ފީފާ ވޯލްޑް ކަޕުގެ ޔޫރަޕް ކޮލިފައިންގައި ބުދަ ދުވަހުގެރޭ ކުޅުނު މެޗުތަކުން ސްޕެއިނާއި، ޖަރުމަން އަދި ބެލްޖިއަމަށް މޮޅުވެއްޖެއެވެ.
ގްރޫޕް ބީގައި ހިމެނޭ ސްޕެއިން މޮޅުވީ ރަށުން ބޭރުގައި ކުޅުނު މެޗުން ކޮސޯވޯ އަތުން 2-0 ގެ ނަތީޖާއަކުންނެވެ.
މި މެޗު ފަށައިގެން ސްޕެއިނުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ 32 ވަނަ މިނެޓުގައި އެ ގައުމުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު ސްޕެއިނަށް ކާމިޔާބުކޮށްދިނީ ޕަބްލޯ ފޯނާލްސްއެވެ. އޭގެ ފަހުން ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، ސްޕެއިނުން ލީޑު ފުޅާކޮށްފައިވަނީ މެޗުގެ ފަހު މިނެޓުގައެވެ. މި ލަނޑު އެ ގައުމަށް ކާމިޔާބުކޮށްދިނީ ފެރާން ޓޮރޭސެވެ.
މި މޮޅާއެކު ކޮލިފައިންގެ ގްރޫޕް ބީގެ އެއްވަނައިގައި އޮތް ސްޕެއިނަށް ވަނީ ކުޅުނު ހަ މެޗުން 13 ޕޮއިންޓް ލިބިފައެވެ. ދެވަނައިގައި އޮތް ސްވިޑެންއަށް ހަތަރު މެޗުން ލިބިފައިވަނީ ނުވަ ޕޮއިންޓެވެ. ކޮލިފައިންގައި ބުދަ ދުވަހުގެރޭ ކުޅުނު މެޗުން ސްވިޑެން ވަނީ ގްރީސް އަތުން 2-1 ގެ ނަތީޖާއަކުން ބަލިވެފައެވެ.
ކޮލިފައިންގެ ގްރޫޕް ޖޭގައި ހިމެނޭ ޖަރުމަނުން ބުދަ ދުވަހުގެރޭ ކުޅުނު މެޗުން މޮޅުވީ އައިސްލެންޑް އަތުން 4-0 ގެ ނަތީޖާއަކުންނެވެ.
އައިސްލެންޑުގައި ކުޅުނު މި މެޗުގައި ޖަރުމަނުން މޮޅު ކުޅުމެއް ދެއްކިއިރު، މެޗު ފަށައިގެން ހަތަރުވަނަ މިނެޓުގައި ސާޖް ގްނަބްރީ ވަނީ އެ ގައުމަށް ލީޑު ނަގާދީފައެވެ. އަދި އޭގެ 20 މިނެޓު ފަހުން ޖަރުމަނަށް ލީޑު ފުޅާކޮށްދިނީ އެންޓޯނިއޯ ރުޑިގާއެވެ. މި މެޗުގައި ޖަރުމަނުން ދެން ކާމިޔާބުކުރި އަނެއް ދެ ލަނޑު ދެވަނަ ހާފުގައި ފެނިގެންދިޔައިރު، މި ހާފު ފަށައިގެން 11 ވަނަ މިނެޓުގައި ލެރޯއި ސާނޭ ވަނީ އެ ގައުމުގެ ތިންވަނަ ލަނޑު ޖަހާފައެވެ. ދެން މި މެޗުގައި ޖަރުމަނުން ކާމިޔާބުކުރި ހަތަރުވަނަ ލަނޑު މެޗު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް ކާމިޔާބުކޮށްދިނީ ޓިމޯ ވާނާއެވެ.
މި މޮޅާއެކު ކޮލިފައިންގެ ގްރޫޕް ޖޭގެ އެއްވަނައިގައި ޖަރުމަން އޮތީ ހަ މެޗުން 15 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް އާމީނިއާއަށް ހަ މެޗުން 11 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް ރޯމޭނިއާއަށް ހަ މެޗުން ވަނީ 10 ޕޮއިންޓް ލިބިފައެވެ.
މީގެ އިތުރުން ކޮލިފައިންގެ ގްރޫޕް އީގައި ހިމެނޭ ބެލްޖިއަމުން ބުދަ ދުވަހުގެރޭ ކުޅުނު މެޗުން މޮޅުވީ ބެލަރޫސް އަތުން 1-0 ގެ ނަތީޖާއަކުންނެވެ.
ބެލަރޫސްގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ބެލްޖިއަމުން ކާމިޔާބުކޮށްފައިވަނީ ފުރަތަމަ ހާފުގައެވެ. މެޗުގެ 33 ވަނަ މިނެޓުގައި މި ލަނޑު އެ ގައުމަށް ކާމިޔާބުކޮށްދިނީ ޑެނިސް ޕްރައެޓެވެ.
މި މޮޅާއެކު ކޮލިފައިންގެ ގްރޫޕް އީގެ އެއްވަނައިގައި ބެލްޖިއަމް އޮތީ ހަ މެޗުން 16 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ޗެކް ރިޕަބްލިކާއި ތިންވަނައިގައި އޮތް ވޭލްސްއަށް ލިބިފައިވަނީ ހަތް ޕޮއިންޓެވެ. ކޮލިފައިންގައި ބުދަ ދުވަހުގެރޭ ކުޅުނު މެޗުން ވޭލްސް ވަނީ އަމިއްލަ ދަނޑުގައި އެސްޓޯނިއާއާ ބައްދަލުކޮށް ލަނޑެއް ނުޖެހި އެއްވަރުވެފައެވެ.