ކ. މާލެ
|
16 ސެޕްޓެންބަރ 2021 | ބުރާސްފަތި 20:11
އެންޓި ކޮރަޕްޝަން ކޮމިޝަން
އެންޓި ކޮރަޕްޝަން ކޮމިޝަން
ސަން އޮންލައިން
ފެނަކައިގެ ކުރީގެ އިސްވެރިއަކަށް ދައުވާކުރުން
ފެނަކައިގެ ކުރީގެ އިސްވެރިއެއްގެ މައްޗަށް ދައުވާކުރުމަށް އެދި ޕީޖީ އޮފީހަށް ހުށަހަޅައިފި
ރަށްރަށަށް މުދާ ގެންގޮސްފައިވާކަން އެނގޭކަށް ނެތް
ފޯނުގެ މުއާމަލާތްތަކަށް ބަލާއިރު، ގުޅުން އޮންނަކަން އެނގޭ
ވާދަވެރިކަން ގެއްލި ދައުލަތަށް ގެއްލުންވެފައިވާކަން ސާބިތުކުރެވޭވަރަށް ތަހުގީގުގައި ހެކި ލިބިފައިވޭ

ފެނަކަ ކޯޕަރޭޝަންގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ ކުރީގެ އިސްވެރިޔާ މައްޗަށް ދައުވާކުރުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ހުށަހަޅައިފިއެވެ.

ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން 2018 ވަނަ އަހަރުގެ ތެރޭގައި ކުއްޔަށް ހިފާފައިވާ ދޯންޏަކީ، އެކުންފުނީގެ ޕްރޮކިއުމަންޓް އިސްވެރިޔާއާ ގާތްގުޅުމެއް އޮންނަ ކުންފުންޏަކުން ގަނެފައިވާ ދޯންޏެއް ކަމަށް ބުނާ މައްސަލަ އެ ކޮމިޝަނުން ތަހުގީގުކޮށް ނިންމައި، އެ މައްސަލައިގައި ފެނަކަ ކޯޕަރޭޝަންގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ ކުރީގެ ވެރިޔާ، މަރްޔަމް ދީނާ ޞާލިޙް (ހޯދަނޑު, މައިޒާން، ޏ.ފުވައްމުލަކު) ގެ މައްޗަށް ދައުވާކުރުމަށް ބުރާސްފަތި ދުވަހު ޕީޖީ އޮފީހަށް ފޮނުވާ ކަމަށެވެ.

މި މައްސަލައިގެ ތަހުގީގުން ފާހަގަކުރެވުނު ކަންތައްތަކާ ބެހޭ ގޮތުން އޭސީސީން ބުނީ 2018 ވަނަ އަހަރު ފެނަކަ ކޯޕަރޭޝަންގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ އިސްވެރިޔާގެ މަގާމު އަދާކޮށްފައިވަނީ މަރްޔަމް ދީނާ ކަމަށެވެ. މި މައްސަލައާ ގުޅިގެން އޭސީސީން ތަހުގީގުގައި ބަލާފައިވާ 2018 ވަނަ އަހަރުގެ މެއި މަހުން ފެށިގެން 2018 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ނިޔަލަށް ފެނަކައިން ދޯނި ކުއްޔަށް ހިފުމަށް ތައްޔާރުކޮށްފައިވާ ޕަރޗޭސް އޯޑަރުތަކާއި އެކަމާ ގުޅޭ ލިޔުންތަކަށް ބަލާއިރު، އެކުންފުނީގެ 6 (ހައެއް) ޕަރޗޭސް އޯޑަރަކާ ގުޅިގެން ހޯދާފައިވާ ކޯޓޭޝަންތައް ހޯދާފައިވަނީ, ދަތުރު ކުރުމަށް ޖެނެރަލް ސަރވިސް ރިކުއިޒިޝަން ފޯމު ލޮޖިސްޓިކް ޑިޕާރޓްމަންޓުން ޕްރޮކިއުމަންޓު ޑިޕާރޓްމަންޓަށް ފޮނުވުމުގެ ކުރިން ކަމަށެވެ. އެކަމަކީ ފެނަކައިން އަމަލުކުރަމުން ދިޔަ އުސޫލާ ޚިލާފަށް ކޮށްފައިވާ ކަމެއްކަން ތަހުގީގަށް ފާހަގަކުރެވޭ ކަމަށެވެ. އަދި އެ ޕަރޗޭސް އޯޑަރުގެ ތެރެއިން 1 ޕަރޗޭސް އޯޑަރު ތައްޔާރުކޮށް، އެ އޯޑަރާ އެކު އެއްކަރުދާސްކޮށްފައިވާ ކޯޓޭޝަންތައް ހޯދާފައިވަނީ ދަތުރުކޮށް ނިންމުމަށްފަހުގައިކަން، އެ ޕަރޗޭސް އޯޑަރާއެކު އެއްކަރުދާސްކޮށްފައިވާ ތަކެތި ލިބުމަށްފަހު ތައްޔާރުކޮށްފައިވާ ގުޑްސް ރިސީވްޑް ނޯޓުން އެނގޭ ކަމަށް އޭސީސީން ބުނެއެވެ.

