ކ. މާލެ
|
14 ސެޕްޓެންބަރ 2021 | އަންގާރަ 13:12
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެމްބަރުން މަޖިލީހުގެ ކޮމިޓީއަށް މައުލޫމާތު ދެއްވަނީ
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެމްބަރުން މަޖިލީހުގެ ކޮމިޓީއަށް މައުލޫމާތު ދެއްވަނީ
ހިޔާ މަޝްރޫއުގެ ހިޔާނަތް
ކުރީ ސަރުކާރުން ފްލެޓު ބެހި ގޮތާ ގުޅޭ ކޮރަޕްޝަން މައްސަލަތައް އޭސީސީން ތަހުގީގު ކުރަނީ
 
މައްސަލަ ތަހުގީގުކުރުމަށް ކޮމިޝަނުން ނިންމާފައިވާކަން ވަނީ އަންގާފައި
 
ފްލެޓްތައް ދީފައި ވަނީ "ހައްގުވެރިންނަށް" ކަމަށް މުއިއްޒު ވިދާޅުވި
 
އޭރު ފްލެޓްތައް ބަހާ ނިންމާލީ އެކަމަށް ކަނޑައެޅި ކޮމިޓީއަކުން

ހިޔާ މަޝްރޫއުގެ ދަށުން ފްލެޓު ލިބޭނެކަމަށް 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ކުރީކޮޅު އިއުލާނުކުރި ލިސްޓު އެކުލަވާލާފައިވާ ގޮތާ ގުޅޭ ކޮރަޕްޝަންގެ މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަން ފަށައިފިއެވެ.

ފްލެޓް ލިބޭނެ ކަމަށް ހައުސިން މިނިސްޓްރީން 2017 ވަނަ އަހަރު އިއުލާން ކުރި ލިސްޓް އާންމު ކުރި އިރު އެ މީހުންގެ ނަމާއި ލިބުނު މާކްސްތައް އާންމުކޮށްފައި ނުވާތީ އޭރުވެސް އާންމުންނާއި އިދިކޮޅު ފަރާތްތަކުން ވަނީ ސަރުކާރަށް ބޮޑެތި ފާޑުކިއުންތައް އަމާޒު ކޮށްފައެވެ. އޭރު ކުޑަމިނުން ޕޮއިންޓް ދިން ގޮތްވެސް ރައްޔިތުންނަށް ރަނގަޅަށް ސާފު ކޮށްދެވިފައެއް ނުވެއެވެ. އެގޮތުން ރައީސް ޔާމީންގެ ވެރިކަމުގެ ފަހުކޮޅުގައި އަވަސް އަރުވާލައިގެން ފްލެޓްތައް ބަހައި ނިންމާލި މައްސަލާގައި އޭރުގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒަށް ވެސް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވުމުން، އޭނާ ވިދާޅުވެފައި ވަނީ ފްލެޓްތައް ދީފައި ވަނީ "ހައްގުވެރިންނަށް" ކަމަށެވެ.

އޭރު ފްލެޓްތައް ބަހާ ނިންމާލީ އެކަމަށް ކަނޑައެޅި ކޮމިޓީއަކުންނެވެ. 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 6 ވަނަ ދުވަހު އުފެއްދި މި ކޮމިޓީގެ މެމްބަރުންނަށް ވެސް ފްލެޓު ލިބިފައިވެއެވެ. މިފަދަ ސަބަބުތަކާހެދި ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް އޭރު މިކަމުގައި އިސްކޮށް އުޅުއްވި ފަރާތްތަކުގެ މައްޗަށް ކުރެވިފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުން ވެސް މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާއިރު، އޭސީސީއަށް މިކަމާ ގުޅޭ މައްސަލައެއް ވެސް ހުށައަޅާފައިވެއެވެ. މި މައްސަލައިގެ ޖަވާބުގައި އޭސީސީން ވަނީ މި މައްސަލަ ތަހުގީގު ކުރުމަށް ކޮމިޝަނުން ނިންމާފައިވާކަން ރަސްމީކޮށް މަޖިލިސް އިދާރާއަށް ވެސް އަންގާފައެވެ.

