އެއްހަމަ ޕޭ ފްރޭމްވޯރކްގެ މަސައްކަތް މިހާރުވަނީ އެންމެ ފަހުގެ މަރުހަލާގައި ކަމަށް ޕޭ ކޮމިޝަނުން ބުނެފިއެވެ.
ޕޭ ކޮމިޝަނުން މިހެން ބުނެފައިވަނީ ސިވިލް ސަރވިސް މުވައްޒަފުންނާއި އައިޖީއެމްއެޗްގެ ނަރުހުންނާއި ޑޮކްޓަރުން, ކަޅު ހެދުމުގައި އޮފީހަށް ނުކުމެ އާދީއްތަ ދުވަހު އިޙްތިޖާޖުކޮށްފައިވަނިކޮށެވެ.
ސިވިލް ސަރވަންޓްސް އެސޯޝިއޭޝަނުން ބުނީ މުވައްޒަފުންގެ މައިގަނޑު ޑިމާންޑަކީ ސެޓްފިކެޓަަށް ބަލައި ވަޒީފާގެ ކުރިއެރުން ދިނުން ކަމަށާއި، ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި މަސައްކަތްކުރާ މީހުންނަށް ލިބޭ ލިވިން އެލަވަންސް ދިނުން ކަމަށެވެ. އަދި މިނިމަމް ވޭޖް އަވަސް ކޮށްދިނުމަކީވެސް ޑިމާންޑެއް ކަަމަށް އެ އެސޯޝިއޭޝަނުން ބުނެއެވެ. އާދީއްތަ ދުވަހު މި އިޙްތިޖާޖު ފަށާފައިވާއިރު، ސަރުކާރުގެ ޖަވާބެއް ނުލިބިއްޖެނަމަ, ހޯމަ ދުވަހުން ފެށިގެން މަސައްކަތް ހުއްޓާލާނެ ކަމަށް ވެސް އެ އެސޯޝިއޭޝަނުން ބުނެއެވެ.
ޕޭ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކޮވިޑް-19ގެ ދަތި ހާލަތުގައިވެސް ސިވިލް ސަރވިސްގެ ގިނަ މުވައްޒަފުންގެ މުސާރަ ކުޑަ ނުކޮށް ސަރުކާރުން ދީފައިވާ ކަމަށެވެ. އަދި މިނިމަމް ވޭޖެއް ކަނޑައަޅައި މިއަހަރުގެ ތެރޭގައި ޢިއުލާނު ކުރާނެ ކަމަށާއި، މިނިމަމް ވޭޖް ކަނޑައެޅުމުން ސިވިލް ސަރވިސްގައި ހިމެނޭ އެންމެ ދަށް ފަންތީގެ މުވައްޒަފުންނަށް ލިބޭ ޢިނާޔަތްތަކަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ.
މީގެ އިތުރުން ދައުލަތުގެ ހުރިހާ ފަންނުތަކެއް ހިމެނޭގޮތަށް ނޭޝަނަލް ޕޭ ކޮމިޝަނުން އެކުލަވާލާ އެއްހަމަ ޕޭ ފްރޭމްވޯރކްގެ މަސައްކަތް މިހާރުވަނީ އެންމެ ފަހުގެ މަރުހަލާގައި ކަމަށެވެ. އަދި އެ މަސައްކަތް މިއަހަރުގެ ތެރޭގައި އެއްކޮށް ނިމޭނެ ކަމަށެވެ. އައު ޕޭ ފްރޭމްވޯރކްގެ ސަބަބުން ދައުލަތުގެ އިދާރާތަކުގެ މެދުގައި ހުރި މުސާރައިގެ ފަރަގުތައް ނައްތާލެވި، އެއްހަމަ މިންގަނޑަކުން މުސާރައާއި ޢިނާޔަތްތައް ކަނޑައެޅިގެންދާނެ ކަމަށެވެ.
މި ފްރޭމްވޯރކްގައި ދައުލަތުގެ އިދާރާތަކަށް ބޭނުންވާ ހުރިހާ ފަންނުތަކުގެ ގިންތިތަކާއި ފަންތިތައް ކަނޑައަޅައި، ކޮންމެ ފަންނަކަށްވެސް އެކަށޭނަ މުސާރައާއި ޢިނާޔަތްތައް ކަނޑައެޅިގެންދާނެ ކަމަށް ޕޭ ކޮމިޝަނުން ބުނެއެވެ. އަދި މިގޮތުން ކަނޑައަޅާ މުސާރައާއި ޢިނާޔަތްތަކަކީ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާނެ ޢިލްމީ ގާބިލުކަމާއި ފަންނުވެރިކަމާއި، މަގާމުގެ މަސްއޫލިއްޔަތާއި ޒިންމާތަކުގެ ބުރަކަމާއި، ކުރިމަތިވެދާނެ ތަފާތު ވައްތަރުގެ ހިރާސްތަކާއި، މަސައްކަތުގެ މާހައުލުގައި ކުރިލާންޖެހޭނެ ޖިސްމާނީ ބުރަތަކަށް ރިޢާޔަތްކޮށްގެން ކަނޑައެޅޭނެ މުސާރައާއި ޢިނާޔަތްތަކެއް ކަމުގައި ވާނެކަމަށެވެ.
ޕޭ ކޮމިޝަނުން ބުނީ ސަރުކާރުގެ އަމާޒަކީ އަންނަ އަހަރުން ފެށިގެން އައު ޕޭ ފްރޭމްވޯރކަށް މުވައްޒަފުން ބަދަލުވުމުގެ މަސައްކަތް ފެށުން ކަމަށެވެ. އަދި މި ފްރޭމްވޯރކްގެ ސަބަބުން ސިވިލް ސަރވިސްގެ މުވައްޒަފުންގެ މެދުގައި މުސާރައާމެދު ހުރި ގިނަ ކަންބޮޑުވުންތަކަށް ހައްލުތަކެއް ލިބިގެންދާނެ ކަމަށެވެ.