އަޅުގަނޑުމެންގެ ހުށަހެޅުން ގަބޫލުކުރައްވާ ރައީސުލްޖުމްހޫރިއްޔާ އިސްތިއުފާ ދެއްވަން އެއްބަސްވެވަޑައިގެންފި. އެމަނިކުފާނު އިސްތިއުފާ ދެއްވާނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި. މިއީ 7 ފެބްރުއަރީގައި ދައުލަތް ހިމާޔަތް ކުރަން ތިބި ބަޔެއްގެ ފަރާތުން އިވިގެން ދިޔަ ވާހަކައެވެ. ބަޢާވާތެއް ކުރިކަން ދޭހަވާ އެއް ހެއްކެވެ. މިއީ ތޯތޯ ވާހަކައެއް ނޫނެވެ. މިއީ އެތައް ހާސްބައެއްގެ ކުރިމަތީގައި ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ހޭވި ހަޑިއެކެވެ. މުޑުދާރު އަމަލެކެވެ.
ނަމަވެސް މިކަމުގެ އަސްލު އޮޅުވާލާ ފަސްބައި ރީތިކުރަން ބައެއް މީހުން ނިކަން މަސައްކަތް ކުރެއެވެ. އެކަން އެހެން ނުކުރެވޭނެއެވެ. ފޮޓޯތަކާއި އޯޑިއޯތަކާއި ވީޑިއޯތައް ވެސް އެބަހުއްޓެވެ. މުގުރާއި ޕެޕަރ ސްޕްރޭ ހިފައިގެން ނުކުމެ އަމުރަން ނުކިޔަމަންތެރިވި މަންޒަރާއި ހެކި ވެސް އެބަހުއްޓެވެ. އެއްބައި ސިފައިން ގޮވަމުން ދިޔައީ އެމްއެންޑީއެފް ހަބޭހެވެ. ދެން ގޮވަމުން ދިޔައީ ވެރިކަން ވައްޓާލާށެވެ. ދެން އިވެން ފެށީ އަޅުގަނޑުމެންގެ ހުށަހެޅުން ގަބޫލުކުރައްވާ ރައީސުލްޖުމްހޫރިއްޔާ މަގާމުން އިސްތިއުފާ ދެއްވަން ނިންމެވި ވާހަކައެވެ.
7 ފެބްރުއަރީ 2012ވަނަ ދުވަހު, ރައީސުލްޖުމްހޫރިއްޔާއާއި އަދި ދިވެހި ދައުލަތާ ދެކޮޅަށް ބަޔަކު ނުކުމެ ގާނޫނު އަސާސީއާ ޚިލާފަށް އޭރުގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުކޮށް ސިޔާސީ ބައެއް ފަރާތްތަކުން ވަނީ ބަޣާވާތެއް ކޮށްފައި ކަމަށް ގިނަ ބަޔަކު ބުނެއެވެ.
ކޮންމެ ސަބަބެއް މެދުވެރިވެގެން ކަމަށް ވިޔަސް، ފެބްރުއަރީ 7 ވަނަ ދުވަހު ރައީސް ނަޝީދުގެ ވެރިކަން ބަދަލުކުރިއެވެ. ގައުމީ މަސްލަހަތު އިސްކުރުމުގެ ބަދަލުގައި ރޯވެފައި ހުރި އަލިފާންގަނޑަށް ސިޔާސީ ވެރިން އަޅަމުންދިޔަ ދަރާއެކު، ސަލާމަތީ ބާރުތަކުގެ އޮފިސަރުން ބަދަލުވާން ފެށިކަމަށް ބުނެއެވެ. ﷲ ގަންދީ ކޮށްގެން ތިބި ހުވާގެ މަތިން ހަނދާން ނައްތާލައި، ވެރިކަމާ ދެކޮޅަށް ނުކުތެވެ. މިއީ ދިވެހިރާއްޖޭގެ ތާރީޚުގައި ކަޅު ސަފުހާއެކެވެ. އެންމެ ހުތުރު މަންޒަރުތައް ފެނިގެން ދިޔަ އެއް ދުވަހެވެ. އެމްއެންޑީއެފްގެ ތަކެއްޗަށް ގެއްލުން ދިނެވެ. ފުލުހުންގެ ހެޑްކްއާޓަރުގެ ބައެއް ތަންތަން ސުންނާފަތިކޮށްލިއެވެ. ދައުލަތުގެ ވެރިންނަށް ޖިސްމާނީ އަނިޔާ ދިނެވެ. ސިފައިންނާއި ފުލުހުން ކުރިމަތިލުމަކަށް ދިޔައެވެ. އެއްބަޔަކު އަނެއް ބައެއްގެ ގަޔަކަށް ކަރުނަ ގޭސް ޖެހިއެވެ. ރަބަރު ވަޒަން ޖެހިއެވެ. އެ ދުވަހު ފުލުހުންނާއި ސިފައިން މަގުތަކަށް ނުކުމެއް ކުރީ ބަޣާވާތެކެވެ. އެއަށް ކިޔޭނެ އެހެން ނަމެއް ނެތެވެ.