ފްލެޓު މަޝްރޫއު އިވެލުއޭޓް ކުރުމަށް ކުރީ ސަރުކާރުން އުފެއްދި ކޮމިޓީއަށް ފާހަގަނުވި އެތައް މައްސަލައެއް މި ސަރުކާރުން އުފައްދާފައިވާ "ފްލެޓުތަކުގެ މައްސަލަ ބަލާ ކޮމިޓީ"ން ފާހަގަކޮށްފައިވެއެވެ. އެގޮތުން އޭރުގެ ސަރުކާރުން ފްލެޓްތަކަށް ޕޮއިންޓް ދީފައިވަނީ އެކަށީގެންވާ އުސޫލެއް ހަމައެއް ނެތިކަން ބަޔާން ކޮށްފައިވާއިރު، މިއީ ޚުދު އެ މަސައްކަތުގައި އޭރު އުޅުއްވި މުވައްޒަފުން ވެސް ފާހަގަ ކުރަމުންދާ ކަންކަމެވެ. އެގޮތުން ނަން ނުޖެހުމަށް ޝަރުތުކޮށް، އޭރު ހައުސިންގ މިނިސްޓްރީގައި މަސައްކަތް ކުރި މުވައްޒަފަކު "ރާއްޖެއެމްވީ" އަށް މައުލޫމާތު ދީފައިވާ ގޮތުގައި އޭރު ފޯމުތައް ގުދަންކޮށް، ދޭތެރެއަކުން ވަކި ފޯމުތަކެއް ގެނައުމަށް "އޯޑަރު" އާދެއެވެ. އޯޑަރު އަންނަނީ ވެސް ސީދާ މިނިސްޓަރުގެ ބިއުރޯގެ ތެރެއިންކަމަށް ވެއެވެ. އަދި ދިރިއުޅުމުގެ ޙާލަތު ބަލާ ގިންތިއަށް މާރކްސް ދެނީ މިނިސްޓަރުގެ ބިއުރޯއަށް ގެންގޮސް ސިއްރުން ކަމަށް އޭނާ ބުންޏެވެ. ދެން މި ފޯމުތައް ދަނީ އޭރުގެ ފްލެޓު ކޮމިޓީއަށް ކަމަށް އޭނާ މައުލޫމާތު ދިނެވެ.

މިފަދަ އެތައް ކަމެއް އެތަނުގައި އުޅުނު ބައެއް މުވައްޒަފުން ދަނީ ތަފްސީލުކޮށް ހިއްސާ ކުރަމުންނެވެ.

ފްލެޓްގެ ކުލި 5،600 އަށް ކުޑަކުރުމާއި، ފްލެޓްގެ ފިނިޝިންގއަށް ދީފައިވާ މުއްދަތު 12 މަސްދުވަހަށް އިތުރުކޮށްދިނުމާއި، ފްލެޓްގެ ޖުމްލަ ކުލިން އެއްލައްކަ ރުފިޔާ ކުޑަކުރުމަށް އެދި މަޖިލީހަށް ވަނީ ޕެޓިޝަނެއް ވެސް ހުށައަހަޅާފައެވެ. މި ޕެޓިޝަން ހުށަހަޅާފައިވަނީ ދެހާހަށްވުރެ ގިނަ މީހުންގެ ސޮޔާއެކުގައެވެ. ނަމަވެސް މިއީ ގާތްގަނޑަކަށް ތިރީސް ހާހެއްހާ މީހުންގެ ކަންބޮޑުވުންކަން ފާހަގަކުރައްވައި މަޖިލިސް މެމްބަރުން ވެސް ވަނީ މިކަމަކީ ބަޔަކު މީހުން ވެފައިވާ އިހުމާލެއްގެ ސަބަބުން ނުކުމެފައިވާ މައްސަލައެއްކަމަށް ވިދާޅުވެފައެވެ.

ހިޔާ ފްލެޓް އެވޯޑްކުރުމުގައި ބަޔަކަށް މާލީ މަންފާއެއް ލިބިފައިވޭތޯ ބަލަން ޖެހޭ ކަމަަށާއި، އެފަދަ މަންފާއެއް ލިބިފައިވާނަމަ އެކަން ރަނގަޅަށް ބަލައި ފިޔަވަޅު އެޅެން ޖެހޭ ކަމަށް މެމްބަރުން ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް