އިނގިރޭސިވިލާތުގެ އިމިގްރޭޝަންގެ ކުށްތަކެއްގައި އެގައުމުގައި ހައްޔަރުކޮށްފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު އެނބުރި އަންނާނެކަމަށް ވިދާޅުވެ ކުއްލި ގޮތަކަށް ޓްވީޓެއް ކުރައްވައިފިއެވެ.
އަލީ ވަހީދު އިނގިރޭސިވިލާތުގެ ފުލުހުން ހައްޔަރުކޮށްފައިވަނީ އޮގަސްޓް މަހުގެ 25 ވަނަ ދުވަހު ރާއްޖޭގެ ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ތައްޔާރުވެވަޑައިގެން އިންނަވަނިކޮށެވެ. ވިސާގެ މައްސަލައިގައި އޭނާ ހައްޔަރު ކުރިތާ 12 ދުވަސް ފަހުން ފުލުހުން ބުނެފައިވަނީ ކުރީގެ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު އިމިގްރޭޝަން ކުށްތަކެއްގައި އިނގިރޭސިވިލާތުގައި ހައްޔަރުކޮށްފައި ހުރިކަން އެގައުމުގެ ފުލުހުންނާ ހަވާލާދީ ދިވެހި ފުލުހުންގެ ޚިދުމަތަށް ރަސްމީކޮށް އަންގާފައިވާކަމަށެވެ.
ޓޫރިޒަމް މިނިސްޓަރު ކަމުގައި ހުންނަވައިގެން އެ މިނިސްޓްރީގެ އަންހެން މުވައްޒަފުން ތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގެ ޝަރީޢަތް ފަށާފައިވަނިކޮށް ޕާސްޕޯޓު ދޫކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރާއެކު އަލީ ވަހީދު އިނގިރޭސިވިލާތަށް ވަޑައިގެންނެވީ މިއަހަރުގެ ފެބްރުއަރީ މަހުގެ 9 ވަނަ ދުވަހުއެވެ. އޭގެފަހުން އަލީ ވަހީދުގެ ފަރާތުން އެއްވެސް ވާހަކައެއް އަޑެއްނީވި ހުރެ ކުއްލި ގޮތަކަށް ކުރެއްވި ޓްވީޓުގައި ވަނީ އެމަނިކުފާނުގެ މައްޗަށް ކުރަނީ ސިޔާސީ ދައުވާތަކެއް ކަމަށާއި ފްރޭމް ކުރުން ކަމަށް ދޭހަވާގޮތަށް ވާހަކަދައްކަވާފައެވެ. އަދި އަދުލުވެރި ޝަރުޢީ ނިޒާމެއް ދިވެހި ރައްޔިތުންނަށް ހޯދައިދިނުމަށްޓަކައި ވާންޖެހުނު ކޮންމެ ގުރުބާނީއެއް ވާނެކަމަށް ވަނީ ވިދާޅުވެފައެވެ.
އަލީ ވަހީދުގެ ޓްވީޓްގައި ވަނީ "ސިޔާސީ ދަޢުވާތަކާއި މީހުން ފްރޭމް ކުރުމާއި އަނިޔާވެރިކަމުގެ ކުރިމަތީ ފަހަތަށް ނުޖެހޭނަން. އިންސާފުވެރި ޢަދުލުވެރި ޝަރުޢީ ނިޒާމެއް ދިވެހި ރައްޔިތުންނަށް ހޯދައިދިނުމަށްޓަކައި ވާން ޖެހުނު ކޮންމެ ގުރުބާނީއެއް ވާނަން. އިރާދަފުޅުން ދައްކަން އުޅުނު ވާހަކަ ދައްކާނަން. އެނބުރި އަންނާނަން" މިހެންނެވެ.
އަލީ ވަހީދު މިޓްވީޓް ކުރެއްވިއިރު ހުންނެވީ އިނގިރޭސިވިލާތުގެ ފުލުހުންގެ ބަންދުން މިނިވަންވެފައި ކަމަށް ނުވަތަ ނޫންކަމެއް ސާފެއް ނޫނެވެ.
އޭގެކުރިން އަލީ ވަހީދު ޓްވީޓެއް ކުރައްވާފައިވަނީ އޮގަސްޓް މަހުގެ 24 ވަނަ ދުވަހުއެވެ. އެއީ ނޫސްވެރިންނާ ބައްދަލުކުރައްވާނެކަން އިއުލާންކުރެއްވުމުގެ ގޮތުންނެވެ. އޭގެފަހުން އިނގިރޭސިވިލާތުގެ ފުލުހުން ހައްޔަރުކޮށްފައިވާއިރު އަލީ ވަހީދު ރާއްޖެ ގެނައުމުގެ މަސައްކަތާ ގުޅޭގޮތުން ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަލީ ވަހީދުގެ މައްޗަށް ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމް ތަންފީޒު ކުރުމަށް ރާއްޖެ ގެނައުމަށްޓަކައި އިންޓަރޕޯލް މެދުވެރިކޮށް ކުރަން ޖެހޭ ކަންކަން ކުރަމުންދާ ކަމަށެވެ. އަދި ފުލުހުންގެ ފަރާތުން ޕޮލިސް ޓު ޕޮލިސް ކޯޕަރޭޝަން މެދުވެރިކޮށް ވެސް އިތުރަށް މި މަސައްކަތް ކުރަމުންދާ ކަމަށެވެ.