ރައީސުލްޖުމްހޫރިއްޔާ އާއި ދިވެހި ދައުލަތް (ރައްޔިތުން) ގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ދިނުމަކީ ސިފައިންގެ ގާނޫނުގެ 2 ވަނަ މާއްދާ (ސިފައިންގެ މަގްސަދު) ގެ (ހ) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި ދިވެހި ދައުލަތް ހިމާޔަތްކޮށް ރައްކާތެރިކަމާއެކު ބެލެހެއްޓުން، އަދި (ރ) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީއާއެއްގޮތްވާ ގޮތުގެމަތިން ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގްލާލް އަދި ސިޔާދަތު ހިމާޔަތްކޮށް ދިފާއުކުރުން، އަދި (ނ) ދިވެހިރާއްޖޭގެ ގާނޫނީ ވެރިކަމަށް އުނިކަމެއް އަތުވެދާނެ ގާނޫނާ ޚިލާފު ކޮންމެ ކަމަކުން ދިވެހިރާއްޖޭގެ ގާނޫނީ ވެރިކަން ހިމާޔަތްކުރުން، އަދި (ރ) ދިވެހިރާއްޖޭގެ ދައުލަތަށް ދިމާވާ ކުއްލި ހާލަތްތަކުގައި އަވަސް އަދި ކުއްލި ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން ކުރަންޖެހޭއެންމެހާ ކަންތައް ކުރުން ކަމަށް ބަޔާން ކޮށްފައިވެއެވެ. ނަމަވެސް މިކަމަށް ބެލި މީހަކު އެދުވަހަކު ނެތެވެ.
7 ފެބްރުއަރީގައި އާންމު ރައްޔިތުންނަށް ދިން އަނިޔާގެ ނިޝާންތައް އަދި ނުފިލައެވެ. އަދިވެސް އެ ޒަޚަމްތައް ހުރީ ރޮލާއެވެ. ދިވެހި ރައްޔިތުންގެ ވެރިކަން ފޭރިގަންނަން ދިވެހި ރައްޔިތުންނަށް އަނިޔާދީ ނުވިތާކަށް އެމްޑީޕީގެ ހަރުގެއަށްވަދެ އެތަންވެސް ސުންނާފަތިކޮށްލިއެވެ. ރައީސް ނަޝީދު ވެރިކަމުން ދުރުކުރުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން ދައުލަތުގެ މީޑިއާ ހިންގަމުންގެންދިޔަ އިމާރާތް ކަމުގައިވާ ޓެލެވިލްޒަން މޯލްޑިވްސް (ޓީވީއެމް) ނުވަތަ މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެންބސީ) އިމާރާތުގެ ގޭޓަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޔުނިފޯމާއި، މޯލްޑިވްސް ނޭޝަނަލްޑިފެންސް ފޯރސްގެ ޔުނިފޯރމް އަޅައިގެން ތިބި ބަޔަކު ވަނީ އެ އިމާރާތަށް ހަމަލާއެއްދީ ތަނުގައި ތިބި މުވައްޒަފުން ރަހީނުކޮށް، ދައުލަތުގެ މީޑިޔާގެ ލައިވް ފުރީކުއެންސީ ހުއްޓާލައިފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މަގާމުން ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވުމުގެ ކުރިން، ރައީސުލްޖުމްހޫރިއްޔާގެ އޯޑަރުތަކަށް ބޯލެނބުމެއް ނެތި، ދައުލަތުގެ މުދަލަށް ގެއްލުން ދިނުމަކީ ގާނޫނީ ބޮޑު ކުށެކެވެ. އަދި ހަމަ އެޔާއި އެކު ރައްޔިތުންގެ މުދަލާއި ފުރާނައާއި މި ގައުމުގެ ވަހުދަތާއި އިސްތިގްލާލް ނަގަހައްޓަން ހުވައެއް ކޮށްގެން ތިބި ބަޔަކު ރައްޔިތުންގެ މުދަލަށް ގެއްލުންދީ، ރައްޔިތުންނަށް ބިރު ދައްކާ، ރައްޔިތުން ރަހީނު ކުރުމަކީ ގާނޫނީ ބޮޑު ކުށެކެވެ.
