ކާބުލްް އެއާޕޯޓަށް ދަތުރުކުރަމުންދިޔަ ވެހިކަލަކަށް އެމެރިކާ ސިފައިން ޑްރޯން މެދުވެރިކޮށް ދިން ހަމަލާއަކީ އޮޅުމަކުން ދެވުނު ހަމަލާއެއްކަމަށް އެމެރިކާ ސިފައިން ކަނޑައަޅައިފިއެވެ.
ގޮވާތަކެތި ހަރުކޮށްގެން އަފްޣާނިސްތާނުގެ ކާބުލް އެއާޕޯޓަށް ދަތުރުކުރަމުން ދިޔަކަމަށް ބުނާ ވެހިކަލަކަށް މިދިޔަ އޮގަސްޓު މަހުގެ ފަހުކޮޅު ދިން ހަމަލާއާއި ގުޅިގެން އެމެރިކާ ސިފައިން އޭރު ބުނެފައިވަނީ މި ހަމަލާ ދީފައިވަނީ ކާބުލް އެއާޕޯޓަށް ޓެރަރިސްޓު ހަމަލާއެއް ދޭން އުޅޭ ކަމުގެ ސިގުނަލްތަކެއް ލިބިގެން ކަމަށެވެ. މި ހަމަލާގައި އެ ވެހިކަލާ ކައިރިގައި ހުރި ގެއެއްގައި ރޯވެ، ކުޑަކުދިން ހިމެނޭހެން އެއް އާއިލާއެއްގެ 10 މީހަކު ވަނީ މަރުވެފައެވެ.
މި ހަމަލާއާއި ގުޅިގެން ހުކުރު ދުވަހު ޔޫއެސް ސެންޓްރަލް ކޮމާންޑުގެ ހެޑް، ޖެނެރަލް ފްރޭންކް މެކެންޒީ ވިދާޅުވީ މި ހަމަލާ ދެވުނީ އޮޅުމެއްގެ ތެރެއިން ކަމަށެވެ. އަދި މި ހަމަލާ އަމާޒުކޮށްފައިވާ މީހުންނަކީ އައިސިސް ޖަމާއަތާ ގުޅުންހުރި ބަޔަކަށް ނުވުމަކީ އެކަށީގެންވާކަމެއް ކަމަށް މެކެންޒީ ވިދާޅުވިއެވެ.
ކާބުލް އެއާޕޯޓަށް ހަމަލާއެއް ދޭން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން ޑްރޯން މެދުވެރިކޮށް ދިން މި ހަމަލާގައި އެއް އާއިލާއެއްގެ ގިނަ ބަޔަކު މަރުވުމާއި ގުޅިގެން މެކެންޒީ ވަނީ އެމީހުންގެ އާއިލާއަށް ތައުޒިޔާ ފޮނުއްވާފައެވެ. އަދި މި ހަމަލާއިން ނިކުތް ނަތީޖާގެ ފުރިހަމަ ޒިންމާ ނަންގަވާކަމަށް މެކެންޒީ ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ޔޫއެސް ސެކެޓްރީ އޮފް ޑިފެންސް ލޮއީޑް އޮސްޓިން ވަނީ މި ހަމަލާއާއި ގުޅިގެން ކޮށްފައިވާ ތަހުގީގުގެ ފުރިހަމަ ރިވިއުއެއް ހެދުމަށް އަންގަވާފައެވެ. މިކަމުން އިބުރަތް ހާސިލްކޮށް ކުރިއަށް އޮތް ތަނުގައި އެ މުއައްސަސާގެ ކަންކަން އިސްލާހުކުރާނެ ކަމަށް އޮސްޓިން ވަނީ ވިދާޅުވެފައެވެ.