މާލޭ ސިޓީގެ ކައުންސިލަރަކު ފިޔަވަތީގެ ތެރެއަށް ވަދެ އެތަނުގައި ތިބި ކުދިންނާ ވާހަަކަ ދެއްކި މައްސަލަ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަންރައިޓް އެންޑް ޖެންޑަރ ކޮމެޓީން ލޯކަލްގަވަރުމަންޓް އޮތޯރިޓީއަށް ހުށަހެޅުމަށް ނިންމައިފިއެވެ.
ފިޔަވަތީގައި ހިނގައި ދިޔަ ހާދިސާގެ ރިޕޯޓް ހިއުމަން ރައިޓްސް ކޮމިޝަނުންނާއި ޗިލްޑްރެންސް އޮމްބަޑްސްޕާސަން އިން ތައްޔާރުކުރި ރިޕޯޓްގައި ހިމަނާފައިވާ ކަންކަމާ ގުޅޭ ގޮތުން އާދީއްތަ ދުވަހު ކުރިއަށް ދިޔަ ކޮމިޓީގެ ބައްދަލުވުމުގައި ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު މުހައްމަދު މުމްތާޒް ވިދާޅުވީ ފިޔަވަތީގެ ކުދިން ނުކިޔަމަންތެރިކަން ދައްކައި ފުރާޅަށް އަރައިގެން އުޅުނު ވަގުތު ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު ފިޔަވައްޗަށް ވަދެ އުޅުނު ކަމަށާއި، އަދި ބައެއް މީހުން އެތަނަށް ވައްދަން އޭނާ މަސައްކަތް ކޮށްފައިވާ ކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވާތީ އެކަން ހިނގައި ދިޔަގޮތް ބަލަން އެލްޖީއޭއަށް އެންގުމަށް މުމްތާޒް ހުށަހެޅުއްވިއެވެ.
އެ ސަރަހައްދުގައި ހަރަކާތްތެރިވި ބައެއް ނޫސްވެރިން ހާދިސާއާ ގުޅޭ މަންޒަރުތަކާއި ފޮޓޯތައް އަމިއްލަ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވެއެވެެ. އަދި ކުދިންގެ މޫނު ފެންނާނެހެން ބައެއް މީޑިއާތަކުން ރިިޕޯޓް ކޮށްފައިވާތީ މައްސަލަ ބަލައިދޭން މިޑީއާ ކައުންިސލަށް އަންގަން މުމްތާޒް ހުށަހެޅުއްވިއެވެ.
އާދީއްތަ ދުވަހު ބޭއްވި ޖެންޑަރ ކޮމިޓީގެ ބައްދަލުވުމުގައި މަޝްވަރާކޮށް، ދިރާސާކޮށްފައިވަނީ އެޗްއާރްސީއެމް އަދި ޗިލްޑްރަންސް އޮމްބަޑްޕާސަން ހުށަހަޅާފައިވާ ރިޕޯޓާ ބެހޭ ގޮތުންނެވެ. ކޮންމެ މުއައްސަސާއަކުން ވެސް ވަނީ ދެ ރިޕޯޓެއް ހުށަހަޅާފައެވެ. ރިޕޯޓުގައި މައިގަނޑު ގޮތެއްގައި ހަތަރު ކަމެއް ފާހަގަކޮށްފައިވެއެވެ. ޖާގައަށްވުރެ ގިނައިން އެތަނުގައި ކުދިން ގެންގުޅުމާއި، މުވައްޒަފުންނަށް ވުރެ އެތާގައި ބަލަހައްޓާ ކުދިންގެ އަދަދު ގިނަވުމެވެ. އަދި ތަނުގެ މުވައްޒަފުން ތަމްރީން ކޮށްފައިވަނީ ތުއްތު ކުދިން ބަލަހައްޓަން ކަމަށާއި ނަމަވެސް އުމުރުން 14 އަހަރުގެ ކުދިން އެތަނުގައި މިހާރު އެބަތިބި ކަމަށެވެ. މުވައްޒަފުންނަށް ބޮޑެތި ކުދިން ބެލެހެއްޓޭނެ ތަމްރީން ލިބިފައި ނެތުމާއި، ނަފްސާނީ ގޮތުން އެހީތެރިކަން ބޭނުންވާއިރު އެ އެހީތެރިކަން ލިބެމުން ނުދާ ކަަމަށެވެ. ފިޔަވަތީގައި އުޅެމުންދާ ކުދިންނަށް ނަފްސާނީ ގޮތުން އެހީތެރިކަން ބޭނުންވާ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ޖެންޑަރ މިނިސްޓްރީގެ ރިޕޯޓްވެސް ކޮމިޓީއަށް ލިބުމުން ދިރާސާކުރުމަށްފަހު ކޮމިޓީއަށް ފެންނަ ކަންކަން ނިންމުމަށް ވަނީ ހަމަޖެހިފައެވެ.