މިރާއްޖޭގައި ހިނގާދިޔަ 3 ނޮވެމްބަރުގެ އުދުވާނީ ހަމަލާއާއި ޚިލާފަށް ދިވެހި ފުލުހުންގެ ތެރެއިން މަދު ބަޔަކާއި، ގައުމީ ދިފާއީ ބާރުގެ ތެރޭން މަދު ބަޔަކާއި، ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާފައިވާ މަދު ވަޒީރުންގެ ބަޔަކުވީ އިހުމާލުގެ ސަބަބުން ހިނގާދިޔަ ބަޣާވާތަކީ ދުރާލާ ރޭވިގެން ހިނގާފައިވާ ކަމެއް ކަމުގައި ސާފުކޮށް އެނގެން އެބައޮތެވެ. ސިލޯނުގެ ކޮޅުނބުގައި ޑިސެމްބަރ 2011 ގައި ކުރީގެ 5 ބަންޑާރަ ނާއިބުން ބައްދަލުކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވެއެވެ. ބައެއް މުއްސަދި މަހުޖަނުން ފަންޑުކޮށްފައިވާ ކަމީ ވެސް ފެންނަން އޮތް ހަގީގަތެކެވެ.
އިދިކޮޅުގެ ބައެއް ސިޔާސީ ބޭފުޅުންނާއި އެކަން ރޭވުމުގެ އަޑީގައި ތިބި މުއްސަނދި މަހުޖަނުންނަނަށް އެއީ ތާރީޚީ ދުވަހެކެވެ. ބަޔަކަށް އެއީ އުފާވެރި ދުވަހަކަށް ވިޔަސް ގައުމެއްގެ ހައިސިއްޔަތުން އެއީ ފަޚުރުވެރި ދުވަހެއް ނޫނެވެ. އޭރު އެންމެންނަށް ވެސް ގޯސްތަކެއް ހެދުނެވެ. އެކަން ގަބޫލު ކުރަންޖެހެއެވެ. އަދި މާޒީ ހަނދާން ނައްތާލައި މައާފު ވެސް ކުރަންޖެހެއެވެ. މައާފަށް އެދެން ވެސް ޖެހެއެވެ. މައާފަށް ނޭދި އަދި މައާފް ނުކޮށް މިގޮތަށް ދޫނުދީ ގައުމަށް ހަމަޖެހުމެއް ނާންނާނެއެވެ. ނަމަވެސް އޭގެ މާނައަކީ އަދި ފެބްރުއަރީ 7 އަށް އިންސާފު ނުލިބުމެއް ނޫނެވެ. އެކަމަށް ވެސް އިންސާފު ލިބެންޖެހެއެވެ.
ރައީސް ނަޝީދުގެ ވެރިކަން ބަދަލުކުރި ގޮތާ މެދު ކޯނީ ރިޕޯޓުން ކޮންމެ ގޮތަކަށް ނިންމި ނަމަވެސް، ރަނގަޅު ތަހުގީގެއް ހިންގައިފި ނަމަ، އަދިވެސް ތިލަކުރެވިދާނެ އެތައް ކަމެއް އެބަހުއްޓެވެ. ކޯނީގެ ރިޕޯޓް ގަބޫލްކުރި ފަރާތްތަކަށް ވެސް ކުރަން ނުކެރުނު ކަމަކީ ގާނޫނާ ޚިލާފުވި ފުލުހުންގެ މައްސަލަ ބެލުމެވެ. މިކަމުން ވެސް، ފުލުހުންނާއި ސިފައިން ފެބްރުއަރީ 7 އަދި 8 ގައި ހިންގި ޖަރީމާތަކަކީ ގާނޫނާ ޚިލާފު، އަދި ބައެއްގެ ވާގިވެރިކަން ލިބިގެން ހިންގި ޖަރީމާތަކެއްކަން އެނގެއެވެ. އެކަމަށް ހިތްވަރު ދިން މީހުން އެބަ ތިއްބެވެ. މައްސަލައަކީ، ދައުލަތުގެ މުއައްސަސާތަކުގެ ވާގި ނެތި، އެ ބޭފުޅުންގެ ގާނޫނީ ޒިންމާ ހަނދާން ނެތުމެވެ. ގައުމުގެ މަސްލަހަތަށް ވުރެ އަމިއްލަ މަސްލަހަތު އިސްކުރުމެވެ.
އިންސާފު ހޯދައިދޭން ކުރިން ވެސް ސަރުކާރުތަކެއް އުފެދުނެވެ. ނަމަވެސް އެ ސަރުކާރުތަކުގައި ތިބީ ފެބްރުއަރީ 7 ގެނައި މީހުންނެވެ. އެކަން ރޭވި މީހުންނާއި ފަންޑު ކުރި މީހުންނެވެ. އެ މީހުންނަށް އެކަމަށް އިންސާފު ހޯދައި ނުދެވުނެވެ.