އޭސީސީން ބުނީ ދަތުރު ކޮށްދިނުމުގެ ޚިދުމަތް ހޯދުމަށް ފެނަކައިން ތައްޔާރުކޮށްފައިވާ ޕަރޗޭސް އޯޑަރާއި ދަތުރު ކޮށްދިނުމަށް ހުށަހަޅާފައިވާ ކޯޓޭޝަންތަކުގައި ގިނަ ރަށްތަކަކަށް ދަތުރު ކޮށްފައިވާކަމަށް ބަޔާންކޮށްފައިވީ ނަމަވެސް، އެރަށްރަށަށް މުދާ ގެންގޮސްފައިވާކަން އެނގެން ނޯންނަ ކަމަށެވެ. އަދި އެރަށްރަށަށް ދަތުރު ކޮށްފައިވަނީ ކޮން ބޭނުމެއްގައިކަން ވެސް ލިޔެކިޔުންތަކުން އެނގެން ނެތް ކަމަށެވެ.

އޭސީސީން ބުނީ ފެނަކައިން ރަށްރަށުގައި ގާއިމުކޮށްފައިވާ ބްރާންޗުތަކަށް ބޭނުންވާ ތަކެތި ފޮނުވުމަށް ދޯނި ކުއްޔަށް ހިފުމަށް ކޯޓޭޝަން ހޯދުމަށް އެކުންފުނީގައި އަމަލުކުރަމުން ދިޔަ އުސޫލަށް ބަލާއިރު، މިމައްސަލައާ ގުޅިގެން ހޯދާފައިވާ ޕަރޗޭސް އޯޑަރުތަކާ ގުޅިގެން އަމަލުކޮށްފައިވަނީ އެކުންފުނިން އަމަލުކުރަމުންދާ އުސޫލާ ޚިލާފަށްކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން، ތިން ފަރާތަކުން ކޯޓޭޝަން ހޯދާފައިވީ ނަމަވެސް، ތިން ކޯޓޭޝަން ހޯދާފައިވަނީ ފެނަކައިގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ ކުރީގެ ވެރިޔާ، މަރްޔަމް ދީނާއާ ގާތްގުޅުމެއް އޮންނަ ކުންފުންޏަކުން ނުވަތަ އެ ކުންފުނީގެ ވެރިޔާއާ މަސްލަހަތު އޮންނަ ފަރާތްތަކަކުންކަން ތަހުގީގުގައި ހޯދާފައިވާ ލިޔުންތަކުން އެނގޭ ކަމަށެވެ. އެ ޚިދުމަތް ފޯރުކޮށްދޭ އެހެން ފަރާތަކާ މުއާމަލާތު ކޮށްފައިވާކަން އެނގޭނެ އެއްވެސް ލިޔުމެއް ނެތް ކަމަށް އޭސީސީން ބުނެއެވެ. އަދި އެ ޕަރޗޭސް އޯޑަރުތަކާއެކު އެއްކަރުދާސްކޮށްފައިވާ ކޯޓޭޝަންތައް ޕްރޮކިއުމަންޓް ޑިޕަރޓްމަންޓަށް ލިބިފައިވަނީ ކިހިނެތްކަން އެނގޭފަދަ ލިޔެކިޔުމެއް އެ ޑިޕާރޓްމަންޓުގައި ނެތްއިރު، ކޯޓޭޝަން ހޯދުމުގެ މަސައްކަތް ކޮށްފައިވަނީ ދީނާ ކަމަށް ތަހުގީގަށް އެނގޭ ކަމަށެވެ.

ފެނަކައިން ދަތުރު ކޮށްދިނުމުގެ ޚިދުމަތް ހޯދުމަށް ތައްޔާރުކޮށްފައިވާ ޕަރޗޭސް އޯޑަރުތަކާ ގުޅިގެން ހޯދާފައިވާ ކޯޓޭޝަންތަކަކީ މަސްލަހަތު ފުށުއަރާ ފަރާތްތަކަކުން ގުޅިގެން ހުށަހަޅާފައިވާ ކޯޓޭޝަންތަކެއްކަން ތަހުގީގުގައި ހޯދާފައިވާ މައުލޫމާތު ތަކުންނާއި ލިޔެކިޔުންތަކުންނާއި، ކޯޓޭޝަން ހުށަހަޅާފައިވާ ފަރާތްތަކުގެ އިއުތިރާފުން އެނގޭކަން ފާހަގަކޮށް އޭސީސީން ބުނީ މިކަމަކީ ކޮލޫސިވް، އަދި ކޯޓޭޝަންގައި ހުށަހަޅާ އަގަށް ނުފޫޒު ފޯރުވުންފަދަ އަމަލެއް ކަމުގައިވާތީ، އެކަމުގެ ސަބަބުން ވާދަވެރިކަން ގެއްލިފައިވާ ކަމަށެވެ.

