މިންތީގެ ހަމަހަމަކަން ނެތް ޕެނަލެއްގައި ބައިވެރިވެވަޑައިނުގަންނަވާނެ ކަމަށް އދ.ގެ 76 ވަނަ އާންމު މަޖިލީހުގެ ރިޔާސަތާ ހަވާލުވެވަޑައިގަންނަވާ ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޝާހިދު މިމޭރުމުން ވާހަކަފުޅުދައްކަވާފައި މިވަނީ އަންގާރަ ދުވަހުގެ ރޭ 12 ޖަހާއިރު އދ.ގެ 76 ވަނަ އާންމު މަޖިލީހުގެ ރިޔާސަތާ ހަވާލުވެވަޑައިގަތުމުގެ ކުރިން އދ.އިން އާންމުކޮށްފައިވާ ވީޑިއޯއެއްގައެވެ. މިހާރު ކުރިޔަށްދާ, އދ.ގެ އާންމު މަޖިލީހުގެ 75 ވަނަ ސެޝަންނިމި އަންގާރަ ދުވަހުގެ ރޭ 76 ވަނަ ސެޝަން ފެށޭނެއެވެ. މިސެޝަންގައި ޝާހިދު މަގާމުގެ ހުވާކުރައްވާނެއެވެ. އަދި އެއަށްފަހު ޝާހިދު ވާހަކަދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ.
އދ.ގެ އާންމު މަޖިލީހުގެ އައު ރިޔާސަތާ ހަވާލުވެވަޑައިގަތުމަށްފަހު އެންމެ އިސްކަމެއް ދެއްވައިގެން ކުރައްވާނެ ކަންކަމުގެ މައްޗަށް ޝާހިދު ވަނީ ކުރުގޮތަކަށް މިވީޑިއޯގައި އަލިއަޅުއްވާލައްވާފައެވެ. އެގޮތުން މިންތީގެ ހަމަހަމަކަން ގާއިމުކުރުމާއި ކޮވިޑް ވެކްސިން ހަމަހަމަގޮތެއްގައި ހުރިހާ ރައްޔިތުންނަށް ފޯރުކޮށްދެއްވުމަށް މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން މޫސުމީ ބަދަލުތަކާ ގުޅޭގޮތުން މަސައްކަތްކުރައްވާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ. މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑަށް އަސަރުކުރާ އެއް ގައުމަކަށް ރާއްޖެ ވާއިރު މޫސުމީ ނުރައްކާތަކުން ސަލާމަތްވުމަށް ރާއްޖެއިން މަސައްކަތްކުރަމުން ގެންދާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.
މީގެއިތުރުން ކޮވިޑް-19ން ދެމެހެއްޓެނިވި ގޮތެއްގައި އަރައިގަތުމަށް މަސައްކަތްކުރައްވާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.
ޝާހިދުގެ އުންމީދުގެ ރިޔާސަތުގައި އިސްކަން ދެއްވާނެ މައިގަނޑު 5 ކަމެއް މީގެކުރިންވެސް ވަނީ ހާމަކުރައްވާފައެވެ. އަދި ޒުވާން ޑިޕްލޮމެޓުން އުފެއްދެވުމަށް މަސައްކަތްކުރައްވާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.
އދ.ގެ 76 ވަނަ މަޖިލީހުގެ ރައީސް ކަމުގެ ގޮނޑިއަށް ވާދަ ކުރެއްވީ ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދާއި، އަފްޣާނިސްތާނުގެ ކުރީގެ ފޮރިން މިނިސްޓަރ ޑރ.ޒަލްމާއި ރަސޫލެވެ. ޝާހިދު މި އިންތިޚާބު ކާމިޔާބު ކުރައްވާފައިވަނީ 143 ވޯޓު ކާމިޔާބު ކުރައްވައިގެންނެވެ.
އދ.ގެ އާންމު މަޖިލީހުގައި މެންބަރު 193 ގައުމުން ބައިވެރިވި މި ވޯޓުގައި ރައީސަކު ހޮވާފައި މިވަނީ ސިއްރު ވޯޓަކުންނެވެ.