއެކު ލީގު ކަޕުގެ ހަތަރުވަނަ ބުރަށް ލިވަޕޫލާއި ސިޓީ ދަތުރުކުރިއިރު، ހަތަރުވަނަ ބުރުގެ މެޗުތައް ކުޅުމަށް ތާވަލުކޮށްފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 25 ވަނަ ދުވަހެވެ.