އޭސީސީން ބުނީ މިމައްސަލައާ ގުޅިގެން ކުރިޔަށް ގެންދިޔަ ތަހުގީގުގައި ހޯދާފައިވާ މަރްޔަމް ދީނާގެ މޯބައިލް ފޯނުގެ މުއާމަލާތުތަކަށް ބަލާއިރު، 9 ޖުލައި 2018އިން ފެށިގެން 24 ފެބުރުވަރީ 2019ގެ ނިޔަލަށް އެ މުއްދަތުގެ ތެރޭގައި ދޯނި ކުއްޔަށް ދޫކުރުމަށް ފެނަކައިން ކޯޓޭޝަން ހުށަހަޅާފައިވާ ފަރާތާއި، މަރްޔަމް ދީނާ ދެމެދު ގިނަ އަދަދެއްގެ މުއާމަލާތުކޮށްފައިވާތީ، އެފަރާތާއި މަރްޔަމް ދީނާއާ ދެމެދު ގުޅުން އޮންނަކަން އެނގޭ ކަމަށެވެ.

މީގެ އިތުރުން ދީނާ ފެނަކައިގެ ޕްރޮކިއުމަންޓު ޑިޕާރޓްމަންޓުގައި ހުރި ދުވަސްވަރު، ތައްޔާރުކޮށްފައިވާ ޕަރޗޭސް އޯޑަރުތަކާއި އޭނާ އެ މަގާމުން ބަދަލުކުރިފަހުން، ދޯނި ކުއްޔަށް ހިފުމަށް ތައްޔާރުކޮށްފައިވާ ޕާޗޭސް އޯޑަރުތަކާ އަޅާކިޔުމުން, ދީނާ ޕްރޮކިއުމަންޓު ޑިޕާރޓްމަންޓުގައި ހުރި ދުވަސްވަރު ފެނަކައިން ދޯނި ކުއްޔަށް ހިފައިގެން ދަތުރު ކޮށްފައި އެވަނީ މާބޮޑު އަގެއްގައިކަން ފާހަގަކުރެވޭ ކަމަށެވެ. އަދި މި އަމަލުގެ ސަބަބުން ކުންފުންޏަށާއި ދައަލަތަށް މާލީގޮތުން ގެއްލުންވެފައިވާކަން ފާހަގަކުރެވޭ ކަމަށެވެ.

އޭސީީސީން ބުނީ މިމައްސަލާގައި ހޯދާފައިވާ ކިތާބީ ހެކިތަކާއި ޝަފަވީ ހެކިތަކަށް ބަލާއިރު، ފެނަކައިން ދޯނި ކުއްޔަށް ދޫކޮށްފައިވާ ފަރާތަށް އެދުވަސްވަރު ޕްރޮކިއުމަންޓް ޑިޕާރޓްމަންޓުގައި އެންމެ އިސްވެރިޔާގެ މަގާމުގައި ހުރި ދީނާ، އޭނާގެ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކިފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދީފައިވާކަން އެނގޭތީއާއި، ދޯނި ކުއްޔަށް ހިފުމުގައި ކޯޓޭޝަން ހޯދާފައިވަނީ ހަމައެކަނި ދީނާއާ ގާތް ގުޅުން އޮތް ކުންފުނިން ނުވަތަ އެ ކުންފުނީގެ ވެރިޔާގެ މަސްލަހަތު އޮތް ފަރާތްތައް މެދުވެރިކޮށްކަމާއި އެކަމުގެ ސަބަބުން ވާދަވެރިކަން ގެއްލި ދައުލަތަށް ގެއްލުންވެފައިވާކަން ސާބިތުކުރެވޭވަރަށް ތަހުގީގުގައި ހެކި ލިބިފައިވާ ކަމަށެވެ.

މިމައްސަލާގައި މަރްޔަމް ދީނާ (ހޯދަޑު. މައިޒާން، ޏ.ފުވައްމުލަކު)ގެ މައްޗަށް ދިވެހި ރާއްޖޭގެ ޤާނޫނުލް ޢުޤޫބާތުގެ 513 ވަނަ މާއްދާގެ (ށ) އަދި ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމުގެ ގާނޫނުގެ 12 ވަނަ މާއްދާ (ހ) އަދި 13 ވަނަ މާއްދާ (ހ)ގައި ބަޔާންކޮށްފައިވާ ފަދަ ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާކަމުގެ ދައުވާކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ގާނޫނުގެ 25 ވަނަ މާއްދާގެ (ހ)ގެ 2ގެ ދަށުން ޕީޖީގެ އޮފީހަށް ހުށަހެޅުމަށް ނިންމީ ކަމަށް އޭސީސީން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް