ކ. މާލެ
|
9 ސެޕްޓެންބަރ 2021 | ބުރާސްފަތި 18:05
ކުރީގެ ފަސްޓް ލޭޑީއެއްގެ ފައުންޑޭޝަނުން އެސްޓީއޯގެ ހަނޑޫ ބެހުމަށް ޕެކްކޮށްފައި
ކުރީގެ ފަސްޓް ލޭޑީއެއްގެ ފައުންޑޭޝަނުން އެސްޓީއޯގެ ހަނޑޫ ބެހުމަށް ޕެކްކޮށްފައި
މުހައްމަދު ޝަރުހާން
މަގޭ ރިޕޯޓް
މަހާރެހެންދި ހެދިގެން ދައުލަތް ހުސްނުކުރިޔަސް މީހުންގެ ރުހުން ލިބޭނެ
 
ދައުލަތުގެ މާލިއްޔާއިން ޚަރަދު ނުކޮށްވެސް އާންމުގެ ލޯބި ހޯދިދާނެ
 
ސަދަގާތު ފައުންޑޭޝަނުން ހިންގި ބައެއް ކަންކަން ބަލާފައިވޭ

މީގެ އަހަރުތަކެއް ކުރިއަށް ޖެހިލާއިރު، ރަށްރަށަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގަންނަވާ އިރު، އަރިހުގައި ފަސްޓްލޭޑީ ވަޑައިގަންނަވާ ނަމަ ސިޓީ ބިޓީ ބަހާ ވާހަކަ ނިކަން ގަދައަށް އިވެއެވެ. ރުފިޔާ ނޫޓް ހުންނަކަމަށް ބުނާ މި ސިޓީ ބިޓީ ބަހާއިރު އެ ލިބެންވީ ކޮން ބަޔަކަށްކަން އަދި ދޭންޖެހެނީ ކޮން ބަޔަކަށް ކަން ބަޔާންކުރާ ލިސްޓެއް އޮވެއެވެ.

މީޑިއާތަކަށް ދައްކަނީ ފަސްޓް ލޭޑީއަކު ރައްޔިތުންނާއި ބައްދަލު ކުރާ މަންޒަރެވެ. ފަރުދާގެ ފުރަގަހުން އެތަކެއް ހާސް ރުފިޔާ ބަހާ ހުސްކުރާ މަންޒަރު ދެއްކިޔަ ނުދެއެވެ. މިކަމުގެ ފޯރި އެންމެ ގަދައަށް ހިއްޕާލީ 2018 ވަނަ އަހަރުގެ މެދުތެރެއާއި ފަހުކޮޅުގައެވެ. ރައީސުލްޖުމްހޫރިއްޔާއާއި ބައްދަލުކުރަން ބޭނުންވާ މީހުންނަށް ވުރެ ފަސްޓް ލޭޑީއާއި ބައްދަލުކުރަން ބޭނުންވާ މީހުން ގިނައެވެ. މި ދެންނެވި ސިޓީ ބިޓީއާއި ހަދިޔާތައް ބަހާ މަންޒަރު ނިކަން ގިނައެވެ.

ބައެއް ފަހަރު ފަހަރު ސަރުކާރު ހިއްސާވާ ކުންފުނިތަނުން ލޮރީ ލޮރީގައި ފުރާލައިގެން މުލިއާގެއަށް ވެއްދިހާ ސާމާނާއި ފާމަސީތައް ހުސްވަންދެން ޕެނަޑޯލް އާއި ގުދަން ހުސްވާ ވަރަށް ޗޮކްލެޓް ވެސް ބަންދުކުރިއެވެ. އަދި ކިއެއްތަ ރޯދަ މަސް ގާތްވުމުން ފަސްޓް ލޭޑީގެ ދަނޑުތަކުގައި ފައްކާވާ ކަދުރުވެސް ބަހައެވެ.

ސަދަގާތު ފައުންޑޭޝަނުގެ ނަމުގައި ކުދިންވެސް ޚިތާނު ކުރިއެވެ. ރޯދަ ހަދިޔާވެސް ބަހައެވެ. ލިޔެފައި އޮންނަނީ މެޑަމް ފާތުންގެ ހެޔޮ އެދުންތަކާއެކުއެވެ. ނަމަވެސް މި ބިލްތަކަށް މިލިއަނުން މިލިއަނުން ފައިސާ ދައްކަން ޖެހުނީ ނިކަމެތި ރައްޔިތުންގެ ޓެކްސް ފައިސާއިންނާއި ކުންފުނިތަކުގެ ހިއްސާދާރުންނަށް ލިބެން އޮތް ފައިދާއިންނެވެ.

މިހެން ދަމުންގޮސް ވެރިކަން ބަދަލުވިތަނާ ފައުންޑޭޝަން ފަގީރުވެ ދަނޑުތަކުގައި ހުރި ކަދުރު ރުއްތައް މަރުވެ، ގޮދަން ގުދަނުން ގޮދަން ވެސް ހުސްވިއެވެ. ފެކްޓްރީގައި މަސައްކަތް ކުރި ކުދިންކޮޅުވެސް ފިލިއެވެ. ބައެއް ކުދިންނަށް ވެރިމީހާ ލޮޓިއެއް ދިނީމަ ފިލާ ރައްކާވެސްވިއެވެ. ފައުންޑޭޝަނުގެ ވެރި މަހާރެންދި ދަމަކު ޖެހި ބަޑިއެއްހެން ގެއްލުނެވެ. މި ވާހަކަތައް އަދި ދިވެހިން ހަނދާނެއް ވެސް ނުނެތޭނެއެވެ.

ސައުދީ އަރަބިއްޔާއިން 2016 ވަނަ އަހަރު ރާއްޖެއަށް ހަދިޔާ ކުރި 50 ޓަނު ކަދުރުގެ ތެރެއިން 10 ޓަނު ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމްދީދީގެ ސަދަގާތު ފައުންޑޭޝަނަށް ނަގައި އެ ކަދުރު ބަހަމުން ދިޔަ މައްސަލަތަކެއް ވަނީ ފެންމަތިވިއެވެ. އަދި އެކަންވެސް އެއިރު މައްސަލަ ބަލަން ތިބި މީހުންނަށް ވީ އޯކޭ ކަމަކަށެވެ. ޚިތާނީ މޫސުމާއި ދިމާކޮށް އެޗްޑީސީން މިލިއަނުން ޚަރަދުކޮށް އާސަންދައިން ޚަރަދު ބަރަދު ބެލެހެއްޓި ސަދަގާތު ފައުންޑޭޝަންގެ ޚިތާނީ ޕާޓީތައް ވެސް ވީ އޯކޭ ކަމަކަށެވެ.

މީގެ އިތުރުން އިސްލާމިކް މިނިސްޓްރީގެ ވަގުފް ފަންޑަށް އަބޫދާބީގެ އަމިއްލަ ޖަމިއްޔާއަކުން ހަދިޔާކުރި  24،000 ޑޮލަރު (370،080ރ.) ތެރެއިން 12،000 ޑޮލަރު (185،040ރ.) ސަދަގާތް ފައުންޑޭޝަނަށް ލިބުނު ކަމަށް އޭސީސީގެ ތަހުގީގުން ފާހަގަކޮށްފައި އެބަހުއްޓެވެ. ދިވެހި ރައްޔިތުންގެ ފައިސާއިން ދިވެހިން ގުނބޯ ނުހެއްދެގިގެން އެންމެ ފަހުން ހިލޭ އެހީވެސް ސަދަގާތު ފައުންޑޭޝަނުން ނެގީއެވެ.

ކޮންމެޔަކަސް އެއްކަލަ ދީލަތު އޯގާތެރި ކަމަނާގެ އަޑެއް ވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމުނުފަހުން ނީވެއެވެ. އެއްކަލަ ސައުދީން ހަދިޔާކުރި ކަދުރުން ސަދަގާތްކުރި ފައުންޑޭޝަނުގެ ހިލަމެއް ވެސް ނެތެވެ. ނަމަވެސް އެކަމަނާގެ ފައުންޑޭޝަނުގެ ނަމުގައި އޭރު ހިންގި ކަންކަން ބޮޑެތި މީހުން ހަނދާން ނެތޭހާ ދުވަހެއް ނުވެއެވެ. ރަނގަޅަށް ވިސްނާލުމުން އެނގެނީ އޭރު ކުރި ކަންކަމަކީ މުޅިން ވެސް އާރާއި ބާރު އޮތުމުން ދެއްކުންތެރިކަމުގައި ޝައްކުގެ ނަޒަރުން ބެލިދާނެ "ޖަރީމާތައް" ކަމެވެ. ދައުލަތުގެ ކުންފުނިތަކާއި އާރާއި ބާރު ބޭނުންކޮށްގެން ހިންގާފައިވާ ކަމަށް ބެލެވޭ ކޮރަޕްޝަނުގެ އަމަލުތަކުގެ ފައިދާ އެ ފައުންޑޭޝަނަށް ވެސް ކޮށްފައިވާނެ ކަމެވެ. ތަހުގީގުކޮށް ބަލައި ކުރީގެ މެޑަމް އާއި އެކަމަނާގެ ފައުންޑޭޝަނާ ވެސް ސުވާލުކުރަންޖެހެއެވެ. މީގެ އަހަރެއްހާ ދުވަސް ކުރިން ސަން ސިޔާމް އޮޅިގެން ވިދާޅުވި ގޮތަށް ހަގީގަތުގައި ވެސް "ކުޅެދޭ މީހުން ނުކުޅެދޭ މީހުންނަށް ހައްދަވާ" ފައި ވޭތޯ ބަލަންޖެހެއެވެ.