ރާއްޖެ އެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަލީ ވަހީދު ގެނައުމަށްޓަކައި އިންޓަރޕޯލްގައި އެދުމަށް ފުލުހުން ވަނީ ތައްޔާރުވެފައެވެ. އަދި ވަރަށް އަވަހަށް ފުލުހުން އިންޓަރޕޯލްގައި އެދޭނެއެވެ.
އަލީ ވަހީދު ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުންދަނީ ސުޕްރީމް ކޯޓުގެ ޙުރުމަތް ކެނޑިކަމުގެ ކުށުގައި އޭނާގެ މައްޗަށް އިއްވާފައިވާ 2 މަހާއި 12 ދުވަހުގެ ހުކުމް ތަންފީޒު ކުރުމަށް އޭނާ މާލެ ގެނައުމަށް ކަރެކްޝަންގެ މައްޗަށް އަންގާފައިވާތީ ކަރެކްޝަނުން ފުލުހުންގެ އެހީތެރިކަމަށް އެދިފައިވާތީއެވެ.
ޢަލީ ވަޙީދު ހައްޔަރުކޮށްފައިވަނީ ވިސާ ހަމަވެގެން ކަމަށް މިހާތަނަށް ރިޕޯޓްކޮށްފައިވާ އިރު، އިނގިރޭސިވިލާތުގެ ގެޓްވިކްގައި ހުރި ޖަލެއްގައި އޭނާ ހުންނެވި ކަމަށް ރާއްޖެއެމްވީއަށް ވަނީ ކަށަވަރުވެފައެވެ. ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ކްރިމިނަލް ކޯޓުގައި އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުން ވަނީ ފެށިފައެވެ. މި ޝަރީޢަތްތަކަށް ހާޒިރު ނުވެ އޮންލައިންކޮށް ޝަރީޢަތުގައި ބައިވެރިވާ މައްސަަލައިގައި ޕީޖީންވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ޢަލީ ވަޙީދު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށްޓަކައި، އެދިވަޑައިގަތުމުން ކޯޓު އަމުރެއްގެ ދަށުން ޕާސްޕޯޓު ދޫކުރީ ހަތަރު މަހަށެވެ. އަދި އެކަން ކުރީ އަސްއަދު ޢަލީ (އަޑުބަރޭ) ޖާމިނުވާގޮތަށެވެ. އެހެންނަމަވެސް ހަތަރު މަސް ފާއިތުވެ، ޝަރީޢަތް ފެށުނު އިރު ވެސް އަލީ ވަހީދު އެނބުރި ރާއްޖެއަށް ވަޑައެއްނުގަންނަވައެވެ. އަދި އެކަމުގެ ޒިންމާ އަޑުބަރޭ ވެސް ނަގާފައެއް ނުވެއެވެ.
ޕާސްޕޯޓު ދޫކުރި މައްސަލަ ދައުލަތުން ހައިކޯޓާއި ސުޕްރީމް ކޯޓުގައި ވެސް އިސްތިއުނާފުކުރިއެވެ. ނަމަވެސް، އަލީ ވަހީދު އުޅުއްވާ އެޑްރެސް ނޭނގޭ ކަމަށް ބުނެ، ޗިޓް ނުފޮނުވިގެން އޭނާގެ ޕާސްޕޯޓް ހިފަހައްޓައިދޭން ހައިކޯޓަށާއި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ވެސް ވަނީ ބޭރު ކޮށްލާފައެވެ. އޭނާގެ ޕާސްޕޯޓް ހިފަހައްޓަން ކުރިމިނަލް ކޯޓުގައި އެދުމުން އެ އަމުރު ނެރެނުދިން މައްސަލަ ޕީޖީން ހައިކޯޓަށް ހުށަހެޅިއެވެ. އެހެންނަމަވެސް، އަލީ ވަހީދުގެ ޣައިރު ހާޒިރުގައި މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ، ހައި ކޯޓުން މައްސަލަ ބަލައިގެންފައެއް ނުވެއެވެ.
ހައިކޯޓުގެ ރެޖިސްޓްރާރގެ އެ ނިންމުން ރިވިއުކޮށްދޭން 10 އޮގަސްޓްވީ އަންގާރަ ދުވަހު ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ވަނީ އަނެއްކާވެސް އެ މައްސަލަ ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް ހުށަހަޅާފައެވެ.