ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން، ޕީޕީއެމުން މާލޭގައި ބޭއްވި މުޒާހަރާގައި އަމަލީގޮތުން ބައިވެރިވެވަޑައިގަތް މައްސަލައިގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސްއިން އެމަނިކުފާނަށް ނަސޭހަތް ދިނުމަށްފަހު މައްސަލަ ނިންމާލައިފިއެވެ.
މާފުށީ ޖަލުގައި ކޮވިޑް ފެތުރޭތީއާއި ގައިދީންގެ ބަލި ހާލަތު ހުރިގޮތުން, ކޮވިޑުގެ ސަބަބުން ނުރައްކާތެރި ގޮތެއް މެދުވެރިވެދާނެ މީހުންނަށް ބަލައިގެން ކަރެކްޝަން ސަރވިސްއިން ވަނީ ވަގުތީގޮތުން ރައީސް ޔާމީން ގޭ ބަންދަށް ބަދަލުކޮށްފައި ވަނިކޮށް ރައީސް ޔާމީން މުޒާހަރާގައި ބައިވެރިވެވަޑައިގެންނެވީ ގޭގައި ހުންނަވައިގެންނެވެ. އެގޮތުން މުޒާހަރާގެ ބައިވެރިން ރައީސް ޔާމީނުގެ ގޭގެ ކުރިމައްޗަށް އެއްވުމުން އެމީހުންނަށް ފެންނަ ގޮތަށް ކުޑަދޮރެއްގެ ކައިރީގައި ހުންނަވައި އިޝާރާތުން ހިތްވަރުދެއްވައި ސިޔާސީ މެސެޖުތައް ވެސް ދެއްވިއެވެ. އަދި ޕީޕީއެމްގެ ދިދައާއި ގައުމީ ދިދަ ހޫރުއްވިއެވެ.
އެކަމާ ގުޅިގެން ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙުމަދު މުޙައްމަދު ފުޅު އެ ދުވަހު ވިދާޅުވީ، ރައީސް ޔާމީން ޢަމަލުކުރެއްވީ ގޭ ބަންދުކޮށްފައިވާ އިޤުރާރާ ޚިލާފަށް ކަމަށާއި، މިމައްސަލަ ބައްލަވައި, ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.
އެކަމާ ގުޅޭގޮތުން ރާއްޖެއެމްވީން ސުވާލުކޮށްލުމުން ކަރެކްޝަންސްގެ މީޑިއާ އޮފިޝަލު ވިދާޅުވީ، އެފަދަ އަމަލެއް ތަކުރާރު ނުކުރެއްވުމަށް ލިޔުމުން ރައީސް ޔާމީނަށް ބުދަ ދުވަހު ނަސޭޙަތް ދީފައިވާ ކަމަށެވެ.
ކޮވިޑުގެ ހާލަތަށް ބަލައި އެންމެ ފުރަތަމަ ގެއަށް ބަދަލުކުރިއިރުވެސް މާކަގިނަ ދުވަހެއް ނުވަނީސް ޓެލެގްރާމާއި ވަޓްސްއެޕްގައި އެމަނިކުފާނު އެކްޓިވްވި ކަމުގެ ވާހަކަތައް ފެތުރިގެން ދިޔައެވެ. އަދި ގެކޮޅުގައި ހުންނަވައި ސިޔާސީ ޙަރަކާތް ހިންގާ ކަމުގެ ތުހުމަތާއެކު ރައްޔިތުންގެ ބޮޑެތި ފާޑުކިއުންތަކެއްވެސް އަމާޒުވެގެން ދިޔައެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ތެރެއިން މަނީ ލޯންޑަރކުރުމުގެ ކުށް ސާބިތުވެ، ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ރައީސް ޔާމީން ތަންފީޒު ކުރައްވަމުން ގެންދަވާއިރު، މިހާރުވެސް ކްރިމިނަލް ކޯޓުގައި، ރ. ފުއްގިރި މައްސަލާގައި މަނީ ލޯންޑަރކުރުމާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާގެ ޝަރީޢަތުގެ އަޑުއެހުންތަކެއް ކުރިއަށްދެއެވެ. އަދި ޖަލު ޙުކުމުގެ އިސްތިއުނާފު އަޑުއެހުންތައްވެސް މިހާރު ސުޕްރީމް ކޯޓުގައި ކުރިއަށް ދެއެވެ.