މި ވާހަކަތައް މިހެން އަނެއްކާވެސް ދެކެވެން ފެށީ މިހާރުގެ ފަސްޓްލޭޑީ ފަޒްނާ އަހުމަދު ސްކޫލަށް 2 ވާހަކަ ފޮތް ހަދިޔާ ކުރެއްވި ވާހަކައާއި ގުޅުވައިގެންނެވެ. ނަމަވެސް ރައްޔިތުން މިވާހަކަ ދައްކަނީ މިހާރު ވެރިކަމުގައި ހުންނެވި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ އަނބިކަނބަލުންގެ ހިތްހެޔޮކަމާއި ގުޅުވައިގެންނެވެ. ވައްކަން ކޮށްގެނަކުން ނޫނެވެ.

ރައީސްގެ ދެކަނބަލުން ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ފަސްޓްލޭޑީ ސްކޫލަކަށް ދެ ފޮތް ހަދިޔާ ކުރައްވައިފި، މިހެން ސުރުޚީގައި އިނދެގެން ބައެއް ބޭފުޅުން އެ ޚަބަރަށް ކޮށްފައި ހުރި ކޮމެންޓްތަކަށް އަލިއަޅުވާލާނަމެވެ. މެޑަމް ފަޒްނާ ބޭނުން ނުވޭ ހަދިޔާ ދީފައި ބިލް ސަރުކާރަށް ފޮނުވާކަށް، މިހެން މީހަކު ކުރި ކޮމެންޓަކަށް އައި ޖަވާބުގައި އޮތީ ސަދަގާތު ފައުންޑޭޝަނުން ކިހާ ފައްކާ ކަމަށާއި އެ ބަހާލި އެއްޗެއްގެ ވާހަކައެވެ.

އެހެން މީހަކު ބުނެފައި އޮތީ ރެހެންދި ފާތުންހެން ދިވެހި ދައުލަތުގައި އޮތްހާ އެއްޗެއް ބަހަމުން މެޑަމް ފަޒްނާ ނުދުވާނެ ކަމަށެވެ. ސްކޫލްތަކަށް ހަދިޔާކުރި 2 ފޮތަކާއި ގުޅިގެން މި މީހާ ބުނީ އެކަމަނާގެ އަތުގައި އޮތް ވަރަކުން 2 ދިނަސް އެކެއް ދިނަސް ވަރިހަމަ ކަމަށެވެ. އިތުރު މީހަކު ބުނެފައި އޮތީ، ވައްކަންނުކޮށް ދޭ ހަދިޔާ ދިވެހިން ގަބޫލެއް ނުކުރާނެ ކަމަށާއި ސަދަގާތު ފައުންޑޭޝަން ކިޔާފައި ކުދިން ޚިތާނުކުރީ ނުސީދާކޮށް ނޫނީ ސިއްރުން ހޯދި ފައިސާއިން ކަމަށެވެ. އެ ގޮތް ގިނަ ބަޔަކަށް އޯކޭ ކަމަށެވެ.

ދައްކަން މިއުޅެނީ ދައުލަތުގެ މާލިއްޔާ ހުސްނުކޮށް ވެސް މަހާރެހެންދިކަން ކުރެވިދާނެ ވާހަކައެވެ. ދައުލަތުގެ ކުންފުނިތައް ބަގަރޫޓްވާ ވަރަށް އެތަންތަނުން ނަގުދު ފައިސާ ނުނެގިޔަސް ފަސްޓްލޭޑީކަން ކުރެވިދާނެ ވާހަކައެވެ. މީހުންގެ ލޯތްބާއި އަޅާލުން ލިބޭނީ އޯގާތެރިވެގެންނެވެ. އަޅާލުން ދީގެންނެވެ. މިހާރުގެ ފަސްޓްލޭޑީއަކީ އެފަދަ މިސާލެކެވެ.

ކޮމެންޓް